twitterviber whatsapp telegramfacebookyoutube instagram
3rd May 2024

މެޕްސް ކޮލެޖްގެ 2023 ވަނަ އަހަރުގެ ދަސްވެނިވުން ބާއްވައިފި

Jun 3, 2023

މެޕްސް ކޮލެޖްގެ 2023 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ރޭ ބާއްވައިފިއެވެ.

މިނިސްޓަރ އޮފް ހަޔަރަ އެޑިއުކޭޝަން ޑރ އިބްރާހިމް ހަސަން ޝަރަފްވެރިކޮށްދެއްވި މިހަފްލާގައި ވިޔަފާރިއާގުޅޭ ހަތް ދާއިރާއެއްގެ ސެޓްފިކެޓް ލެވެލްއިން ފެށިގެން ބެޗެލަރސް ޑިގްރީގެ ކޯސްތަކާއެކު، މެޕްސް ކޮލެޖުން ހިންގާ 40 ކޯހަކުން ދަރިވަރުންވަނީ ދަސްވެނިވިފައެވެ.

އޭގެތެރޭގައި އިނގިރޭސި ވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވް (އޭބީއީ)، އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބެޑްފޮރޑްޝަޔަރގެ ބެޗެލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަންއާއި، މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، މާސްޓަރ އޮފް ބިޒްނަސް (ފައިނޭންސް) އަދި މާސްޓަރ އޮފް ބިޒްނަސް (ހޮސްޕިޓަލް އެންޑް ހެލްތް ސަރވިސަސް މެނޭޖްމަންޓް) ކޯސްތައް ފުރިހަމަކޮށްފައިވާ ގިނަ ޢަދަދެއްގެ ދަރިވަރުން ރޭގެ ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެޕްސް ކޮލެޖުގެ ޑެޕިއުޓީ ރެކްޓަރ އަލްފާޟިލާ ފާތިމަތު ރަޝީދު ވިދާޅުވި މެޕްސް ކޮލެޖުގެ އަމާޒަކީ، ފެންވަރު ރަގަޅު ތައުލީމީ ހިދުމަތް މުޖްތަމައަށް ފޯރުކޮށްދިނުންކަމަށާއި މެޕްސް ކޮލެޖުން ތައުލީމު ހާސިލުކުރާ ދަރިވަރުންނަކީ، އިލްމީ، ގާބިލު އަދި ރިވެތި އަހުލާގެއްގެވެރި، މުޖްތަމައަށް ހެޔޮގޮތުގައި ހިދުމަތްކޮށްދޭނެ ދަރިވަރުންތަކެއް ބިނާކުރުންކަމަށް ވިދާޅުވިއެވެ. އަދި މެޕްސް ކޮލެޖުގެ ދަސްވާރުންނަކީ ގައުމަށް ހިދުމަތްތެރި ބަޔަކަމަށް ވުމަށް އިލްތިމާސްކުރެއްވިއެވެ.

އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބެޑްފޮރޑްޝަޔަރގެ މާސްޓަސް ލެވެލްގެ ކޯސްތަކެއް މެޕްސް ކޮލެޖުން މިހާރުވެސް ކުރިޔަށްގެންދާއިރު، މާސްޓާސް ލެވެލްގެ މުޅީން އާ ތިން ކޯހެއް ތައާރަފްކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމުގެ އުފާވެރި ހަބަރުވެސް ޑެޕިއުޓީ ރެކްޓަރ ރޭގެ ރަސްމިއްޔާތުގައިވަނީ ދެއްވާފައެވެ.

އެއާއެކު ޓެކްނޮލޮޖީއަށް އަންނަމުންދާ ކުރިއެރުންތަކާއެކު ތައުލީމީ ދާއިރާއިން ހޯދަމުން އަންނަ ކުރިއެރުންތަކުގެ ތަޖުރިބާގެ އަލީގައި، 'ބްލެންޑެޑް މޮޑަލިޓީ'އަށް ކިޔަވައިދިނުންވެސް ތައާރަފްކުރުމަށް ރާވަމުންދާކަމަށް ޑެޕިއުޓީ ރެކްޓަރވަނީ ވިދާޅުވެފައެވެ. 'ބްލެންޑެޑް މޮޑަލިޓީ' ތަޢާރަފްކުރެވުމުން އޮންލައިންކޮށް ކިޔަވާ ދަރިވަރުންނަށްވެސް ކޮލެޖަށް ހާޒިރުވެ ކިޔަވާ ދަރިވަރުންނާއެކު އެއް ކްލާހެއްގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ދަރިވަރުންނާ މުހާތަބު ކުރައްވަމުން ޑެޕިއުޓީ ރެކްޓަރ ފާތިމަތު ރަޝީދު ދަރިވަރުންނަށް އިލްތިމާސްކުރެއްވީ، މެޕްސް ކޮލެޖާއި ދަރިވަރުން ވަކިވެގެންދިޔަ ނަމަވެސް މެޕްސް ކޮލެޖްގެ އެލުމްނީ ޖަމްއިއްޔާ މެދުވެރިކޮށް ދަރިވަރުންގެ މެދުގައި ގުޅުން ބަދަހިކުރުމަށެވެ.

މިހާރުވެސް ދަރިވަރުންގެ މެދުގައި ގިނަ ހަރަކާތްތަކެއް މެޕްސް ކޮލެޖުގައި ކުރިޔަށްގެންދާއިރު މެޕްސް ކޮލެޖުގެ އެލުމްނީ ޖަމްއިއްޔާ ރަސްމީކޮށް ތައާރަފްވެގެންދިއުމުން މިހާރު މެޕްސް ކޮލެޖުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނާއެކު، ދަސްވެނިވިފައިވާ ދަރިވަރުންގެ މެދުގައި އިތުރަށް ގުޅުން ބަދަހިކޮށް ހަރަކާތްތައް ހިންގުމުގެ ފުރުސަތުތަކެއް މަގުފަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ޑެޕިއުޓީ ރެކްޓަރވަނީ ވިދާޅުވެފައެވެ.

ހަފްލާ ޝަރަފުވެރިކޮށްދެއްވި މިނިސްޓަރ އޮފް ހަޔަ އެޑިއުކޭޝަން ޑރ އިބްރާހިމް ހަސަންގެ ވާހަކަފުޅުގައި މެޕްސް ކޮލެޖުގައި ހޭދަކުރެވުނު ދުވަސްތަކަކީ ތިމާގެ ޝަހުސިއްޔަތު ބައްޓަންކުރުމުގައި މުހިއްމު ދައުރެއް އަދާކުރި ދުވަސްތަކެއްކަން މި ދަސްވާރުން ގަބޫލުކުރާނެކަމަށް ވިދާޅުވިއެވެ.

އަދި ދިވެހި ގައުމުގެ ކުރިމަގަށް ބޭނުންވާ އިލްމުހުރި، ގާބިލު ފަރާތްތަކެއް ބިނާކުރުމުގައި މެޕްސް ކޮލެޖުން ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް މެޕްސް ކޮލެޖުގެ އިސްވެރިންނަށް ޝުކުރު އަދާކުރެއްވިއެވެ. ޝަރަފްވެރި މެހެމާންގެ ވާހަކަފުޅު ނިންމާލައްވަމުން ރޭގެ ދަސްވާރުންނަށް އިލްތިމާސްކުރެއްވީ، މުޖްތަމައުގައި ތަފާތު ދައްކާނެ ބަޔަކަށްވުމަށާއި، ތިމާއާއި އެހެން މީހުންނާއި ތަފާތުވާން ޖެހޭނެ ކަމަށާއި، މަސައްކަތް ކުރާ މާހައުލުގައި ތިމާއަކީ މިހާރަށްވުރެ އިތުރަށް އިލްމު އުނގެނި ހުރިމީހެއްކަން އެހެންމީހުން ލައްވާ ބުނުވަން މަސައްކަތްކުރުމަށެވެ. އަދި ހަމައެއާއެކު މުޖްތަމައަށް ނުކުމެ މަސައްކަތްކުރާއިރު އަބަދުވެސް މަސައްކަތްކުރަންވާނީ ތިމާގެ ސަބަބުން މުޖްތަމައަށް ހެޔޮ ބަދަލެއް ގެނެވޭތޯކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން އިބްރާހިމް ހަސަންވަނީ ރޭގެ ދަސްވެނިންނަށް ނަސޭހަތްތެރިވެލައްވާފައެވެ.

މިއަހަރުގެ ދަސްވެނިންގެ ތެރެއިން އެކިއެކި ކޯސްތަކުން މަތީ ވަނަތައް ހާސިލްކުރި ދަރިވަރުންނަށް މި ރަސްމިއްޔާތުގައި އިނާމުދެވުނެވެ. އަދި މެޕްސް ކޮލެޖަށް ތަފާތު ގޮތްގޮތުން ހިދުމަތްކުރައްވާފައިވާ ހިދުމަތްތެރިންނަށްވެސް އެވޯޑްދެއްވުން އޮތެވެ.

މެޕްސް ކޮލެޖަކީ 1999 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދެމުން އަންނަ އެންމެ ދުވަސްވީ އެއް ކޮލެޖެވެ. 2024 ވަނަ އަހަރު ރިހިޔޫބީލް ފާހަގަކުރުމަށް ތައްޔާރުވަމުން އަންނަ މެޕްސް ކޮލެޖުން ރާއްޖެއިން ބޭރުގެ ތަފާތު ކޮލިފިކޭޝަންތަކާއެކު، މެޕްސް ކޮލެޖްގެ އަމިއްލަ ކޯސްތައް ތައާރަފުކޮށް ކިޔަވައިދިނުމުގެ މަގުވަނީ ފަހިކޮށްދީފައެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން އެމް.ކިއު.އޭ. ގެ ހުއްދައާއެކު ގިނަ ކޯސްތައް އޮންލައިންކޮށް ކިޔަވާދޭ ކޮލެޖެއްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355