twitterviber whatsapp telegramfacebookyoutube instagram
17th May 2024

ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" ލޯންޗްކޮށްފި

Aug 28, 2023

ރާއްޖޭގައި ފަސޭހަ، އަވަސް، އަދި ރައްކާތެރި ޕޭމަންޓް ހިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން މޯލްޑިވެސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރިޔަށް ގެންދާމޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ގާއިމްކޮށްފައިވާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ ހިދުމަތް އިފްތިތާހް ކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި، 'ފަވަރަ'އިގެ ނަމުގައި މި ސިސްޓަމްގެ ހިދުމަތްތައް އިފްތިތާހު ކޮށްދެއްވާފައިވަނީ ނައިބު ރައީސް ފައިސަަލް ނަސީމެވެ.

ފަވަރައިން ހިދުމަތް ދިނުމުގެ ފުރަތަމަ މަރުހަލާގެ ބައިވެރިންގެ ގޮތުގައި ހިމެނެނީ ތިން ބޭންކެކެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ އިތުރުން، ސްޓޭޓް ބޭންކް އޮފް އިންޑިއާއެވެ.

އެހެންކަމުން މި ވަގުތު މި ހިދުމަތް ލިބޭނީ މި 3 ބޭންކުގެ މެދުގައި ހިންގާ މުއާމަލާތްތަކަށެވެ.

އެމްއެމްއޭ އިން ބުނީ އަހަރުގެ ކޮންމެ ދުވަހަކު 24 ގަޑިއިރު މެދުނުކެނޑި ޕޭމަންޓް ހިދުމަތްދެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ސިސްޓަމުން ކޮންމެ ބޭންކެއްގައި އެކައުންޓު އޮތްކަމުގައި ވީނަމެސް، އެއް އެކައުންޓުން އަނެއް އެކައުންޓަށް ކުރާ މުއާމާލާތްތަކުގެ ފައިސާ ވަގުތުން ވަގުތަށް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަަމަށެވެ.

އަދި މީގެ އިތުރުން ފަވަރަ އައިޑީ އަދި ފަވަރަ ރިކުއެސްޓްގެ ނަމުގައި ރާއްޖެއަށް މުޅިން އަލަށް ދެ ހިދުމަތެއް ތައާރަފް ކުރެވިފައިވާ ކަމަށްވެސް އެމްއެމްއޭ އިން ބުނެއެވެ.

ފަވަރަ އައިޑީން ޕޭމަންޓް ހެދުމަށް އެކައުންޓް ނަންބަރު ބޭނުންކުރުމުގެ ބަދަލުގައި ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ފަދަ ހަނދާނުގައި ބަހައްޓަންފަސޭހަ އައިޑީ އެއް ބޭނުންކޮށްގެން ފަސޭހަކަމާއެކު އެކަކު އަނެކަކަށް ފައިސާފޮނުވާލުމުގެ މަގު ފަހިކޮށްދޭނެއެވެއަދި ފަވަރަ ރިކުއެސްޓުން، ފައިސާ ލިބެންވާ ފަރާތުން ފައިސާ ދައްކަންޖެހޭ ފަރާތަށް ޕޭމަންޓް ރިކުއެސްޓެއް ފޮނުވާލެވެއެވެ. މި ހިދުމަތުން ވަކިވަކި ފަރުދުންނަށް ވެސް އެކި ފަރާތްތަކުގެ މެދުގައި ފައިސާއަށް އެދި ރިކުއެސްޓު ފޮނުވެއެވެ. އަދި ވިޔަފާރިތަކަށް ވެސް ކަސްޓަމަރުންގެ އަތުން ފައިސާ ބަލައިގަތުގުމުގައި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ފަވަރަ މެދުވެރިކޮށް ދެވޭ ހުރިހާ ހިދުމަތްތަކެއް ވެސް ކަސްޓަމަރުންނާއި ހަމަޔަށް ފޯރުކޮށްދޭނީ އެ ފަރާތަކުން އެކައުންޓް ނުވަތަ ވޮލެޓް ހުޅުވާފައިވާ ބޭންކުތަކާއި ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުންނެވެ. އެގޮތުން އެ ފަރާތްތަކުގެ އިންޓަނެޓް ބޭންކިންގ އަދި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ހުރިހާ ހިދުމަތެއް ވެސް ލިބޭނެއެވެ. ފަވަރައިގެ ޚިދުމަތް ފަށާފައިވާއިރު މި ވަގުތު ފަވަރަ ޓްރާންސްފަރ އެއް ކުރެވޭނެ އެންމެ މަތީ އަދަދު ކަމުގައި ކަނޑައަޅާފައިވަނީ 50،000 ރުފިޔާއެވެ. އަދި ފަވަރަ ރިކުއެސްޓެއް ފޮނުވޭނެ އެންމެ މަތީ އަދަދަކީ 5،000 ރުފިޔާއެވެ.

ފަވަރަ އައިޑީ އަދި ފަވަރަ ރިކުއެސްޓްގެ ޚިދުމަތް އެއް ބޭންކެއްގެ އެކައުންޓްތަކުގެ މެދުގައްޔާއި ދެ ބޭންކެއްގެ ދެމެދުގައި ކުރާ ހުރިހާ މުއާމަލާތްތަކަށް ލިބިގެންދާނެއެވެ. އެހެންނަމަވެސް ބީއެމްއެކް ކަސްޓަމަރުންނަށް އެ ބޭންކުގެ އެއް އެކައުންޓުން އަނެއް އެކައުންޓަށް ކުރާ މުއާމަލާތްތަކުގައި ފަވަރަ ރިކުއެސްޓްގެ ޚިދުމަތް ނުދިނުމަށް އެ ބޭންކުން ވަނީ ނިންމާފައެވެ.

އެމްއެމްއޭ އިން ވިދާޅުވީ، ފަވަރައިގެ ޚިދުމަތްތައް ތިން ބޭންކާއެކު ފެށިކަމުގައިވީ ނަމަވެސް، ކައިރި މުސްތަގުބަލެއްގައިހިރާއްޖޭގެ ހުރިހާ ބޭންކުތަކުން ވެސް މި ސިސްޓަމާ ގުޅުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވެސް ވަމުންދާ ކަމަށެވެ.

އަދި ފަވަރަ މެދުވެރިކޮށް ކަސްޓަމަރުންނަށް ޒަމާނީ އަދި އީޖާދީ އުފެއްދުންތަކާއި ޚިދުމަތްތައް ތައާރަފް ކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުންނާއި ޕޭމަންޓް ޚިދުމަތްދޭ ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ މަޤްސަދުގައި، ބޭންކް ނޫން ޕޭމަންޓް ޚިދުމަތް ދޭ ފަރާތްތަކަށް ވެސް މިސިސްޓަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށްވެސް އެމްއެމްއޭ އިން މައުލޫމާތު ދެއްވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355