twitterviber whatsapp telegramfacebookyoutube instagram
24th April 2024

މިއުސާގެ 6 ލަނޑާއެކު މަންތާއަށް މޮޅެއް، ފްލެމިންގޯއާއި ޓައިޓަންސް އެއްވަރު

މުޙައްމަދު އަހުމަދު
May 25, 2023

ހިރަފުހުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ފޯރިގަދަ ސިބްކޯ ކަނބުލޮ ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުތަކުން މަންތާ މޮޅުވިއިރު ޓައިޓަންސްއާ ފްލެމިންގޯ އެއްވަރުވެއްޖެ އެވެ.

އަންގާރަދުވަހު ފެށި މިމުބާރާތުގައި ފުރަތަމަ މެޗުގައި ބީއެސްއޭއިން 2 - 0 ން ޔުނީކް ފްރެންޑްސް ބަލިކުރިއިރު ފައިވް އަތުން 2 - 1 ގެ ހަނިތަފާތަކުން މަންތާ ވަނީ ބަލިވެފަ އެވެ.

ނަމަވެސް ރޭ ކުޅެވުނު މުބާރާތުގެ ދެވަނަ ދުވަހުގެ މެޗުގައި މިއުސާގެ ޑަބަލް ހެޓްރިކާއެކު މަންތާއިން ވަނީ 6 - 2 ން ކެޑުގެ މައްޗަށް ކުރިހޯދާފަ އެވެ. މަންތާގެ ކެޕްޓަން ފާތިމަތު މިއުސާ (މެސީ) ރޭގެ މެޗުގައި ވަނީ 6 ލަނޑު ޖަހާ ޑަބަލް ހެޓްރިކް ހަދާފަ އެވެ. މުޅި މެޗު އެއްކޮށްހެން ޑޮމިނޭޓްކޮށްގެން މަންތާއިން ކުޅުނުއިރު އެޓީމުން ވަނީ ކެޑުގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ.

ރޭގެ މެޗުގައި ކެޑުގެ ދެ ގޯލު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 13 ޝިއުނީ އެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މަންތާގެ ކެޕްޓަން މެސީ އެވެ.

ރޭގެ އަނެއް މެޗުގައި ޓައިޓަންސްއާ ފްލެމިންގޯ ބައްދަލުކުރިއިރު މިމެޗު ނިމުނީ 2 - 2 ން ދެޓީމު އެއްވަރުވެގެންނެވެ. މެޗުގައި ދެޓީމުން ވެސް މޮޅު ކުޅުމެއް ދައްކާފައިވާއިރު ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޓައިޓަންސްއިންނެވެ. 25 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ޖަހައިދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 8 ޒާރާ އެވެ.

36 ވަނަ މިނެޓުގައި ފްލެމިންގޯގެ އިޒްނާ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިންއިރު އޭގެ 4 މިނެޓުފަހުން ޓައިޓަންސްގެ ޝައިނީ ވަނީ އެޓީމަށް އަލުން ލީޑު ނަގައިދީފަ އެވެ. ނަމަވެސް މިލީޑުގައި ޓައިޓަންސްއަށް އިރުކޮޅަކު ވެސް ހިފަހައްޓާ ނުލެވުނެވެ. އިޒްނާ ވަނީ އަނެއްކާވެސް ލަނޑެއް ޖަހާ ނަތީޖާ ހަމަކޮށް ފްލެމިންގޯއަށް ޕޮއިންޓެއް ހޯދަދީފަ އެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މުޅި މެޗުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދެއްކި ޓައިޓަންސްގެ ޖޯޒީ ނަމްބަރު 7 އައިޝަތު ޝަނީ ފަޒްލީން (ޝަނީ) އެވެ.

މުބާރާތުގައި މިރޭ ކުޅެވޭ ފުރަތަމަ މެޗުގައި 8:30 ބައްދަލުކުރާނީ ފައިވް އާއި ކެޑެވެ. އަދި ދެވަނަ މެޗުގައި 9:30 ގައި ޔުނީކް ފްރެންޑްސްއާއި ޓައިޓަންސް ބައްދަލުކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355