twitterviber whatsapp telegramfacebookyoutube instagram
4th May 2024

ތެލެސީމިއާ ކުދިންނަށް ހާއްސަ އެލަވަންސެއް ދޭނަން: މުއިއްޒު

ނަބީލާ އިސްމާޢީލް
Aug 30, 2023

އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، ތެލެސީމިއާ ކުދިންނަށް ކޮންމެ މަހަކު އެލަވަންސެއް ދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރޭ ދުވާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އޭނާ ގާއިމުކުރާ ސަރުކާރަކީ ހަމައެކަނި އުމްރާނީ ތަރައްގީގެ ކަންކަމާއި އިގްތިސޯދީ ކަންކަން ހަރުދަނާކުރާނެ ސަރުކާރެއް ނޫން ކަމަށެވެ. އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ޓަކައި ސަރުކާރުން މީގެ ކުރިން ސަމާލުކަން ދީފައިނުވާ ދާއިރާތަކަށް، ހާއްސަ އިސްކަމެއް ދެއްވާނެކަމަށެެވެ.

މުއިއްޒު ވިދާޅުވީ ތެލެސީމިއާ ކުދިން ކޮންމެ ދުވަހަކު އުފުލަން ޖެހެނީ ވަރަށް ބޮޑު ތަކުލީފެއް ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ނިޒާމުގެ ތެރެއިން އެ ކުދިންނަށް ކޮންމެ މަހަކު ހާއްސަ އެލަވަންސެއް ތައާރަފް ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މީގެ ކުރިން، މުއިއްޒު ވަނީ ތެލަސީމިއާ ކުދިންނަށް ބޯންމެރޯ ހިލޭ ހެދޭނެ އިންތިޒާމު ސަރުކާރުގެ ތެރެއިން ހަމަޖައްސަވައިދެއްވާނެކަމަށް ވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން، އެކަނިވެރިމައިންނަށް ދޭ އެލަވަންސް ކޮންމެ ކުއްޖަކަށް 3000 ރުފިޔާއަށް އިތުރުކޮށްދެއްވާނެކަމަށާއި ހާފިޒުންނަށް ދޭ އެލަވަންސް 4000 ރުފިޔާއަށް އިތުރުކޮށްދެއްވާނެކަމަށް ވެސް މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ވަޒީފާއިން ރިޓަޔާކުރާ މީހުންނަށް، ރިޓަޔާމެންޓް އެލަވަންސެއް ވެސް ދެއްވާނެ ކަމަށް މުއިއްޒު ވަނީ ކުރިން ވިދާޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355