twitterviber whatsapp telegramfacebookyoutube instagram
28th April 2024

ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ބޯހިޔާވަހިކަމާއި ރިޓަޔަމަންޓް ޕެންޝަން ސްކީމެއް

ނަބީލާ އިސްމާޢީލް
Aug 18, 2023

ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދައުރުގެ ކުރީކޮޅު ހައުސިން މަޝްރޫއަކާއި ރިޓަޔަމަންޓް ޕެންޝަން ސްކީމެއް ވެސް ތައާރަފުކުރައްވާނެކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވައުދުވެވަޑައިގެންފި އެވެ.

ފ. ނިލަންދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ޓޫރިޒަމް ދާއިރާގައި ވިއްސަކަށް ހާސް ދިވެހި މުވައްޒަފުން މަސައްކަތްކުރާ އިރު، އެ މުވައްޒަފުންނަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. ހާއްސަކޮށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާއިރުވެސް އެ މުވައްޒަފުން ބާކީ ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، މީގެ ކުރިން ސިވިލް ސާވަންޓުންނާއި ޑޮކްޓަރުންނާއި ނަރުހުންނާ އަދި ޓީޗަރުން ފަދަ ދާއިރާތަކަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާފައިވެ އެވެ. އެހެންވެ، އެ ފުރުސަތު، ރާއްޖޭގެ އިގުތިސާދުގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ޓޫރިޒަމްގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް އޮންނަން ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި އެންމެ ކުރީކޮޅު ފަށާ ހައުސިން މަޝްރޫއުތަކުގެ ތެރޭގައި ވަކި ކެޓަގަރީއެއް ހަދައި، ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަކުރެވިފައިވާ ހައުސިން ކެޓަގަރީއެއް ގާއިމްކޮށް ސޯޝަލް ހައުސިން ފޯރުކޮށްދިނުމަކީ ސިޔާސަތުގައި ހިމެނޭ ކަމެއްކަން ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، ޓޫރިޒަމްގެ ދާއިރާގެ ކުންފުނިތައް ހިންގާ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގައި ވެސް މަޝްވަރާކޮށް، ކަމާބެހޭ ގާނޫނާއި ގަވާއިދު ހަދައިގެން، އެ ދާއިރާގެ މުވައްޒަފުންނަށް ހާއްސަ އިތުރު ބެނެފިޓްތައް ލިބޭ ރިޓަޔަމަންޓް ޕެންޝަން ސްކީމެއް ވެސް އޭނާގެ ވެރިކަމެއްގައި ތައާރަފުކުރައްވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355