ކުރިންވެސް ތާވަލުކޮށްފައިވާ ގޮތަށް މިމަހު 30 ގައި ކުޅުދުއްފުށީ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފަށާނެކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުނެފި އެވެ.
ކުޅުދުއްފުށީ އެއާޕޯޓަށް މިމަހު 30 ގައި ރޭގަނޑު ދަތުރުތައް ފަށަން މޯލްޑިވިއަނުން އިއުލާނުކޮށް ބުކިންއަށް ހުޅުވާލިފަހުން ރޭގަނޑު ދަތުރު ނުފަށަ މަޑުޖައްސާލަން ރީޖަނަލް އެއާޕޯޓުން މޯލްޑިވިއަނަށް އަންގާފައިވާކަމަށް މޯލްޑިވިއަނުން ބުނެ އެވެ. އެހެންވުމުން ބުކިންތައްވެސް ހުއްޓާލި އެވެ.
އެހެންނަމަވެސް ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރ އޮފް ބިޒްނަސް ޑިވެލޮޕްމެންޓް އަރީން ކޭއޯއަށް ވިދާޅުވީ، ކުރިން ތާވަލުކޮށްފައިވާ ގޮތަށް މިމަހު 30 ގައި ކުޅުދުއްފުށީ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ކުރިއަށްދާނެ ކަމަށެވެ.
މަޑުޖައްސާލަން އެނގީ ކީއްވެތޯ އެހުމުން އެކަމަށް އޭނާ ސީދާ ޖަވާބެއް ނުދެއްވަ އެވެ.
މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަން އެގްޒެކެޓިވް މުޝްއިލް ސޮބާހް ވިދާޅުވީ، ކުޅުދުއްފުއްޓަށް ރޭގަނޑު ފްލައިޓްތައް ނާޅަ މިވަގުތަށް މަޑުޖައްސާލަން އެންގުން ފިޔަވާ އިތުރު އެއްޗެއް ރީޖަނަލް އެއާޕޯޓްސް އިން އަދި އަންގާފައިނުވާ ކަމަށެވެ.
މޯލްޑިވިއަނުން ދަތުރުތައް ފަށަން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި ރީޖަނަލް އެއާޕޯޓްސް އިން އެންގިހާ އަވަހަކަށް ދަތުރުތައް ފަށާނެކަމަށް މޯލްޑިވިއަނުން ބުނެ އެވެ.
މޯލްޑިވިއަނުން ކުޅުދުއްފުއްޓަށް ރޭގަނޑު އަޅާ ފްލައިޓް މާލޭ އިން ފުރަން ތާވަލުކޮށްފައިވަނީ 18:50 ގައި އެވެ. އަދި ކުޅުދުއްފުށިން މާލެއަށް އެ ފްލައިޓް ފުރަން ހަމަޖެހިފައިވަނީ 20:15 ގައި ކަމަށެވެ.
ކުޅުދުއްފުށީ އެއާޕޯޓަށް ރޭގަނޑު ފްލައިޓް ދަތުރުތައް ކުރެވޭނެ ގޮތަށް ރަންވޭގައި ބައްތި ޖަހާ ނިންމާ ޓެސްޓް ފްލައިޓް އެޅީ މިމަހު 13 ވަނަ ދުވަހު އެވެ.