އަތޮޅުތެރޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ ހދ އަތޮޅުގެ، އަތޮޅު ކައުންސިލުގެ އެމްޑީޕީއަށް އޮތް މެޖޯރިޓީ ގެއްލިއްޖެ އެވެ.
14 މެމްބަރުން ތިއްބާ އެ ކައުންސިލްގެ 7 މެމްބަރުންނަކީ އެމްޑީޕީގެ ޓިކެޓްގައި ވާދަކޮށް އިންތިހާބުވި ބޭފުޅުންނެވެ. އަދި ހަތަރު މެމްބަރަކު ޕީޕީއެމް ތަމްސީލުކުރައްވާއިރު އަމިއްލަގޮތުން އިންތިހާބި ތިން މެމްބަރަކު ތިއްބަވަ އެވެ.
އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި މީގެ ކުރިން ތިއްބެވި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް އާއި ކުމުންދޫ ރައީސް އަމީން މުހައްމަދު އަދި ވައިކަރަދޫ ރައީސް އަބުދުﷲ ޒާމިރު އެމްޑީޕީ ދޫކުރައްވައި މިހާރު ވަނީ ދަ ޑިމޮކްރެކްޓްސްއާ ގުޅިވަޑައިގަންނަވާފަ އެވެ. އެއާއެކު އެ ކައުންސިލްގެ އެމްޑީޕީއަށް އޮތް ބޮޑު މެޖޯރިޓީ ވަނީ ގެއްލިފަ އެވެ.
އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި މިހާރު އެ ކައުންސިލްގައި ތިއްބެވީ، ކައުންސިލް ރައީސް މުހައްމަދު ސިރާޖާއި ނައިބު ރައީސް އަދި ހަނިމާދޫ ރައީސް އަބުދުއްސައްތާރު ހަސަން އާއި ފިނޭ ރައީސް އަދުނާނު އަބުދުއްﷲ އަދި މަކުނުދޫ ރައީސް އައުޒަމް އާދަމެވެ.
އިދިކޮޅު ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި އެ ކައުންސިލް ތަމްސީލުކުރައްވަނީ، ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރު އަދި ކުރިނބީ ރައީސް އަބުދުﷲ އަސްލަމް އާއި ހިރިމަރަދޫ ރައީސް މުހައްމަދު ވަހީދު އާއި ނައިވާދޫ ރައީސް އަލީ ރަޝީދު މުހައްމަދު އަދި ނޮޅިވަރަންފަރު ރައީސް އަބުދުﷲ ނަދީމެވެ.
ހދ އަތޮޅު ކައުންސިލްގައި އަމިއްލަ މެމްބަރުންގެ ގޮތުގައި ތިއްބަވަނީ، ނޮޅިވަރަމް ރައީސް ޔޫސުފް މޫސާ އާއި ނެއްލައިދޫ ރައީސް މުހައްމަދު އަލީފް އަދި ނޭކުރެންދޫ ރައީސް އަލީ ސިރާޖެވެ.