twitterviber whatsapp telegramfacebookyoutube instagram
21st November 2024

ދުލަށް ކެންސަރު ޖެހި ހާލު ސީރިއަސް، އެދެނީ އާންމުންގެ ދީލަތި އެހީއަކަށް

ނަބީލާ އިސްމާޢީލް
Jun 6, 2023

ކޮންމެ އިންސާނަކީވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވެ އެކަމަށް މަސައްކަތްކުރަމުން އަންނަ ބައެކެވެ. ހަށިގަނޑުގައި ބައްޔެއްގެ ވޭންއަޅާނަމަ އެ ބައްޔަކަށް ފަރުވާ ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮންމެ މީހަކުވެސް ކުރެއެވެ. ނަމަވެސް މި ހުރިހާކަމަށްވެސް ގިނަ ފަހަރު ހުރަސްއަޅަނީ މާލީ ހާލަތެވެ. ކުއްލިޔަކަށް ބިންދާލާ ބޮޑެތި ރާޅުތަކުގައި އަރަގުވެ ދަނީ މި ސަބަބާހުރެއެވެ.

ނަމަވެސް އަހަރެމެން އިންސާނުނަކީ ހާއްސަކޮށް ދިވެހިންނަކީ އެކަކަށް ދިމާވާ މިފަދަ ދަތި ހާލަތުން އަރައިގަތުމަށް ނަމޫނާ ދައްކާ ބައެކެވެ. އެހެންކަމުން މިއަދު މި އެދެނީ އެފަދަ ވޭނެއް ތަހަންމަލުކުރަމުން އަންނަ ހދ ނޮޅިވަރަމް/ މަލަ، އަބްދުލް އަޒީޒް އާދަމަށް ދިމާވެފައިވާ ދަތި އުނދަގޫ ވޭނީ ހާލަތުން އަރައިގަތުމަށް އެންމެހާ އާންމުންގެ ފަރާތުން ދީލަތި އެހީއަކަށެވެ.

މިހާރު 60 ގެ އަހަރުތައް ގުނަމުން އަންނަ އަބްދުލް އަޒީޒަކީ ދުލުގެ ކެންސަރު ސްޓޭޖް 4 ގައި ހުރުމުން ފަރުވާ ހޯދަމުން އަންނަ ފަރާތެކެވެ. އުމުރުގެ ގޮތުންނާ އިތުރު ސިއްހީ ސަބަބުތަކެއްގެ ސަބަބުން ކީމޯ އަދި ރޭޑިއޭޝަންގެ ދެވެން އޮތް އެންމެ ދަށް ޑޯޒަކުން ފަރުވާ ހޯދަން ޖެހިފައިވުމުގެ ސަބަބުން އިންޑިއާގައި ގިނަ ދުވަސްތަކެއްގައި މަޑުކުރަން މަޖުބޫރުވެފައިވާ އެ އާއިލާއަށްވެސް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ދަތިކަމެވެ.

ބައްޕައާއެކު މި ވަގުތު އިންޑިއާގައި ބޭސްފަރުވާއަށް ގޮސްހުރި އޭނާގެ ދަރިފުޅު އަމީޒާ އަބްދުލް އަޒީޒް ކޭއޯއަށް ކިޔާދިން ގޮތުގައި ބައްޕައަށް ޖެހިފައިވަނީ ދުލުގެ ކެންސަރުކަން އެނގިފައިވަނީ މީގެ 2 މަސްކުރިން ކަމަށެވެ.

"ފުރަތަމަ ދަތެއްގައި ރިއްސާ ދުލުގައި އެއްޗެއް ނަގާފަ ހުރީ، އެކަމަކު ބައްޕަ އެ ވާހަކަ އެއްވެސް މީހެއްގެ ކައިރީގައި ނުއެއްބުނޭ، ދުވަސްކޮޅަކުން އެހެންޔާ ވާހަކަ ދައްކާ ގޮތަށް ނޫން ގޮތަކަށް ވާހަކަ ދައްކާކަން ފަހަގަކުރެވިގެން ފުރަތަމަ ދެއްކީ ރަށު ސިއްހީ މަރުކަޒަށް، މަރުކަޒުން ބުނީ ކުޅުދުއްފުއްޓަށް ދާން، އެތަނަށް ދިޔައީމަ ދަތުގެ ކަމެއް ކަމަށް ބުނެ ދަތްވެސް ނެގި." އަމީޒާ ކިޔާދިނެވެ.

ނަމަވެސް ފަހުން ދުލުގައި ނަގާފައިން އެތި ބޮޑުވާކަން ފާހަގަކުރެވިގެން މީގެ 2 މަހެއްހާ ދުވަސްކުރިން މާލޭގޮސް ބައޮޕްސީ ހެދުމުން ބައްޕައަށް ދުލުގެ ކެންސަރު ޖެހިފައިވާކަމަށާއި އެކަމަކު ސްޓޭޖް ޔަގީންވީ އިންޑިއާގެ އަމްރިތާއަށް ގޮސް ޕެޓް ސްކޭން ހެދުމުން ކަމަށް އަމީޒާ ކިޔާދިނެވެ.

1 ފިރިހެން ދަރިއާއި 3 އަންހެން ދަރިން ތިބޭ އަޒީޒު ދިރިއުޅުމަށް މީގެ ކުރިން ވެލްޑިންގެ މަސައްކަތާއި ވަޑާމުގެ މަސައްކަތް ކުރިނަމަވެސް ފަހުން ރަށުގެ ވޭސްޓް މެނޭޖް ކުރާތާގައި މަސައްކަތް ކުރަމުން އައި ހީވާގި މުވައްޒަފެކެވެ..

އާސަންދައިގެ އެހީގައި ފަރުވާކުރެވުނު ނަމަވެސް ރާއްޖޭން ބޭރުގައި އުޅުމަކީ ކެއިން ބުއިމާއި ކުރަންޖެހޭ އެހެނިހެން ޒަރޫރީ ބޭނުންތައް އިންތިހާއަށް ހަރަދު ބޮޑު ތަނެކެވެ. އެހެން ކަމުން އެ އާއިލާއިން އެދެނީ އެންމެހާ ރައްޔިތުންގެ ދީލަތި އެހީއެވެ.

ކެންސަރުގެ އަސަރުވަނީ ދުލުގެ އިތުރުން އަނގަ ތެރެއާއި ޓޮންސިލް، ލީމްފް ނޮޑްސްތައް، ނޭވާލާހޮޅިގެ އިތުރުން ކަރުގެ ފަހަތްފަދަ ހަށިގަނޑުގެ ގިނަ ގުނަވަންތަކަކަށް ފެތުރިފައި ކަމަށާއި މި ވަގުތު ބަނޑުގެ އިންފެކްޝަންއެއް ހުރުމުންނާއި ހަކުރުބަލީގެ އިތުރުން ލޭމައްޗަށްދިއުމާއި އުމުރު މަތިވުމުގެ ސަބަބުން ގައިގަ އެވަރަށް ހަކަތަ ނެތުމުންނާއި ކެންސަރުގެ އަސަރު ހުރި ގުނަވަންތައް އިތުރުކަމުން ގުނަވަންތަކުގެ ގޮތުން އޮޕަރޭޝަން ކޮށްގެން ކެންސަރު ޖެހިފައި ހުރި ގުނަވަންތައް ނެގެން ނެތް ވާހަކަ ޑޮކްޓަރުންވަނީ ބުނެފަ ކަމަށެވެ.

އެހެން ކަމުން އޮތް ހަމަ އެކަނި ގޮތަކީ ދެވެން އޮތް އެންމެ ކުޑަ ޑޯޒަކުން ކީމޯތެރަޕީ އަދި ރޭޑިއޭޝަން ދިނުމެވެ. ސަބަބަކީ އަޒީޒުގެ ސިއްހީ ހާލަތު ހުރި ގޮތުން މާ ބޮޑު ޑޯޒެއްގެ ކީމޯތެރަޕީ ރޭޑިއޭޝަން ދީގެން ފުރާނަ ސަލާމަތް ނުވެދާނެ ކަމަށް ބުނާތީ އޮތް ގޮތަކީ ފުރަތަމަ ކެންސަރު އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލްކުރުމަށްފަހު މަޑު މަޑުން ކުޑަ ކުރަމުން ގޮސް ނައްތާލުކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާކަމަށެވެ.

ރާއްޖެއިން ރޭޑިއޭޝަން ދެވެން ނެތުމުން މި ކަމަށް އިންޑިއާގެ އަމްރިތާގައި 1 އަހަރުވަންދެން ގާތްގަނޑަކަށް ފަރުވާ ހޯދަން ޖެހޭނެ ކަމަށް ޑޮކްޓަރުން ލަފާ ދީފައިވާތީ އެ ކޮޅުގައި މަޑުކުރަންޖޭތީ އެ އާއިލާއަށް އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ އެ އާއިލާގެ ނުހަނު ބޮޑު އެދުމެކެވެ. އަބްދުލް އަޒީޒު މި ބަލިން ރަނގަޅުވެ، އަލުން އުފާވެރި ދިރިއުޅުމަކަށް ރުޖޫއަވާން އަޒީޒުގެ ދަރިންނާއި އަނބިމީހާގެ ކުޑަ އާއިލާ އެދެނީ ތިއަ އެންމެ ބޭފުޅުންގެ އެހީތެރިކަމާއި، ހެޔޮ ދުޢާއެވެ.

އަޒީޒަށް އެހީވުމަށް:

  • 7730000251092 - (ރުފިޔާ އެކައުންޓް) އަމީޒާ އަބްދުލް އަޒީޒް
  • 7730000094698 - (ޑޮލަރު އެކައުންޓް) އަހުމަދު އަބްދުލް އަޒީޒް

އިތުރު މަޢުލޫމާތު ހޯދުމަށް - 9724924 އަމީޒާ އަބްދުލް އަޒީޒް ނުވަތަ 9798662 އަހުމަދު އަބްދުލުން އަޒީޒް (އަބްދުލް އަޒީޒްގެ ދަރިފުޅު)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355