ބޭންކް އޮފް މޯލްޑިވްސް އިން މިއަހަރުގެ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް އެއްއަހަރުގެ މުއްދަތަކަށް ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ ޕްރޮގްރާމެކެވެ.
މި އިންޓާންޝިޕް ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބުމުގެ އިތުރުން ބީއެމްއެލް ނުވަތަ މާލީ ދާއިރާގެ އެހެން އިދާރާއަކުން ދާއިމީ ވަޒީފާއެއް ހޯދުމަށް ފުރުސަތުވެސް ލިބޭނެއެވެ. އިންޓާންޝިޕް މުއްދަތުގައި ބައިވެރިންނަށް ދެވޭ ތަޖުރިބާ އާއި ހުނަރު އިތުރުކުރުމަށް ބައިވެރިންނަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެއެވެ.
"ބޭންކުން ކުރިޔަށް ގެންދާ މި ޕްރޮގްރާމުގެ ދަށުން، ޒުވާނުންނަށް މާލީ ދާއިރާގައި ވަޒީފާގެ ފުރުސަތު ހޯދުމަށް އަދި ފަށައިގަތުމަށް ބޭނުންވާ ހުނަރު އިތުރުކުރުމަށް ފުރުސަތު ލިބޭ. 2018 ވަނަ އަހަރު ތައާރަފް ކުރި މި ޕްރޮގްރާމުގައި މިހާތަނަށް 42 އަށް ވުރެ ގިނަ ބައިވެރިން މިވަނީ ކާމިޔާބު ކަމާއެކު މި ޕްރޮގްރާމް ނިންމާފަ. އަދި މީގެ ތެރެއިން %70 ބައިވެރިންނަށް ބޭންކުގެ ދާއިމީ ވަޒީފާ ލިބިފައިވޭ." ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރު ސަހާ ވަހީދު ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ ދަށުން ބައިވެރިންނަށް ކޮންމެ މަހަކު 6،000 ރުފިޔާގެ މުސާރަ އަދި ރަމަޟާން މަހުގެ ބޯނަސް އިތުރުން ޕެއިޑް ލީވް ލިބޭނެއެވެ.
އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ބޭނުން ފަރާތްތަކުން އަންނަ މަހުގެ ދެވަނަ ދުވަހުގެ ކުރިން އޮންލައިންކޮށް ހުށަހެޅޭނެގޮތް ވަނީ ފަހިކޮށްދީފައެވެ.