ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ގަރާރާމެދު ގޮތެއް ނިންމުމުގެ ކުރިން އެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ރައްޔިތުންގެ މަޖިލީހަށް އަންގަވައިފިއެވެ.
އިތުބާރު ނެތްކަމުގެ މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެވަޑައިގަންނަވާކަން ރައީސް ނަޝީދު މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިޔުޝާއަށް އެންގެވީ މިއަދު ފޮނުއްވެވި ސިޓީއެއްގަ އެވެ.
އެ ސިޓީގައި އެ މަނިކުފާނު ވިދާޅުވެފައި ވަނީ، އެ މަނިކުފާނު ނިސްބަތްވާ ޕާޓީން، އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅާފައިވާތީ، އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވާ ކަމަށެވެ.
އެކަމަކު، އެ މުއްދަތުގައި މަޖިލީހުގެ ރިޔާސަތު ނުބެލެހެއްޓި ނަމަވެސް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ މިންވަރަށް އެންމެހައި ކަންކަން ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހިނގަމުންދާއިރު، ކަމަނާގެ (އަމީންއާންމުގެ) މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަށް ކުޑަކޮށް ވެސް ހުރަސް އެޅޭ ބާވަތުގެ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ވެސް މި ފުރުސަތުގައި އަރުވަމެވެ." އެ ސިޓީގައި ވެއެވެ.
މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކުރުމަށް އެމްޑީޕީން ވަނީ އެދިފަ އެވެ.
މަޖިލީހުގެ އިދާރާއިން ކުރިން ބުނެފައިވާ ގޮތުގައި އީވާގެ މައްސަލަ އެޖެންޑާ ނުކުރެވިފައިވަނީ، އެ މައްސަލައިގައި ބަހުސް ކުރާނެ ވަގުތު އާންމު ކޮމިޓީން ކަނޑަނާޅައި އޮތުމުންނެވެ. އެމްޑީޕީން ނަޝީދަށް ތާއީދުކުރައްވާ 13 މެންބަރުން ވަކިވުމާ އެކު މަޖިލީހުގެ ކޮމްޕޮޒިޝަނަށް އައި ބަދަލާ އެކު، ކޮމިޓީތައް އޮތީ ހުއްޓިފައެވެ.
މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ގޮތުން، މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމުން، ދެން މަޖިލީސް ކުރިއަށް ގެންދެވޭނީ އެ މައްސަލައިގައި ގޮތެއް ނިންމުމަށް ފަހުއެވެ. އެކަމަކު، މިހާރު އޮތް ގޮތުން އެ މައްސަލަ ކުރިއަށް ގެންދެވޭނީ، މަޖިލީހުގެ ކޮމްޕޮޒިޝަނަށް އައި ބަދަލާ އެއް ގޮތަށް ކޮމިޓީތަކަށް ބަދަލު ގެނައުމަށް ފަހުގައެވެ.
މަޖިލީހުން ބުނި ގޮތުގައި ކޮމިޓީތައް އެކުލަވައިލުން ހުއްޓިފައިވަނީ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްގެ އެދިލެއްވުމަކަށެވެ.
އަސްލަމް ވިދާޅުވާ ގޮތުގައި ދާއިމީ ކޮމިޓީތަކަކީ އަބަދު ވެސް ދެމިއޮންނާނެ ކޮމިޓީތަކެކެވެ. އެހެންވެ، އެ ބަދަލު ނުގެނެސް ވެސް، ކޮމިޓީ ބޭއްވޭނެ ކަމަށް އޭނާ ވިދާޅުވެއެވެ.
މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ރައީސާއި ނައިބު ރައީސް އުޒުރުވެރިވާ ހާލަތެއްގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ މެންބަރަކު ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ށ ގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް ކަނޑައަޅުއްވަން ޖެހޭނެއެވެ.