ގަވައިދާ ހިލާފަށް ޕާކް ކުރުމުން ޖޫރިމަނާ ދައްކަންޖެހިފައިވާ މީހުންގެ ޖޫރިމަނާ ފައިސާ މައާފްކޮށްދެއްވާނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރޭ ފުނަދޫގައި އޮތް ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، މިއީ މި ސަރުކާރުގެ ދޯހަޅި، ދެކޮޅުނުޖެހޭ ސިޔާސަތުތަކުގެ ތެރެއިން ދިމާވާ ކަމެއް ކަމަށެވެ.
މީގެ އިތުރުން، ޕާކްކުރާނެ ތަނެއް ނުދައްކާ ޖޫރިމަނާ ނުކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް، ޕާކްކުރާނެ ޖާގަ ނެތް ކަމަށާއި ސިޓީ ކައުންސިލުން ވެސް ޕާކްކުރާނެ އިމާރާތް ހަދަން ފުރުސަތު ނުދެއްވާކަން މުއިއްޒު ފާހަގަކުރެއްވިއެވެ.
"ސްޓިކާ ޖަހާ ޖަހާ ކޮންމެ ޒުވާނެއްގެ ބޮލަށް އެބައޮތް އެތައް ހާސް ޖޫރިމަނާ އަރާފައި" މުއިއްޒު ވިދާޅުވިއެވެ.
މި ސަރުކާރަށް އެންމެ ގިނައިން ފައިސާ ލިބެނީ ޖޫރިމަނާއިން ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި އެ ޖޫރިމަނާތައް އެކީގައި މާފުކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންނެވިއެވެ.
"ބަޖެޓުގައި ވެސްޖަހާފައި ހުރޭ ޖޫރިމަނާގެ ފައިސާ. ޕާކިން ސްޓިކާ ޖޫރިމަނާ އިންސާފުވެރިއެއް ނޫން. އަދުލުވެރިކަމެއް ވެސް ނޫން އެއީ. ޕާކިން ޖޫރިމަނާ އެއްކޮށް ހުރިހާ ރައްޔިތުންނަށް މާފު ކޮށްދޭނަން," ފުނަދޫގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވިއެވެ.
އޭގެ އިތުރުން މުއިއްޒު ވިދާޅުވި ގޮތުގައި މާލެއަށް ދިމާވެފައިވާ ޕާކިންގ ޖާގައިގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން މަލްޓި ސްޓޯރީ ޕާކިން އިމާރާތްތަކެއް އަޅާނެެވެ.
"އާބާދީ އާއި ތަރައްގީ އެއްފަސްކުރުމަކީ މަޖުބޫރު ކުރެވޭނެ ކަމެއް ނޫން. އެކަމަކަށް ކަންތައްތައްކެއް ގާއިމުކޮށްދީގެން. ވަޒީފާ ވަރަށް ގިނައިން ލިބެންޖެހޭ. ފަސޭހައިން ގެދޮރު ލިބެން ޖެހޭ. ސިއްހީ ހިދުމަތް މާލެއަށް ނުގޮސް ވާން ޖެހޭ. ދަރިންނަށް ބޭނުންވާ ފެންވަރަށް ތައުލީމު ލިބެން ޖެހޭނެ. މިކަންކަން ވަންޏާ އުފަލާ އެކު އަންނާނެ. އެކަން ކުރިއަށް ގެންދެވޭ ފެންވަރަށް މިރަށް ތަރައްގީ ކޮށްދޭނަން," މުއިއްޒު ވިދާޅުވި އެވެ.
ފުނަދޫގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކޮށް އެ ރަށުގައި ސަރަހައްދީ ފެންވަރުގެ ޒުވާނުންގެ މަރުކަޒެއް ގާއިމުކުރާނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ. އަދި, އެ ރަށުގައި ބިން ހިއްކުމުގެ ބޮޑު މަޝްރޫއުއެއް ވެސް ހިންގަން އޭނާ ވައުދުވެވަޑައިގެންނެވި އެވެ.