twitterviber whatsapp telegramfacebookyoutube instagram
25th April 2024

ނިކަމެތި ހާލުގައިވެސް މާތް ﷲ އަށް ޒިކުރުކުރަމުންދިޔަ މީހާ

ހ.މ
May 13, 2023

ނިކަމެތި ހާލުގައިވެސް މާތް ﷲ އަށް ޒިކުރުކުރަމުންދިޔަ މީހާ

އެއްރަށުން އަނެއް ރަށަށް ފަރުބަދަ މަތިން ދަތުރު ކުރަމުންދިޔަ ދަތުރުވެރިޔަކަށް، އެ ފަރުބަދަތަކާއި ކައިރި ސަރަހައްދަކުން މާތް ﷲ އަށް ޒިކުރުކޮށް ދުޢާކުރަމުންދިޔަ މީހެއްގެ އަޑު އިވުނެވެ. އެއީ ކާކުތޯ ބެލުމަށް އެ ދަތުރުވެރިޔާ ދިޔައެވެ.

ދަތުރުވެރިޔާއަށް ފެނުނީ ދުވަސްވީ ނިކަމެތި މީހެކެވެ. ލޮލުގެ ފެނުން ގެއްލިފައިވާ އެކަނިވެރިޔެކެވެ. ގައިގެ ވަރުދެރަވެފައިވާ ބަލި މީހެކެވެ. އެ ޙާލުގައި އޮވެގެންވެސް އެ މުސްކުޅި މީހާ ދިޔައީ ހުއްޓުމެއްނެތި އެއްކައުވަންތަ މާތް ﷲ އަށް ޒިކުރު ކުރަމުންނެވެ. އެ ނިކަމެތި މީހާ ދުޢާއެއް ކުރާ އަޑުއިވުނެވެ.

"މާތް ﷲ އަށް ޙަމްދު ހުއްޓެވެ. އެކަލާނގެއީ މިއަޅާއަށް ޙިމާޔަތާ ސަލާމަތްތެރިކަން ދެއްވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، އެކަލާނގެ ލެއްވި ތަނަވަސް ނިޢުމަތްތައް މިއަޅާއަށް ދެއްވި ދީލަތި ރަޙްމާންވަންތަ އިލާހެވެ"

މިދުޢާގެ އަޑު ދަތުރުވެރިޔާއަށް އިވުމުން އޭނާ މުސްކުޅި މީހާ ކުރެން އެހިއެވެ. މާތް ﷲ ތިބާ ސަލާމަތް ކޮށްދެއްވީ ކޮންކަމަކުން ހެއްޔެވެ؟ ތިބާއަށް ދުނިޔެވީ ތަފާތު ބޮޑެތި ކަންތައްތަކާ ކުރިމަތިވެފައިވާތަން އަހަރެންނަށް އެބަފެނެއެވެ. އެއާއެކު މުސްކުޅި މީހާ، ދަތުރުވެރިޔާ ދެކެ ރުޅިއައެވެ. އަދި އޭނާ ދޫކޮށް އެތަނުން ދިޔުމަށް ބުންޏެވެ.

މުސްކުޅި މީހާ ބުންޏެވެ. އޭ ދަތުރުވެރިޔާއެވެ. އަހަރެންނަށް ސަލާމަތުން އޮތް ދުލެއް ދެއްވާފައި އެބައޮތެވެ. އޭގެ ޒަރީޢާއިން އަހަރެންނަށް، މާތް ﷲ ގެ އެއްކައުވަންތަކަމަށް ހެކިވެ އެކަލާނގެއަށް ޒިކުރުކުރުމަށް އެހީތެރިވެއެވެ. އަދި އެކަލާނގެ ހަނދުމަކޮށްދީ ހުރުމަށް އެހީތެރިވެއެވެ. އަދި އެކަލާނގެ ވާކަން ޤަބޫލްކުރާ ހިތެއް އަހަރެންނަށް ލިބިފައި ވެއެވެ.

މުސްކުޅި މީހާގެ މިވާހަކަތަކުން ދަތުރުވެރިޔާއަށް ވިސްނި ހުރިހާ ކަމަކަށް ކުޅަދުންވަންތަ، ހުރިހާ ނިޢުމަތްތަކެއްގެ ވެރި މާތް ﷲ ގެ ކިބަޔަށް ޙަމްދުކުރިއެވެ. އަދި މުސްކުޅި މީހާގެ ކިބައިން މާފަށް އެދުނެވެ.

އަހަރެމެންގެ ހާލަކީ ކޮބައިތޯއެވެ؟ ތިމާއަށް ދެއްވާފައިވާ ނިޢުމަތްތަކަށް ޝުކުރު ކުރުމެއް އެއްވެސް ވަރަކަށް ނެތެވެ. އަބަދުވެސް އެހެން މީހުންނަށް ލިބިފައިވާ، ތިމާއަށް ނުލިބޭ އެއްޗަކާމެދު ނޫނީ އަޅުގަނޑުމެންގެ ގިނަމީހުންގެ ވިސްނުން ނުހުރެއެވެ. މާތް ﷲ ކީރިތި ޤުރުއާނުގެ ސޫރަތުލް އިބްރާހީމުގެ 34 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވަނީ؛

"އަދި އެކަލާނގެ ހަޟްރަތަށް ތިޔަބައިމީހުން ދެންނެވި ކޮންމެ އެއްޗެއް އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވިއެވެ. ﷲ ގެ ނިޢުމަތްތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެ ނިޢުމަތްތައް ޢަދަދެއް ނުކުރެވޭ ހުށްޓެވެ. ހަމަކަށަވަރުން، އިންސާނާއަކީ، އަނިޔާވެރިވުން ބޮޑު، ޝުކުރުކުރުން ނެތް މީހެކެވެ."

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355