ހިޖުރައިން ނަވާރަ ވަނަ އަހަރު ޢުމަރުގެފާނު، ރޫމީންނާ ހަނގުރާމައަށް ލަޝްކަރެއް ފޮނުއްވިއެވެ. އެ ލަޝްކަރުގައި ޢަބްދުﷲ ބުނު ޙުޛާފާ ވެސް ހިމެނިވަޑައިގަތެވެ. ރޫމީންގެ ޤައިޞަރު ރަސްގެފާނު، މުސްލިމް ހަނގުރާމަވެރިންގެ ޚަބަރުތައް ވަރަށް ގިނައިން އަޑުއައްސަވައެވެ. އެބައިމީހުންގެ އީމާންކަމާ ތެދުވެރިކަމެވެ. ޢަޤީދާގެ ވަރުގަދަކަމާ ﷲ އާއި އެކަލާނގެ ރަސޫލާގެ މަގުގައި އަމިއްލަ ނަފްސުން ޤުރުބާން ވުމުގެ މަތިވެރި ޖަޒުބާތުގެ ވާހަކައެވެ. ޤައިޞަރު ރަސްގެފާނު ވަނީ އަމުރެއް ނެރުއްވާފައެވެ. އެއީ މުސްލިމް ހަނގުރާމަވެރިޔަކު އަތުލައިގަނެވިއްޖެނަމަ އެމީހަކު ޤަތުލު ނުކޮށް ދިރިހުއްޓައި އެރަސްގެފާނުގެ ދަރުބާރަށް ގެނައުމަށެވެ.
މާތްﷲ ގެ މިންވަރުފުޅުން ޢަބްދުﷲ ބުނު ޙުޛާފާ، ރޫމީންގެ އަތްދަށުގައި ހައްޔަރު ވެއްޖެއެވެ. އެމީހުން، އެބައިމީހުންގެ ރަސްގެފާނުގެ ދަރުބާރަށް އެކަލޭގެފާނު ގެންގޮސް ދެންނެވިއެވެ. މިއީ މުޙައްމަދުގެފާނުގެ އަޞްޙާބުންގެ ތެރެއިން، އެކަލޭގެފާނުގެ ދީނަށް އެންމެ ކުރިން ވަން މީހުންގެ ތެރެއިން މީހެކެވެ. އޭނާ އަތުލައިގަނެވުމުން މަނިކުފާނުގެ އަރިހަށް ގޮވައިގެން އައީމުއެވެ. ރޫމީންގެ ރަސްގެފާނު ޢަބްދުﷲ ބުނު ޙުޛާފާއަށް ވަރަށް ފުން ނަޒަރަކުން ބައްލަވާލެއްވުމަށްފަހު ވިދާޅުވިއެވެ. އަހަރެން ކަލެއަށް ގޮތެއް ހުށައަޅާނަމެވެ. ޢަބްދުﷲ ގެފާނު ވިދާޅުވިއެވެ. އެއީ ކޮން ގޮތެއްތޯއެވެ؟ ޤައިޞަރު ވިދާޅުވިއެވެ. އެގޮތަކީ ކަލޭ ކްރިސްޓިއަން ދީން ޤަބޫލު ކުރުމެވެ. ކަލޭ އެދީން ޤަބޫލު ކޮށްފިނަމަ ކަލޭ މިނިވަންކޮށް ވަރަށް މާތްކޮށް ހިތާނަމެވެ. ޤައިދީއެއްގެ ގޮތުގައިވާ ކަލޭގެފާނު ފިސާރި ސާބިތުކަމާއި ފަޚުރުވެރިކަމާއެކު ވިދާޅުވިއެވެ. އެއްހާސްފަހަރު މަރާލެއްވިޔަސް ކްރިސްޓިއަން ދީނަކަށް ނުވަންނާނަމެވެ. ޤައިޞަރު ވިދާޅުވިއެވެ. ކަލެއަކީ ތިޔަހުރި ދީނާއިމެދު ވަރަށް ފަޚުރުވެރިވާ މީހެއްތާއެވެ. ތެދެއް ބުނަން ހެއްޔެވެ؟
ދެންމެ މިހުށައެޅި ގޮތް ކަލޭ ޤަބޫލުކޮށްފިނަމަ މަގޭ ވެރިކަމުގައި ކަލޭ ބައިވެރިކޮށް ވެރިކަމުގެ އެއްބައި ދޭނަމެވެ. ކަސްތަޅުތަކުގައި ހައްޔަރުވެފައިވާ ޤައިދީ ހިނިތުންވެލާފައި ޖަވާބު ދިނެވެ. ﷲ ގަންދީ ބުނަމެވެ. މަނިކުފާނަށް މިލްކުވެގެންވާހައި އެއްޗަކާ އަދި އެންމެހައި ޢަރަބީންނަށް މިލްކުވެގެން ވާހައި އެއްޗެއް ދިން ކަމުގައި ވިޔަސް އެސްފިޔަ ޖަހާލާހައި ހިނދުކޮޅަކަށްވެސް މުޙައްމަދުގެފާނުގެ ދީނުން ބޭރެއް ނުވާނަމެވެ. އެހެންވިއްޔާ ދެން އޮތް ގޮތަކީ ކަލޭ ޤަތުލު ކުރުމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެދިވަޑައިގަންނަވާ ގޮތަކަށް ކަންތައް ކުރައްވާށެވެ. ދެން ޤައިޞަރުގެ އަމުރުފުޅަށް އެކަލޭގެފާނު ގެންގޮސް ޞަލީބަށް އެރުވުމަށް ތައްޔާރުކޮށްފިއެވެ. އަދި އެކަލޭގެފާނު ޞަލީބަށް އެރުވުމުގެ ކަންތަކާ ޙަވާލުވެ ހުރި މީހާއަށް ރޫމީބަހުން ވިދާޅުވިއެވެ. އެކަލޭގެފާނުގެ އަތްޕުޅާއި ދިމާ ކައިރިން ދާގޮތަށް ދުނިއުކާށެވެ. ދުނިޖަހާމީހާ ދުނި ޖަހަމުން ދިޔައިރު ޤައިޞަރު އެކަލޭގެފާނަށް ކްރިސްޓިއަން ދީން ހުށައަޅުއްވަމުން ގެންދެވިއެވެ. އެކަލޭގެފާނު ހަމަހިލާ އެއްބަސްވެވަޑައެއް ނުގަތެވެ.
ދެން ޤައިޞަރު ވިދާޅުވިއެވެ. އޭނާގެ ފަޔާ ދިމާއަށް ދުނި އުކާށެވެ. އޭރުވެސް ޤައިޞަރު ގެންދަވަނީ އެކަލޭގެފާނަށް ކްރިސްޓިއަން ދީން ހުށައަޅުއްވަމުންނެވެ. އެންމެފަހުން އެކަލޭގެފާނު އެބައިމީހުންގެ ހުށައެޅުންތައް ޤަބޫލު ނުކުރައްވާނެކަން ޔަޤީން ވީހިނދު، ޞަލީބުމަތިން އެކަލޭގެފާނު ބޭލުމަށް އަންގަވައިފިއެވެ. ދެން ބޮޑު ބިޔަ ތެއްޔަކަށް ތެޔޮ އަޅުއްވައިގެން ގެންނަވައި އުނދުނެއް މަތީ ބަހައްޓައިގެން ކައްކައި ތެޔޮގަނޑު އެންމެ ގަދަޔަށް ކެކިގަތީމާ މުސްލިމުންގެ ދެ އަސީރަކު ގެނެސް އޭގެ ތެރެއިން އެކަކު، ކެކިކެކިހުރި ތެޔޮތެލީގެ ތެރެއަށް އެއްލާލިއެވެ. އެހިނދު އޭނާގެ މަސްތައް ރޯފިލައި ފިހިގެން ގޮސް މަސްތަކާއި ކަށިތައް ވަކިވަކިވެ ދެތަން ވެއްޖެއެވެ. އެއަށްފަހު ޢަބްދުﷲ ބުނު ޙުޛާފާ އާއި ދިމާއަށް ކުރިމަތި ލައްވައި ޤައިޞަރު ވިދާޅުވިއެވެ. ކްރިސްޓިއަން ދީނަށް ވަންނާށެވެ. އޭރުން މިނިވަންކޮށް ދޫކޮށްލާނަމެވެ. މިފަހަރު އިހުނަށްވުރެ ބޮޑަށް އެކަލޭގެފާނު އެކަމާ ދެކޮޅު ހައްދަވައިފިއެވެ. އެކަލޭގެފާނު ހަމަ އެއްގޮތަކަށްވެސް އިސްލާމް ދީން ދޫކޮށްނުލައްވާނޭކަން ޔަޤީންވެ އެކަމާމެދު މާޔޫސްވުމުން، ކުރިން އެކަލޭގެފާނުގެ އެކުވެރިޔާ އެއްލާލެވުނު، ކެކިކެކި ހުރި ހޫނު ތެޔޮ ތެލީގެ ތެރެއަށް އެކަލޭގެފާނު ވެސް އެއްލާލުމަށް ޤައިޞަރު އަމުރު ކުރައްވައިފިއެވެ.
ތެޔޮތަކުގެ ތެރެއަށް އެއްލާލުމަށް އެކަލޭގެފާނު ގެންދެވުނު ހިނދު، އެކަލޭގެފާނުގެ ލޯފުޅުން ކަރުނަފޮދެއް ނީރުނެވެ. މިތަން ދެކެ ޤައިޞަރުގެ މީހުން އެރަސްގެފާނަށް ދެންނެވިއެވެ. އެއްކަލަ ޤައިދީ ކަލޭގެ އެބަ ރޮއެވެ. މިވާހަކަ އައްސަވައި ޤައިޞަރަށް ހީފުޅުވީ، މަރުދެކެ ބިރުން އެކަލޭގެފާނު ކީރިތިފުޅު ކުރައްވަނީ ކަމަށެވެ. އެހެން ހީފުޅު ކުރައްވައި އެކަލޭގެފާނު، އެ ރަސްގެފާނުގެ އަރިހަށް ގެނައުމަށް އަންގަވައިފިއެވެ. މިފަހަރުވެސް ޤައިޞަރުގެ އަރިހަށް ހަމަ ގެނެވުމާއެކު އެންމެ ފުރަތަމަ ވެސް ހުށައެޅުއްވީ ކްރިސްޓިއަން ދީނެވެ. ކުރީ ފަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް އެކަލޭގެފާނު އިންކާރު ކުރެއްވިއެވެ. އެހިނދު ޤައިޞަރު ވިދާޅުވިއެވެ. ކަލެއަށް ހަލާކު ހުއްޓެވެ. އެހެންވިއްޔާ ދެންމެއަކު ކަލޭ ތިޔަ ރުއީ ކީއްވެގެން ހެއްޔެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ރޮވުނީ، ތިމަންގެ ހިތަށް އެރި އެއްޗަކުންނެވެ. އަހަރެންގެ ހިތަށް އެރީ މިހިރަ ކެކިކެކިހުރި ތެލީގެ ތެރެއަށް އަހަރެން އެއްލާލެވިއްޖެ ނަމަ އެހިސާބުން އަހަރެން މަރުވެ ދުވަސްދިޔައީއެވެ. އަހަރެންގެ އުއްމީދަކީ އަހަރެންގެ ހަށިގަނޑުގައި ހުރި ކޮންމެ އިސްތައްޓެއްގެ ޢަދަދަށް އަހަރެންނަށް ފުރާނަ ލިބިފައި އެއިން ކޮންމެ ފުރާނައެއް ﷲ ގެ މަގުގައި އެކަލާނގެ ދީނަށްޓަކައި ޤުރުބާން ކޮށްލެވޭނެ ނަމަ ކޮންފަދަ ހެއްޔެވެ؟
މިއަޑު އައްސަވައި ޖައްބާރު ބޯހަރު ރަސްގެފާނު ބުންޏެވެ. ކަލޭ ދޫކޮށްލާންކަމަށް އަހަރެންގެ ބޮލުގައި ބޮސްދީފާނަން ހެއްޔެވެ؟ ޢަބްދުﷲ ގެފާނު ވިދާޅުވިއެވެ. ގޮތެއްގެ މަތިން ތިޔަކަން ޤަބޫލު ކޮށްފާނަމެވެ. އެއީ އަހަރެންނާއިއެކު، ހައްޔަރުވެފައި މިތިބަ އެންމެހައި މުސްލިމް އަސީރުންވެސް ދޫކޮށްލުމެވެ. ރަސްގެފާނު މިގޮތް ޤަބޫލު ކުރެއްވީމާ ޢަބްދުﷲ ގެފާނުގެ ހިތްޕުޅަށް އެރިއެވެ. މީނާއަކީ ﷲ ގެ ދުޝްމަނުންގެ ތެރެއިން ދުޝްމަނެކެވެ. އެހެނެއްކަމަކު އޭނާގެ ބޮލުގައި ބޮސްދީފިނަމަ އެންމެހާ މުސްލިމް އަސީރުން މިނިވަން ވާކަމަށް ވަންޏާ އެކަން ނުކުރަންވީ ސަބަބެއް ނެތެވެ. މިހެން ހިތްޕުޅަށް އަރާފައި ރަސްގެފާނުގެ ގާތަށް ޖެހިވަޑައިގެން އެރަސްގެފާނުގެ އިސްތަށިފުޅުގައި ބޮސްދެއްވައިފިއެވެ. އެހިނދު ރޫމްކަރައިގެ ރަސްގެފާނު ޤައިޞަރު، އެކަލޭގެފާނު މިނިވަން ކުރައްވައި އެންމެހާ މުސްލިމް އަސީރުން ގެނެސް އެކަލޭގެފާނާ ޙަވާލު ކުރުމަށް އަންގަވައިފި އެވެ.
ޢަބްދުﷲ ބުނު ޙުޛާފާ، މަދީނާއަށް ވަޑައިގެން އެއްކަލަ ހާދިސާ ހިނގައިދިޔަ ގޮތް ޢުމަރުގެފާނަށް ކިޔުއްވައިދެއްވައިފިއެވެ. މިވާހަކަތައް އައްސަވައި ޢުމަރުގެފާނު ނިހާޔަތަށް އުފާފުޅު ކުރައްވައި ވިދާޅުވިއެވެ. "ޢަބްދުﷲ ބުނު ޙުޛާފާގެ އިސްތަށިފުޅުގައި ބޮސްދިނުމަކީ ކޮންމެ މުސްލިމަކު އަދާކުރަން ޖެހޭ ޙައްޤެކެވެ. އެންމެ ފުރަތަމަ އެޙައްޤު މި އަދާކުރައްވަނީ ތިމަންކަލޭގެފާނެވެ." މިހެން ވިދާޅުވެފައި ތެދުވެވަޑައިގެން ޢަބްދުﷲ ބުނު ޙުޛާފާގެ އިސްތަށިފުޅުގައި ބޮސްދެއްވައިފިއެވެ.