ރާއްޖޭގައި މަސްވެރިކަންކުރާ ދޯނިފަހަރުގައި ލޮނުފެނުން މަސްފިނިކުރާ ނިޒާމު ނިޒާމާއި ސޯލާ ޕަވާ ސިސްޓަމް ހަރުކުމަށް އެދޭ ދޯނިތަކުން އެ ފުރުސަތަށް އެދުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އަނެއްކާވެސް ހުޅުވާލައިފި އެވެ.
ދޯނިތަކުގައި މި ނިޒާމުތައް ގާއިމުކުރުމަށް ހިންގާ ޕްރޮޖެކްޓަކީ އިކޮނޮމިކް މިނިސްޓްރީ، ފިޝަރީޒް މިނިސްޓްރީ، މެރިން ރިސޯސަސް، އެންޑް އެގްރިކަލްޗާ އަދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. އެގޮތުން, އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ލިބުނު އެޕްލިކޭޝަންތައް އެވޯޑުކުރުމުގެ މަސައްކަތް މިހާރުވަނީ ފެށިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މި މަޝްރޫއުގެ ދަށުން އެކަމަށް އެދޭ މަސްދޯނިތަކުގެ ވަތުގައި ލޮނުފެން ފިނިކުރާ ނިޒާމު ގާއިމުކުރުމަށާއި، އިއާދަކުރަނިވި ހަކަތަ ދޯނިތަކުގައި ބޭނުންކުރުމަށް ސޯލާ ޕަވާ ސިސްޓަމް ގާއިމު ކުރުމަށް ބޭނުންވާ ފައިނޭންސިން ފޯރުކޮށްދެވިގެންދާނެ އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން މި ސިސްޓަމަށް އެދޭ ފަރާތްތަކުން، އެސްޑީއެފްސީގެ ޕޯޓަލް މެދުވެރިކޮށް މި އަހަރުގެ ނިޔަލަށް ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
ލޮނުފެނުން މަސްފިނިކުރާ ނިޒާމް ޤާއިމްކުރުމުގެ ޕްރޮގްރާމަކީ މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ގިނަ ވަގުތު ބެހެއްޓޭނެ އިންތިޒާމު ފަހިކޮށްދެއްވުމުގެ ގޮތުންނާއި، މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ނުލިބުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވުމަށް، ސަރުކާރުގެ ނޫ އިޤްތިސާދު ސިޔާސަތުގެ ދަށުން ކުރިއަށްގެންދަވާ ޕްރޮޖެކްޓެކެވެ. މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރެއްވުމަކީވެސް މި ޕްރޮޖެކްޓްގެ މަޤްސަދެކެވެ.
މިޕްރޮޖެކްޓްގެ ދަށުން މަސްވެރި އުޅަނދުތަކުގެ ވަތުގައި ލޮނުފެން ފިނިކުރާ ނިޒާމު (އާރއެސްޑަބްލިޔު ސިސްޓަމް) ގާއިމުކުރުމަށާއި، އިއާދަކުރަނިވި ހަކަތަ އުޅަނދުތަކުގައި ބޭނުންކުރުމަށް ސޯލަރ ޕަވަރ ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ ފައިނޭންސިންގ ފޯރުކޮށްދޭނެއެވެ. މިއީ މި ލޯނަށް ފުރުސަތު ހުޅުވާލި ދެވަނަ ފަހަރެވެ. އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، ފުރަތަމަ ފިޔަވަހީގައި ލިބުނު އެޕްލިކޭޝަންތައް އެވޯޑުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.
ރަޖިސްޓަރ ކުރެވިފައިވާ އުޅަނދަކަށްވުމާއި މަސްވެރިކަން ކުރުމަށް ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ލައިސަންސެއް އޮތުން.
އުޅަނދު މިހާރުވެސް ބޭނުންކުރެވެނީ މަސްވެރިކަންކުރުމަށް ކަމުގައިވުން.
50 ފޫޓަށް ވުރެ ދިގު އުޅަނދަކަށްވުމާއި، މަދުވެގެން 15 ޓަނުގެ މަސް ރައްކާކުރެވޭނެ ކެޕޭސިޓީ އުޅަނދުގައި ހުރުން.
ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ ޖާގަ އުޅަނދުގައި ހުރުން.
އެސްޑީއެފްސީއިން ކަނޑައަޅާފައިވާ ފައިނޭންސިންގ ސްކީމާއި އެއްގޮތަށް އަނބުރާ ފައިސާ ދެއްކުމުގެ ގާބިލްކަން ހުރި ފަރާތެއް ކަމުގައިވުން.
މަޝްރޫއުގެ ދަށުން ޝަރުތުހަމަވާ ފަރާތްތަކަށް، އެފަރާތެއްގެ ދޯނިތަކަށް ބޭނުންވާ ސިސްޓަމް ފޯރުކޮށްދޭ ސަޕްލަޔަރުންގެ ލިސްޓުން ބޭނުންވާ ސަޕްލަޔަރެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އަދި މި މަޝްރޫއުގެ ދަށުން ފައިނޭންސިންގ ފެސިލިޓީގެ އަގު ކަނޑައެޅޭނީ ހިޔާރު ކުރާ ސިސްޓަމަށް ބިނާކޮށް ކަމަށާއި ސިސްޓަމް ހަރުކޮށްދިނުމާއި ސިސްޓަމް ހިންގުމާއި ގުޅޭގޮތުން ބޭނުންވާ ތަމްރީން ފޯރުކޮށްދިނުމުގެ މަސައްކަތް މި ޕްރޮގްރާމްގެ ތެރެއިން ކުރިޔަށް ދާނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ.