twitterviber whatsapp telegramfacebookyoutube instagram
27th April 2024

ހދ އަތޮޅުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ސަސްޕެންޑްކޮށްފި

ޢަލީ ރަމީޒް
May 25, 2023
2

ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅައި މެސެޖްކުރި މައްސަލާގައި ހދ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ސަސްޕެންޑުކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިރޭ ބޭއްވި ކުއްލި ބައްދަލުވުމަށްފަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި ހަސްމަކަށް މެޖިސްޓްރޭޓް އަލީ އާދަމް ގުޅައި މެސެޖުކޮށް ހެދި މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށެވެ

"މި ކޮމިޝަނުން ތަހުގީގުކުރަމުންދާ މައްސަލައިގެ ތަހުގީގަށް ހޯދިފައިވާ މައުލޫމާތަށް ރިއާޔަތްކޮށް، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން، ގާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 25 ވަނަ މާއްދާގެ (ތ) އަދި (ލ) އާ ޙަވާލާދީ ދާއިރާ އިސްމެޖިސްޓްރޭޓް އަލްއުސްތާޒް އަލީ އާދަމް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމަށް 2023 މޭ 25 ވަނަ ދުވަހުގެ ރޭ ބޭއްވުނު ކޮމިޝަންގެ ކުއްލި ޖަލްސާގައި ވަނީ ނިންމަވާފައެވެ." ޖޭއެސްސީގެ ބަޔާނުގައިވެ އެވެ.

މީގެ ކުރިން ވެސް އަލީ އާދަމްއާ ގުޅޭ ބައެއް މައްސަލަތައް ޖޭއެސްސީން ބަލާފައިވާއިރު އޭގެ ތެރޭގައި ކުޅުދުއްފުށީ ކޯޓަށް ހުށަހެޅި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ރައްކާތެރިކަމުގެ އަމުރު ނެރެދިނުމާ ގުޅޭ މައްސަލައަކާއި، ތަފްރީގް ކޮށްފައިވާ ކައިވެންޏެއް ރުޖޫއަކޮށްދިން މައްސަލައަކާއި އަމިއްލަ ޖަމިއްޔާއެއް އުފައްދައި ހަރަކާތްތެރިވި މައްސަލައެއް ހިމެނެ އެވެ.

އަދި ކައިވެނި ރުޖޫއަކޮށްދިނުމާއި ޖަމިއްޔާ އުފެއްދި މައްސަލައާއި ގުޅިގެން މިދިޔަ އަހަރުގެ އޭޕްރީލް، 18ގައި އަލީ އާދަމް ދެ ހަފުތާއަށް ސަސްޕެންޑު ވެސް ކުރި އެވެ.

މެޖިސްޓްރޭޓް އަލީ އާދަމަށް މަރުގެ އިންޒާރުދިންކަމާ ބުނާ މައްސަލައެއް މިމަހު 22 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި ތަހުގީގުކުރަމުންދާއިރު އެ މައްސަލާގައި ދެ ޒުވާނަކު ހައްޔަރުކޮށް ތިން ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ މުއްދަތު ޖަހާފަ އެވެ. މަރުގެ އިންޒާރު ދިންކަމަށް ބުނާ މައްސަލާގައި ހައްޔަރުކޮށްފައިވާ އެކަކީ ވަރިވާން ކޯޓަށް ދިޔަ އަންހެން ކުއްޖާގެ ފިރިމީހާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355