ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި ކަމަށް ތުހުމަތުވާ ހދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އަލީ އާދަމް ވަކި ކުރަން ނިންމައި، ދެ މައްސަލައެއް ޖޭއެސްސީން މަޖިލީހަށް ފޮނުވާފައި ވާއިރު، އެ ދެ މައްސަލަ ދިރާސާ ކުރުމަށް ފަހު ޖުޑިޝަރީ ކޮމިޓީން ނިންމީ އޭނާ ވަކި ކުރުމަށްޓަކައި ޖޭއެސްސީން މަޖިލީހަށް ފޮނުވީ ގާނޫނުއަސާސީ އާއި ގާނޫނުގައި ބުނާ އިޖުރާއަތާ އެއްގޮތަށް ކަމަށެވެ.
ކޮމިޓީން ނިންމި ގޮތަށް އަލީ އާދަމް ވަކި ކުރަން މަޖިލީހުން އިއްޔެ ފާސްކުރީ އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
އޭނާ ވަކިކުރުމާ ދެކޮޅަށް އެއް މެމްބަރަކު ވޯޓު ދެއްވި އެވެ.
ވަރިވާން ދިޔަ އަންހެނަކަށް ގުޅައި، މެސެޖް ކުރި ކަމަށް ތުހުމަތުވާ މައްސަލާގައި އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އެ މައްސަލާގައި މަޖިލީހުން ގޮތެއް ނުނިމި އޮއްވާ އިތުރު މައްސަލައެއްގައި ޖޭއެސްސީން ވަނީ އޭނާގެ މަގާމު ދަށްކުރަން ނިންމައިފަ އެވެ. އެ ފިޔަވަޅުގެ ދަށުން އިސް މެޖިސްޓްރޭޓްކަމުން މެޖިސްޓްރޭޓަކަށް އޭނާ ވަނީ ބަދަލުކޮށްފަ އެވެ.
އަލީ އާދަމްގެ މައްސަލައިގައި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން އޭނާ ހާޒިރުކޮށް ޖަވާބުދާރީވާން ފުރުސަތު ދިނެވެ. މިއީ މިފަދަ މައްސަލައެއްގައި ޖަވާބުދާރީވާން ފުރުސަތު ދިން ފުރަތަމަ ފަހަރެވެ.
މަޖިލީހަށް ހާޒިރުވެ މެޖިސްޓްރޭޓް ވިދާޅުވީ, ވަރިވާން ދިޔަ އަންހެނަކަށް ކުރި މެސެޖުތަކަކީ, ހުށަހަޅާފައި އޮތް މައްސަލައިގެ ހުކުމާ ގުޅިގެން ޖޭއެސްސީއަށް މައްސަލަ ހުށަހަޅާފާނެ ކަމުގެ ބިރު އޮތުމުން ރަނގަޅު ގުޅުމެއް ބޭއްވުމަށް ކުރި މެސެޖުތަކެއް ކަމަށެވެ. އެފަދަ މެސެޖުތަކެއް ފޮނުވުމަކީ ރަނގަޅު ކަމެއް ކަމަށް ނުވިޔަސް، އެއީ ފަނޑިޔާރެއްގެ ސުލޫކީ މިންގަނޑު އެންމެ ދަށު ދަރަޖައެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މެސެޖުތައް ޑިލީޓް ކުރަން އެދުނީވެސް ނުބައި ނިޔަތެއްގައި ނޫން ކަމަށާއި, އެއީ މީހަކަށް ފެނިގެން މައްސަލައެއް އުފެދިދާނެތީ އެދުނު ގޮތެއް ކަމަށެވެ.
މި މައްސަލާގައި ޖުޑިޝަރީ ކޮމިޓީން ބުނީ, މެޖިސްޓްރޭޓުގެ މައްސަލަ ޖޭއެސްސީން ބެލީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން, ޖޭއެސްސީ އަދި ޖުޑިޝަރީ ކޮމިޓީގެ ނިންމުމަށް ރިއާޔަތްކޮށް, މެޖިސްޓްރޭޓު މަގާމުން ވަކިކޮށްދޭން އެދި ޖޭއެސްސީން ހުށަހަޅާފައިވާ މައްސަލައާމެދު ގޮތް ނިންމުމަށް މަޖިލީހުގެ ތަޅުމަށް ހުށަހެޅި އެވެ.
ސިއްރުން ކުރިއަށް ގެންދިޔަ ކޮމިޓީގެ ބައްދަލުވުމުގައި އަލީ އާދަމް ވަނީ ޖޭއެސްސީގެ މެންބަރަކު އޭނާއަށް އިންޒާރު ދިން ކަމަށާއި އަދި މެންބަރުން އޭނާއާ މުއާމަލާތް ކޮށްފައިވަނީ ވަރަށް "ރޫޑް" ކޮށް ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ.
ނަމަވެސް ޖޭއެސްސީން ކޮމިޓީ އަށް ލިޔުމުން ދިން ޖަވާބުގައި ބުނެފައި ވަނީ އެ ކޮމިޝަންގެ އެއްވެސް މެންބަރަކު އޭނާއާ އެގޮތަށް ވާހަކަ ދައްކައިފައި ނުވާނެ ކަމަށާއި އަދި އެކަން ތަހުގީގުގެ އަޑުއެހުންތަކުގެ ރެކޯޑިން އިން އެނގޭނެ ކަމަށް ޖޭއެސްސީން ބުނެފައިވެ އެވެ.
އަންހެނަކަށް މެސެޖު ކުރި މައްސަލައަކާ ގުޅިގެން މިދިޔަ މެއި 23، ވަނަ ދުވަހުން ފެށިގެން އަލީ އާދަމް ހުންނެވީ ސަސްޕެންޝަނުގަ އެވެ.
ކުރިން އޭނާ ހުންނެވީ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މަގާމުގަ އެވެ. އޭނާގެ ދަރަޖަ ދަށްކޮށް، ކުޅުދުއްފުށީ ކޯޓުގެ މެޖިސްޓްރޭޓަކަށް ބަދަލުކުރީ، ޖޭއެސްސީއަށް ހުށަހެޅިފައިވާ އިތުރު މައްސަލައެއް ބެލުމަށްފަހެވެ. ކޮމިޝަނުން ބުނާ ގޮތުގައި، އެއީ ފަނޑިޔާރު ފަރުވާ ކުޑަކުރި ކަމަށް ބުނެ، ކޮމިޝަނުން ބެލި މައްސަލައެއްގައި އެޅި ފިޔަވަޅެކެވެ.