twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅިވަރުގެ މައިދާނުން ޑިމޮކްރަސީގެ ރީތި މިސާލު ދަސްވާނެކަމަށް މާލޭގެ މޭޔަރ އާދަމް މަނިކު ވިދާޅުވެއްޖެ

Jun 8, 2011

އިބްރާހިމް ހަމީދު

އެކަކު އަނެކަކާއި ވާދަކޮށް ބަލި ގަބޫލުކޮށް ކާމިޔާބުގައި ހިތްތިރިކުރަން ދަސްވުމަކީ ގައުމެއްގައި ޑިމޮކްރަސީ އަށަގަންނާނެ ކަމެއްކަމަށާއި ކުޅިވަރުގެ މައިދާނުން ޑިމޮކްރަސީގެ ރީތި މިސާލު ދަސްވާނެކަމަށް މާލޭ ސިޓީގެ މޭޔަރ ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެ އެވެ.

މިހާރު ކުޅުދުއްފުށީގައި ފެށިގެން ކުރިއަށްދާ 16 ވަނަ އެޓޯލް އިންޓަރ ސްކޫލް އެތްލެޓިކްސް މީޓު ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ކުޅުދުއްފުއްޓަށް ވަޑައިގެން އުޅުއްވާ މާލޭ ސިޓީގެ މޭޔަރ މިހެން ވިދާޅުވީ އިއްޔެ އެމުބާރާތް ރަސްމީކޮށް ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައެވެ.

އާދަމް މަނިކުގެ ވާހަކުފުޅުގައި ޒުވާނަކު ފުރާ ފުރިހަމަވެގެން ދާއިރު ބޭނުންވާނީ ތިން ކަމެއްކަން ފާހަގަކުރައްވާ ވިދާޅުވީ އެއީ އިސްލާމްދީންގެ ޘަޤާފަތް އުނގެނުމާއި، ކުރިމަގު ހޯދުމަށްޓަކައި ތަޢުލީމު ހާޞިލްކުރުމާއި ހަށިގަނޑު ބައްޓަން ކުރުމާއި އަދި ވާދަވެރި ގޮތެއްގައި ކަންތައްތައް ކުރުމަށްޓަކާ ކުޅެންޖެހޭ މުބާރާތްތައް ވާދަވެރި އުޞޫލެއްގައި ގެންގޮސް މުބާރާތުން މޮޅުވިއަސް އަދިބަލިވިއަސް އެކަން ނިންމާލުމަށް ފަހު އެކަކު އަނެކަކާއި ސަލާމް ކޮށްލުމަށްފަހު އަނެއް މުބާރާތަށް ތައްޔާރުވުން ކަމަށެވެ. މިތިން ކަންތައް ކާމިޔާބުވެއްޖެނަމަ މިއަށްވުރެން މާފުރިހަމައަށް މިކުދީން ނިކުމެ ކަންކަން ކުރާނެކަމާއި މެދު ޔަގީން ކުރާ ކަމަށް މޭޔަރ ވިދާޅުވިއެވެ.

މީގެ އިތުރުން އެތްލެޓިކްސް އެސޯސިއޭޝަންގެ ޗެއާރމަން މައިޒާން އަލިމަނިކުގެ ހިދުމަތްތައް ފާހަގަކޮށް އަލިމަނިކު ވޭތުވެދިޔަ 20 އަހަރު ދުވަހު އެތްލެޓިކްސް އެސޯސިއޭޝަނުގައި ކުރެއްވި މަސައްކަތަކީ ގައުމީ ފެންވަރެއްގައި ބަލައިގަނެ ތަރުހީބުދޭ ކަމެއްކަމަށް އާދަމް މަނިކު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި އެތުލެޓިކްސް އެސޯސިއޭޝަނުގެ ޗެއާރމަން މައިޒާން އަލިމަނިކު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ގާނޫނީ ތަރަހައިގެ ތެރެއިން ކައުންސިލްތައް އުފެދި އެކައުންސިލްތަކުގެ ރަށްތަކުގެ ސްކޫލުތަކުން ބައިވެރިވާ ފުރަތަމަ މުބާރާތް ކުޅުދުއްފުށީގައި ބޭއްވޭކަމީ ތާރީހުގައި ލިޔެވިގެންދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ. އަދި މިދުވަހަކީ ކުޅުދުއްފުއްޓަށާއި ހދ އަތޮޅަށް ވަރަށް ތާރީހީ ދުވަހެއް ކަން ފާހަގުކުރައްވާ މިމުބާރާތަށް 16 އަހަރު ވެގެންދިޔައިރު މާލެ ސްކޫލެއް ފުރަތަމަ ފަހަރަށް ބައިވެރިވެފައިވަނީ މިއަހަރު ކަމަށާއި އެގޮތުން މިއީ މުޅިމުބާރާތަށް ލިބުނު ފަހްރެއް ކަމަށް ވިދާޅުވިއެވެ.

އިއްޔެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ފެށި މިމުބާރާތް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު މުބާރާތުގެ އިވެންޓްތައް ބައްލަވާލެއްވުމުގެ އިތުރުން މުބާރާތުގެ ބައެއް އިވެންޓްތަކަށް މެޑަލްވެސް އާދަމް މަނިކު ޙަވާލުކޮށްދެއްވިއެވެ.

މުބާރާތުގެ ފުރަތަމަ ދުވަހުގެ އިވެންޓްތައް ނިމިގެން ދިޔައިރު 11 އަހަރުންދަށް އަދި 13 އަހަރުންދަށުގެ ފިރިހެން ކުދިންގެ ބައިގައި ކުރި ހޯދާފައިވަނީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. 15 އަހަރުން ދަށުގެ ބައިން ކުޅުދުއްފުށީ އަފީފުއްދީން ސްކޫލް ކުރި ހޯދިއިރު 17 އަހަރުން ދަށުގެ ބައިން ކުރި ހޯދާފައިވަނީ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލެވެ.

އަންހެން ކުދިންގެ ބައިން 11 އަހަރު ދަށް އަދި 13 އަހަރުން ދަށުގެ ބައިންވެސް ކުރިހޯދާފައިވަނީ ވެސް ހދ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355