ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށާއި އެ މީހުން މި ގައުމުން ބާލަން ޖެހޭނީ އަތުގައި ހިފައިގެން ގޮސް ބޯޓަށް އަރުވައި ފޮނުވާލައިގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި އަމިއްލަ ގޮތުން ވާދަކުރާ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ރޭ ސަންގު ޓީވީން ބޭއްވި "ސަންގު ބަހުސް" ގައި ވާހަކަ ދައްކަމުން އުމަރު ވިދާޅުވީ, ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ކަމަށް 2019 ވަނަ އަހަރު ދިވެހީންގެ ސަމާލުކަމަށް ގެނައި ކަމަށާއި ނަމަވެސް އޭރު ގިނަ މީހުން އެކަން ނެގީ ސަމާސާއެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް މިއަދު ސަރުކާރު ފިޔަވައި ހުރިހާ ލީޑަރުން ވެސް އެކަން ގަބޫލު ކުރާ ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އިންޑިއާ ސިފައިން، އިންޑިއާ ފަސްޓް ޕޮލިސީއަށް މި ގައުމުން ނުބޭލޭނެ ކަމަށާއި އިންޑިއާ ސިފައިން ބޭލޭނީ އަތުގައި ހިފައިގެން ގޮސް މަތިންދާ ބޯޓަށް އަރުވައިގެންކަމަށެވެ. އެ ނޫން އެހެން އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި ސްޓްރޯންގް ލީޑަރެއް ބޭނުންވަނީ މިކަން ކުރަންކަމަށް އުމަރު ވިދާޅުވިއެވެ.
ރާއްޖޭގެ ތިން ސަރަހައްދެއްގައި އިންޑިއާގެ 200އެއްހާ ސިފައިން އެބަތިކަމަށާއި އެއީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ މިނިވަން ކަމަށް އެޅުނު އެންމެ ބޮޑު ހިޔަނި ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
"މިއީ ދިވެހިރާއްޖެއަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް. މިކަން ޖެހޭނެ ހަމަޖައްސަން," އުމަރު ވިދާޅުވިއެވެ.
އެހެންކަމުން ދިވެހިރާއްޖެ ވީ އިންޑިޔާގެ ފަސްޓް ޕޮލިސީ ދޫކޮށްލަން ކަމަށާއި އިންޑިޔާ އާއެކު ފަސްޓް ޕޮލިސީ ގެންގުޅެގެން ދިވެހިންނަށް އެއްވެސް ފައިދާ އެއް ވެފައި ނެތް ކަމަށް އުމަރު ވިދާޅުވިއެވެ. އޭގެ ސަބަބުން އެހެން ގައުމު ތަކާއި ރާއްޖެ އޮތް ގުޅުން ވަނީ މުޅިން ހީނަރުވެފައި ކަމަށް ވެސް އުމަރު ވަނީ ފާހަގަކުރައްވާފައެވެ.
"އަޅުގަނޑުގެ ސިޔާސަތަކީ އިންޑިޔާ ފަސްޓެއް ވެސް ނޫން. ޗައިނާ ފަސްޓެއް ވެސް ނޫން. މޯލްޑިވްސް ފަސްޓް. އަޅުގަނޑުމެން މި ދެ ގައުމާ ވެސް ގުޅުން ބާއްވާނަން. ސަބަބަކީ މި ދެ ގައުމަކީ ވެސް އިގްތިޞާދީ ގޮތުން ވަރަށް ބޮޑު ދެ އިގްތިޞާދު. އެހެންވީމަ އަޅުގަނޑެމެން އެ ދެ ގައުމާއި ވެސް އިގްތިޞާދީ ގޮތުން ގުޅުމަށް އަޅަން ބޭނުންވާ ލިންކް ތަކެއް އަޅާފައި ބާއްވާނީ.". އުމަރު ގެ ސިޔާސަތަކީ ވަކި ޤައުމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެއިތުރުން އެއްވެސް ގައުމެއްގެ ދަށުވެއްޖެނަމަ އެ ގެއްލިގެން ދަނީ ރާއްޖޭގެ މިނިވަންކަމާއި އިޤްތިސާދު ދާނީ ފުޑުފުޑު ވެގެން ކަމަށް އުމަރު ފާހަގަ ކުރެއްވިއެވެ.