twitterviber whatsapp telegramfacebookyoutube instagram
2nd May 2024

އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރަން ދާއިމީ ކޮމިޓީއަށް

Oct 10, 2023
2

ވަރިވާން އެދި ކޯޓަށް ދިޔަ އަންހެނަކަށް ގުޅިކަމުގެ ތުހުމަތު ކުރެވިފައިވާ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.

އެ މައްސަލާގައި ޖޭއެސްސީން ހޯދާފައިވާ މައުލޫމާތުތަކަށާއި ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްތަކަށް ރިއާޔަތްކޮށް، އިސް މެޖިސްޓްރޭޓް އަލީ އާދަމް ސަސްޕެންޑްކުރީ މިދިޔަ މެއި މަހު އެވެ.

އަލީ އާދަމްއާ ގުޅޭގޮތުން ޖޭއެސްސީއިން ތަހުގީގު ކުރަމުންދާ މައްސަލައަކީ ކުޅުދުއްފުށީ ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް އަލީ އާދަމް ގުޅައި މެސެޖުކޮށް ހެދިކަމަށް ތުހުމަތުވާ މައްސަލައެކެވެ.

އިސް މެޖިސްޓްރޭޓް އަލީ އާދަމް ވަނީ ދައުވާގައި ހިމެނޭ ޚަސްމަށް ގުޅައި މެސެޖުކޮށް، ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ޝަރީއަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި، ރަހުމަތްތެރިކަން ބާއްވަން ހުށަހަޅާ، ދެމަފިރިކަމުގެ ގުޅުމުގެ ޒާތީ މައުލޫމާތު އަހާފަ އެވެ. އަދި މިނޫންވެސް ޒާތީ އެކި މެސެޖުތައްކޮށް، ކުރާ މެސެޖުތައް ޑިލީޓްކޮށްފައި ބެހެއްޓުމަށް އެދި މެޖިސްޓްރޭޓް އަލީ އާދަމް މުވާސަލާތު ކޮށްފައިވާކަން، ތަހުގީގަށް ސާބިތުވެގައިވާކަމަށް ޖޭއެސްސީ ބުންޏެވެ.

އަދި އޭނާ ވަނީ ނުނިޔަތެއްގައި ނުރަނގަޅު ނިޔަތެއް އޮވެގެން އެ އަންހެން މީހާ ހުރި ނާޒުކު ހާލަތުގެ ނާޖާއިޒު ފައިދާ ނަގަން މަސައްކަތްކޮށްފައި ކަމަށްވެސް އެކޮމިޝަނުގެ ބަޔާނުގައި ބުންޏެވެ.

އެހެންވެ އެ އަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 32 ވަނަ މާއްދާ އާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ މާއްދާތަކާ ހިލާފު އަމަލުތަކެއްކަން ސާބިތުވާތީ އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް އެ ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ކޮމިޝަނުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355