ވަގުތުތައް ކޮންމެވެސް ކަމެއްގައި މިއޮންނަނީ އަބަދުވެސް ފުރިފައެވެ. ކޮންމެވެސް މަސައްކަތެއްގައެވެ. ވަޒީފާގައެވެ. ކިޔެވުމުގައެވެ. ތަންތަނަށް ދަތުރުކުރުމުގައެވެ. ހެޔޮ އަމަލެއް ކޮށްލުމަށް އޮންނަނީ ވަގުތެއް ނުވެފައެވެ. އެހެން ނަމަވެސް، ދީނުގެ މާތް ބޭކަލުން އެބޭކަލުންގެ ދިރިއުޅުގައި ލިބޭ ކިތަންމެ ކުޑަކުޑަ ވަގުތު ކޮޅެއްވެސް ހެޔޮކަމެއް ކުރުމަށް އަބަދުވެސް މަސައްކަތް ކުރެއެވެ. އެއީ ކިތަންމެ ކުޑަކަމެއް ކަމުގައިވިޔަސް މެއެވެ.
މިގޮތުން އަހަރެމެންގެ ދިރިއުޅުމުގައިވެސް ލިބޭ ކުޑަކުޑަ ވަގުތު ކޮޅެއްވެސް ހެޔޮކަމެއް ކުރެވޭތޯ ބަލަމާތޯއެވެ. ތިރީގައި ފާހަގަކޮށްލާފައި އެވަނީ އެގޮތުން ކުރެވިދާނެ ފަސޭހަ ނަމަވެސް އޭގެން އެތައް ގިނަގުނަ ސަވާބާއި ދަރުމަހުރި ބައެއް ކަންކަމެވެ. އުންމީދަކީ، މިލިޔުމުން އަޅުގަނޑަށާއި ކިޔުންތެރިންނަށް މަންފާއެއް ލިބުމެވެ.
ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީސްފުޅެއްގައި އައިސްފައިވެއެވެ.
" تَبَسُّمُكَ فِي وَجْهِ أَخِيْكَ لَكَ صَدَقَةٌ وَأَمْرُكَ بِالْمَعْرُوْفِ وَنَهْيُكَ عَنِ الْمُنْكَرِ صَدَقَةٌ وَإِرْشَادُكَ الرَّجْلَ فِي أَرْضِ الضَّلاَلِ لَكَ صَدَقَةٌ " (رواه الترمذي)
މާނައީ: ތިބާގެ އަޚާގެ މޫނުމަތީގައި ތިބާ ހިނިތުންވެލުމަކީ ތިބާއަށް ހުރި ޞަދަޤާތެކެވެ. ތިބާ ހެޔޮ ކަމަކަށް ގޮވާލައި މުންކަރާތަކުން ނަހީކުރުމަކީ ތިބާއަށް ހުރި ޞަދަޤާތެކެވެ. އަދި މަގު ގެއްލިފައިވާ މީހާއަށް މަގު ދައްކާދިނުމަކީ ތިބާއަށް ހުރި ޞަދަޤާތެކެވެ."
ހިނިތުންވުމަކީ ކޮންމެ މީހަކަށްވެސް ކޮށްލެވޭނެ ފަސޭހަ ކަމެކެވެ. ތިމާގެ އަޚުންނާއި އުޚުތުން ކުރިމަތީ ހިނިތުންވެލުމުން ތިމާއަށްވެސް އޭގެ ހިތްހަމަޖެހުން ލިބިގެންދެއެވެ.
އަހަރެމެންގެ ތެރެއިން ބައެއް މީހުންގެ ދިރިއުޅުމަށް ވިސްލާބަލާށެވެ. ކޮންމެ ދުވަހެއްގެ ކޮންމެ އިރެއްގައި ބޭނުންވާ އެއްޗެއް ކާން ލިބެއެވެ. ފެން ލިބެއެވެ. އޭގެ އިތުރުން ހިތްހަމަ ޖެހުމާ އުފަލަކަށް ރައްޓެހިންނާ އެކު ކޮންމެ ދުވަހަކުމެ އެތައް ވަގުތެއް ކޮފީ ބުއިމުގައި ހޭދަކުރަމުއެވެ.
އަޅުގަނޑުމެންނަށް މި ނިއުމަތް ލިބިފައިވާއިރު، ހަމަ އަޅުގަނޑުމެންގެ ތެރެއިން ބަޔަކު، ދެއިރު ހަމަޔަށް ކާނެ އެއްޗެއް ނުލިބޭ މީހުންވެއެވެ. ބޯނެ ފެންފޮދެއް ނުލިބޭ މީހުންވެސް ވެއެވެ.
އެހެންކަމުން އަޅުގަނޑުމެންނަށް ލިބިފައިވާ ނިޢުމަތް ހެޔޮގޮތުގައި ހިފައި ކާބޯތަކެތި އިސްރާފު ނުކޮށް ވާނޭގޮތަށް ކެއުމުގެ ކަންކަން ހަމަޖައްސަން އާދަކުރަމާތޯއެވެ.
މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.
﴿وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِفِينَ﴾ [سورة الأعراف ٣١]
މާނައީ: "އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން އިސްރާފުކުރާ މީހުން ދެކެ އެއިލާހު ލޯބިވެވޮޑިގެނެއް ނުވެއެވެ."
ތިބާގެ މަންމަ އާއި ބައްޕަ ދުނިޔޭގައި ތިބިނަމަ އެއީ ވަރަށް ބޮޑު ރަޙުމަތެކެވެ. އެދެމީހުންނަށް ހެޔޮކޮށް ހިތުމަކީ ތިބާ ސުވަރުގެއަށް ދިޔުމަށް ތަނަވަސްވެފައިވާ މަގެކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީސް ބަސްފުޅެއްގައި އައިސްފައިވެއެވެ.
((الوَالِدُ أَوْسَطُ أَبْوَابِ الجَنَّةِ، فَإِنْ شِئْتَ فَأَضِعْ ذَلِكَ البَابَ أَوْ احْفَظْهُ)) [رواه الترمذي وصححه]
މާނައީ: "ބައްޕައަކީ ސުވަރުގޭގެ އެންމެ ރަނގަޅު ދޮރުކޮޅެވެ. (އެބަހީ: ބައްޕައަށް ކިޔަމަންގަތުމަކީ ސުވަރުގޭގެ އެންމެ މޮޅު ދޮރުކޮޅުން ވަދެވޭނެ މަގެވެ.) ފަހެ އެ ދޮރުކޮޅު ނަގާލުން ނުވަތަ އެއަށް ރައްކާތެރިވުންވެސްވަނީ ތިބާގެ އިޚްތިޔާރުގައެވެ."
ބަހުގައި ނުވަތަ ފެރީގައި ތަންތަނަށް ދަތުރުކުރާ ވަގުތުތަކުގައި އަޅުގަނޑުމެންގެ އާދައަކީ ސޯޝަލް މީޑިޔާ އެޕްތައް ހޭވުމެވެ. ކޮންމެވެސް ބޭކާރު ވާހަކަތަކެއް ދެއްކުމެވެ. އެއާ ޚިލާފަށް ޤުރުއާން ކިޔެވުމަކީ ކުރެވިދާނެ ފަސޭހަ ކަމެކެވެ. މޮބައިލް ފޯނުގެ ޒަރިއްޔާއިން ޤުރުއާނުގެ އެޕްތައް މެދުވެރިކޮށެވެ. މިކަން އާދައަކަށް ހެދިއްޖެނަމަ ކޮންމެ ދުވަހެއްވެސް ޤުރުއާނާއެކު ހޭދަކުރުމަށް ތިމާއަށް ފުރުސަތު ލިބޭނެއެވެ. ޤުރުއާނުގެ އެންމެ އަކުރެއް ކިޔެވުމަކީވެސް 10 ސަވާބު ލިބޭނޭ ކަމެއްކަމުގައި އައިސްފައިވެއެވެ.
ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.
«مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ، وَالحَسَنَةُ بِعَشْرِ أَمْثَالِهَا، لَا أَقُولُ الم حَرْفٌ، وَلَكِنْ أَلِفٌ حَرْفٌ وَلَامٌ حَرْفٌ وَمِيمٌ حَرْفٌ» [رواه الترمذي وصححه الألباني]
މާނައީ: "ﷲ ގެ ފޮތުން އެންމެ އަކުރެއްވެސް ކިޔަވައިފި މީހަކަށް ހެޔޮ ކަމެއްވެއެވެ. ކޮންމެ ހެޔޮ ކަމެއް އޭގެ ދިހަ ހެޔޮކަންފަދައެވެ. الم އެއީ އެންމެ އަކުރެއް ކަމުގައި ތިމަންކަލޭގެފާނު ވިދާޅެއް ނުވަމުއެވެ. އެހެންނަމަވެސް ا އަކީ އަކުރެކެވެ. ل އަކީވެސް އަކުރެކެވެ. އަދި م އަކީވެސް އަކުރެކެވެ."