twitterviber whatsapp telegramfacebookyoutube instagram
6th May 2024

އަނެއްކާވެސް ރަންނަމާރި އަރަން ފަށައިފި: ޔާސިރު

ނަބީލާ އިސްމާޢީލް
Jun 11, 2023
11

އަނެއްކާވެސް ރާއްޖެއަށް ރަންނަމާރި އަރަން ފަށައިފިކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބްދުލް ލަތީފް ވިދާޅުވެއްޖެ އެވެ. ޔާސިރު މިފަދައިން ވިދާޅުވީ އޭނާ މިހާރު ނިސްބަތްވާ ދަ ޑިމޮކްރެކްޓްސްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިދިޔަ ހުކުރު ދުވަހުގެ ރޭގަ އެވެ.

ރާއްޖެ އިސްލާމުވުމުގެ ކުރިން ލޮނު ޒިޔާރަތް ކޮޅުން މާލެއަށް އަރާކަމަށް ބުނާ ރަންނަމާރީގެ ފުލޯކް ވާހަކައާ ގުޅުވާ ޔާސިރު ވިދާޅުވީ، ރަންނަމާރިއަށް އިއްފަތްތެރި އަންހެން ދަރިއަކުން ދޭން ޖެހޭ ވާހަކައަށް އަލިއަޅުވާލައި ޔާސިރު ވިދާޅުވީ، މާތްﷲގެ ހެޔޮ ރަހުމަތުން ރާއްޖެ ސަލާމަތްވީކަން މަގުރިބުކަރައިގެ ބޭފުޅެއް ވަޑައިގެން އެ ރަންނަމާރިއާ ހިންގެވި ހިތްހަމަ ނުޖެހުމެއްގެ ތެރެއިން ކަމަށެވެ.

ނަމަވެސް އޭގެ އެތައް ސަތޭކަ އަހަރެއް ފަހުން އަނެއްކާވެސް މި ދިވެހި ރާއްޖެއަށް ރަންނަމާރި އަރައިފިކަމާއި އެހެން ނަމަވެސް މިއަދު ރަންނަމާރިއަރާ ގެންދަނީ ބޮޑުކޮށްބަލާ އަންހެން ދަރިފުޅު އެކަނި ނޫންކަމަށާއި މިއަދު ރަންނަމާރި އަރާ ގެންދަނީ އަޅުގަނޑުމެން އެންމެ ކުޑައިރު ތުއްތުއިރުން ފެށިގެން ނުހަނު ބޮޑެތި ހަރަދު ތައުލީމްދީ، ރަނގަޅު ވަޒީފާއެއް އަދާކުރާނެ ކަމަށް ބަލައިގެން ބޮޑުކުރާ ކުއްޖާގެ ވަޒީފާގެ ހައްގުގެ އިތުރުން ގޯއްޗެއް ލިބޭނެ ކަމުގެ އުންމީދުގައި ހުރި މީހާގެ އުންމީދާއި ބަލިވެއްޖެއާއި ލާން އޮތް ވެންޓިލޭޓާރާއި ދަރިންގެ ދަރިން މުސްތަގުބަލު ކަމަށެވެ.

މިއީ ވިސްނަންވެއްޖެ ކަމެއްކަމަށާއި އަނިޔާއާއި އެކުވެރިމަކާއި ނިމަކެތިކަންވެސް ފެނިއްޖެކަމަށް ފާހަގަކޮށް ޔާސިރު ވިދާޅުވީ، ޒަމާންތަކަށް ބަދަލުވަމުން އައިސް ކަންތައްތައް މާބޮޑަށް ގޯސްވަމުން އެބަދާކަމަށް ގަބޫލުކޮށްގެން ބަޔަކު ނިކުމެއްކަމަށާއި ރާއްޖޭގައި ނުހައްގުން އަނިޔާ ދެވޭކަމަށްބުނެ ދިވެހިންތަކެއް ހިތްވަރާއެކީގައި ކުރިމަތިލައިފި ކަމަށެވެ.

"އަނިޔާ ފެނިއްޖެ، އެކުވެރިކަން ފެނިއްޖެ. ނިކަމެތިކަން ފެނިއްޖެ، ވެރިކަމަށް ޓަކައި ތިމާގެ އަމިއްލަ ފިރިމީހާއާއި އަނބި މީހާ މަރާލާ މަންޒަރުވެސް ފެނިއްޖޭ. މިއީ ދިވެހި ރާއްޖެ މުޅިންވެސް ފެނިފަހުރި ހަގީގަތްތައް." ޔާސިރު ވިދާޅުވި އެވެ.

ރާއްޖޭގައި އަދުލުވެރިކަމާއި އިޖުތިމާއީ އެއްވެސް ރައްކާތެރިކަމެއް ނެތްކަމަށެވެ. މިއީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށާއި މިކަމާއި ކުރިމަތިލާނީ ކިހިނެތްކަން ވިސްނަންވެއްޖެކަމަށާއި ހެދިހާ ގޮތެއް ގަބޫލުނުކޮށް މިއެދުމުގައި ބައިވެރިވާ އެންމެހާ ރައްޔިތުންނަށް ގޮވާލާކަމަށް ޔާސިރު ވިދާޅުވި އެވެ.

ދުނިޔޭގައި އެއްވެސް އިންތިހާބެއް ފަސޭހަ ނޫންކަމަށް ވިދާޅުވަމުން ޔާސިރު ފާހަގަކުރެއްވީ އިންގިލާބީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް އެތަނެއްގެ ރައްޔިތުން އިންތިހާއަށް ބުރަ މަސައްކަތްކޮށް އެތަކެއް ލޭއޮހޮރުވައިގެން، އެތަކެއް ބައެއްގެ ފުރާނަ އެކަމުގައި ގެއްލިގެން ދާކަމަށެވެ. އެކި ގައުމުތަކުގެ ތާރީހީ އިންތިހާބުތަކަށް އަލިއަޅުވާލާ ޔާސިރު ވިދާޅުވީ އެހެން ނަމަވެސް އެއްކަމެއް ކޮމަންވެފައި އެބައޮތް ކަމަށެވެ.

"މި ހުރިހާ އިންގިލާބީ ބަދަލުތަކުގައި އަޅުގަނޑުމެންނަށް އެބަފެނޭ އެއް ކަމެއް ކޮމަން، އެއްގޮތް އެއްކަމެއް އެބަ ފެނޭ. މިއީ އަޅުގަނޑުމެން އެއްވެސް ދިވެހި ރައްޔިތަކު ދެއަތް އުރާލައިގެން މި ނޫން ގޮތެއް ނެތޭ ކިޔާ ތިބެންވީ ވަގުތެއްނޫން." ޔާސިރު ވިދާޅުވި އެވެ.

އިޖުތިމާއީ ރައްކާތެރިކަމަކީ ވަކި މީހަކަށް އާދޭސްކުރަން ނުޖެހި އެ ހައްގުވާ ފަރާތަކަށް، ލިބެން ޖެހޭ ފަރާތަކަށް ލިބޭނެ އެއްޗަކަށް ހަދާނެކަމަށާއި ރާއްޖެއަކީ މިނިވަން ކަމާއެކު އުޅެލެވޭނެ ތަނަކަށް ހަދާނެ ކަމުގައި ޔާސިރު ވިދާޅުވި އެވެ.

"އެންމެ އުތުރުގަ ހުރި މީހާވީމާ ވަކި ގޮތެއް އެންމެ ދެކުނުގަ ހުރި މީހާ ވީމާވަކި ގޮތެއް. ދޮން ވީމާ ކަޅުވީމާ ވަކި ގޮތެއް ނުހެދޭނެ. އަޅުގަނޑުމެންގެ ޓެކްސް ފައިސާއިން ކޮންމެ ރަށަަކަށް އެ އަޅާލާ ސިމެންތި ކޮތަޅަކީ އަޅުގަނޑުމެންގެ ދިރިއުޅުމާ ގުޅިފައިވާ ސިމެންތި ކޮތަޅަކަށް އަޅުގަނޑުމެން ހަދާނަން." ޔާސިރު ވިދާޅުވި އެވެ.

ރާއްޖޭގެ ކޮންމެ ސަރަހައްދެގައިވެސް އޮތީ ކޮރަޕްޝަންކަން ފާހަގަ ކުރައްވާ ޔާސިރު ވިދާޅުވީ ދަ ޑިމޮކްރެކްޓްސް އަކީ ޒުވާނުންގެ ޕާޓީއެއް ކަމަށާއި މި ޕާޓީން ދަރިންނަކީ ނަފްސުގެ މިނިވަންކަމާއެކު އުޅޭނެ ބައެއްކަމަށް ހަދާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355