ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރަން އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން ޕާލިމެންޓްރީ ގުރޫޕް (ޕީޖީ) އިން މިއަދު ނިންމައިފިއެވެ.
އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޕީޖީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ފަހުގެ ތާރީހުތަކުގައި މަޖިލިސް ރައީސްކަމުގައި އިންނަވައިގެން ރައީސް ނަޝީދު އަމަލުކުރައްވަމުން ގެންދަވާ ގޮތާ ގުޅޭ ގޮތުން މެންބަރުންގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.
މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅޭ ގޮތުން މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު ނިންމަވަމުންދިޔަ ނިންމެވުންތަކާއި އެ މައްސަލަ ކުރިއަށް ނުގެންދަން ނިންމެވުމުން މަޖިލިސް ހުއްޓުމަކަށް އައުން އަސްލަމް ފާހަގަކުރެއްވި އެވެ.
އެހެންވެ އެ ކަންކަމާ ގުޅިގެން މިއަދު ބޭއްވި ޕީޖީ ގުރޫޕުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަގުލަބިއްޔަތުން ރައީސް ނަޝީދު، މަޖިލިސް ރައީސްކަމުގެ ވަކިކުރުމުގެ މައްސަލަ، އެމްޑީޕީން އިސްވެ ތިބެ ކުރިއަށް ގެންދިއުމަށް ހުށަހެޅި ފާސްވެފައިވާ ކަމަށް ވިދާޅުވި އެވެ.
ޕީިޖީ ބައްދަލުވުމުގައި ބައިވެރިވި 41 މެންބަރުންގެ ތެރެއިން 36 މެންބަރުން ވޯޓް ދެއްވީ ނަޝީދުގެ އިތުބާރު ނެތް ކަމަށެވެ.
ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ބަހުސްގައި ބާކީ އޮތް ބައި ކުރިއަށް ގެންދަން މިއަދަށް އޮތީ ތާވަލުކޮށްފައެވެ. ނަމަވެސް ރިއްފަތު މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ބުނާ މައްސަލައެއް އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވަނީ ހުށަހަޅައިފައެވެ.
ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް އެ މައްސަލަ ހުށަހެޅުއްވީ، ތަޅުމުގައި ބަހުސްކޮށް އިމްތިޔާޒާ ބެހޭ ކޮމިޓީއަށް ހުށަހެޅުމަށެވެ. އެއާ އެކު، ރިޔާސަތުގައި އިންނަވާ ނަޝީދު ވިދާޅުވީ އެ މައްސަލަ މަޖިލީހަށް ވެސް އަދި ސީދާ ކޮމިޓީއަށް ވެސް ހުށަހެޅޭނެ ކަމަށެވެ. އެކަމަކު، އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފައެވެ.
އެއާ އެކު، ދެ ފަރާތުން އަޑުގަދަކޮށް، އިހުތިޖާޖު ކުރާތީ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ނިޒާމު ވެސް ގެއްލި، ހެނދުނުގެ ސައި ގަޑިއަށް ފަހު ޖަލްސާ ވަނީ ކުރިއަށް ނުގެންގޮސް، ނިންމާލައިފައެވެ.
ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ ޖަލްސާ އަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. އެހެންވެ ހުރިހާ މެމްބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމަ ނަޝީދު މަގާމުން ދުރުކުރަން 44 ވޯޓު ބޭނުންވާނެ އެވެ.