twitterviber whatsapp telegramfacebookyoutube instagram
28th March 2024

މޯލްޑިވްސް ފައިނޭންސް ފޯރަމްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ނަބީލާ އިސްމާޢީލް
May 27, 2023

މޯލްޑިވްސް ފައިނޭންސް ފޯރަމް 2023 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން މިއަދު ސޮއިކޮށްފިއެވެ.

މޯލްޑިވްސް ފައިނޭންސް ފޯރަމަކީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވާ އިވެންޓެކެވެ. މި އަހަރުގެ ފޯރަމް ވެސް ބޭއްވުމަށް ނިންމާފައިވަނީ ނިމިދިޔަ އަހަރު ވެސް ބޭއްވި ކުރުނބާ މޯލްޑިވްސް ގައެވެ.

އެގޮތުން މި އަހަރުގެ ފޯރަމް ހާއްސަކޮށްފައިވަނީ ފިންޓެކް (ފައިނޭންޝަލް ޓެކްނޮލޮޖީސް) އަދި އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) އަށެވެ.

މި ފޯރަމުގައި ފިންޓެކް އަދި އޭއައިގެ ސަބަބުން މާލީ ދާއިރާގައި ބޭނުންކުރާ ބަދަލުތަކާއި އަދި އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ މާލީ ދާއިރާއަށް ހުރި ހިރާސްތަކާއި އަދި ފުރުސަތުތަކާ މެދު މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ފޯރަމްގެ މައިގަނޑު މަޤްސަދަކީ މާލީ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދިވެހި ރާއްޖޭގެ މާލީ ދާއިރާއާ ގުޅުންހުރި އެންމެ ފަހުގެ ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށް މަޢޫލުމާތު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އެގޮތުން މޯލްޑިވްސް ފައިނޭންސް ފޯރަމަކީ ރާއްޖޭގެ މާލީ ދާއިރާގެ އިސްފަރާތްތަކާއި އެކި ތަޖުރިބާކާރުން އެއްތަނަކަށް އެއްކޮށް، ރާއްޖޭގައި ބާއްވާ އެންމެ ގިނަ ދުވަސްވީ ފޯރަމެވެ.

މި ފޯރަމްގައި ދިވެހި އަދި ބައިނަލްއަޤްވާމީ ސްޕީކަރުން ބައިވެރިވެ، ފައިނޭންސްގެ މުސްތަގުބަލުގައި ފިންޓެކް އާއި އޭއައިގެ ދައުރާއި ރާއްޖޭގެ ފައިނޭންސް ދާއިރާގައި އެ ޓެކްނޮލޮޖީތަކުގެ ދައުރަށް އަލިއަޅުވާލާނެއެވެ.

ދިރާގަކީ ރާއްޖޭގެ އަސާސީ ދާއިރާތަކާއި ޚިދުމަތްތައް އިތުރަށް ކުރިއެރުވުމަށް އެހީތެރިވެދޭނެ މިފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ، ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް މުއްސަނދިކޮށް ފުރިހަމަކުރުމަށް އަބަދުވެސް މަސައްކަތް ކުރާ ކުންފުންޏެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355