twitterviber whatsapp telegramfacebookyoutube instagram
3rd May 2024

މެޕްސް ކޮލެޖުން ހިންގާ ލޭ ހަދިޔާކުރުމުގެ ކޭމްޕެއް މިމަހުގެ 24ގައި

ނަބީލާ އިސްމާޢީލް
Jun 10, 2023

މެޕްސް ކޮލެޖާއި މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) ގުޅިގެން ލޭ ހަދިޔާކުރުމުގެ ހާއްސަ ކޭމްޕެއް މިމަހުގެ 24ވަނަ ދުވަހު ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

މިމަހުގެ 24 ވަނަ ދުވަހު ރަސްމީކޮށް ފެށުމަށް ތައްޔާރުވެފައިވާއިރު މިކޭމްޕްގައި ލޭ ހަދިޔާކުރަން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް އެދުވަހުގެ މެންދުރު 1:00އިން ފެށިގެން ހަވީރު 5:00 ޖަހަންދެން އެފުރުސަތު ލިބޭނެކަމަށް އެކޮލެޖުން ބުނެއެވެ. ލޭ ހަދިޔާކުރުމުގެ މި ކޭމްޕްގައި އާއްމުކޮށް ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ އިތުރުން އަލަށް ލޭ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އަލަށް ލޭ ހަދިޔާ ކުރާ ފަރާތްތަކަށް ލޭ ހަދިޔާކުރެވޭނީ މޯލްޑިވިއަން ބްލަޑް ސާވިސަސްއިން އެފަރާތެއްގެ ސިއްހީ ހާލަތުހުރިގޮތުގެ ހާއްސަ ޓެސްޓުތަކެއް ހެދުމަށްފަހުއެވެ. މިއީ މެޕްސް ކޮލެޖުގެ ސީއެސްއާރް ހަރަކާތްތަކުގެތެރެއިން މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އާއި ގުޅިގެން ހިންގާ ފުރަތަމަ ކޭމްޕެވެ.

މެޕްސް ކޮލެޖާއި އެމްބީއެސް ގުޅިގެން މިފަދަ ކޭމްޕެއް ހިންގުމުގެ މައިގަނޑު މަޤްސަދަކީ، ރާއްޖޭގައި ތިބި ތެލަސީމިއާ ކުދިންގެ އިތުރުން ލޭ ބޭނުންވާ ފަރާތްތަކަށް ލޭ ހޯދައިދިނުމަށް މަސައްކަތްކޮށްދީ އާއްމުންގެ ގިނަ ބަޔަކު ލޭ ދިނުމަށް ހޭލުންތެރިކުރުވުމެވެ. ހާއްސަކޮށް މެޕްސް ކޮލެޖުގައި ކިޔަވަމުންދާ ދަރިވަރުންނަކީ، ކުރިމަގުގައި މުޖްތަމައުގައި މިފަދަ މަސައްކަތްކުރުމަށް އިސްނަގާނެ ފަރާތްތައްކަމުން ދަރިވަރުން މިކަމަށް ހޭލުންތެރިކުރުވުމަކީވެސް މެޕްސް ކޮލެޖުގެ އެއް އަމާޒެވެ.

ލޭ ހަދިޔާ ކުރުމަކީ، އިންސާނިއްޔަތަށް ކުރެވޭނެ އެންމެ ބޮޑު އެހީތެރިކަމެވެ. އަދި އިންސާނެއްގެ ފުރާނަ ސަލާމަތްކޮށްދިނުމުގައި ވެވޭ މިއެހީތެރިކަމަކީ އިންސާނިއްޔަތަށް ކޮށްދެވޭ ސަދަޤާތެއްކަމުން ވީހާވެސް ގިނަބަޔަކު މިކޭމްގައި ބައިވެރިވުމަކީ މެޕްސް ކޮލެޖުގެ އެދުމެކެވެ. މިކޭމްޕްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން https://tinyurl.com/ym427rba މިލިންކު މެދުވެރިކޮށް ރެޖިސްޓަރކޮށްލެވޭނެއެވެ.

ލޭ ހަދިޔާކުރުމުގެ ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 20ވަނަ ދުވަހާ ހަމައަށް ކޮންމެ ފަރާތަކަށްވެސް ލިބޭނެއެވެ. މި ކޭމްޕާއިބެހޭ އިތުރު މައުލޫމާތު މެޕްސް ކޮލެޖުގެ ނަމްބަރު 3314621 މެދުވެރިކޮށް އާއްމުންނަށް ލިބޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355