ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ހާޒިރުކޮށް ވަޒީރުން ޖަވާބުދާރީ ކުރެވޭނީ މަޖިލީހުގެ ނިޒާމު ޕާލިމަންޓްރީ ނިޒާމަކަށް ބަދަލުވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ސުވާލު ކުރުން ކުރިއަށްދިޔައިރު މެންބަރު ރިޔާޒް ނިޒާމީ ނުކުތާއެއް ނަންގަވާ ވިދާޅުވީ މަޖިލީހުގެ ގަވައިދުގެ ރޫހަކީ މިނިސްޓަރުންނަށް ސުވާލު ކުރުމުން 14 ދުވަހުގެ ތެރޭގައި ޖަވާބު ދެއްވުންކަމަށެވެ. އެހެންނަމަވެސް މިހާރު ސުވާލުތަކަށް ޖަވާބު ލިބެނީ ތިން މަސްފަހުން ކަމަށް ވިދާޅުވިއެވެ.
ހުށަހަޅާފައިވާ ސުވާލަކަށް ޖަވާބު ނުލިބިގެން އެކަން މަޖިލީހުގެ އިދާރާއިން ސާފުކުރިކަން ފާހަގަކޮށް ރިޔާޒް ވިދާޅުވީ މިނިސްޓަރަށް ވަގުތު ނުވެގެން ޖަވާބު ނުދެއްވަނީކަމަށް މަޖިލީހުގެ އިދާރާއިން ބުނިކަމަށެވެ.
ރިޔާޒްގެ ނިޒާމީ ނުކުތާއާ ގުޅިގެން ރިޔާސަތުގައި އިންނަވާ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުނުވެ މި އުނދަގުލުގައި ތިބޭހާ ދުވަހަކު ހިނގަމުންދާނީ އެގޮތަށް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ދުވާލަކު 10 ވަޒީރުންނާ ސުވާލު ކުރިނަމަވެސް ބެކްލޮގް ސާފު ނުކުރެވޭނެ ކަމަށާއިި، އެހެންނަމަވެސް 14 ދުވަހުގެ ތެރޭގައި ޖަވާބު ނުލިބޭނަމަ އެއީ ލިބޭ ގެއްލުމެއް ކަމަށެވެ.
"މަޖިލީހުގެ ނިޒާމު ޕާލިމަންޓްރީ ނިޒާމަކަށް ނޭނބުރި މި އުނދަގުލުގައި ތިއްބަވާހާ ދުވަހަކު ހަގީގަތުގައި މިކަން މިގޮތަށް ހިނގަމުންދާނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު އަންނަ މަހު ނިމޭއިރު ވަޒީރުންނަށް ކުރަން ހުށަހަޅާފައިވާ ސުވާލުތަކަށް ޖަވާބު ނުލިބޭނަމަ މެންބަރުންގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތް ނުކުރެވޭ ކަމަށް ރިޔާޒް ވިދާޅުވި އެވެ.