ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރެއްގައި ފުލުހުންނާއި ސިފައިންގެ މުސާރަ ދެގުނަ ބޮޑުކޮށްދޭނެކަމަށް ވިދާޅުވެއްޖެ އެވެ.
މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ގައުމެއްގައި އެންމެ އިސްކަން ދޭންޖެހޭނެ ބަޔަކީ ސިފައިންނާއި ފުލުހުން ކަމަށާއި ގައުމެއްގެ މިނިވަންކަން ދެމެހެއްޓުމަށް އެންމެ މުހިންމު ރޯލެއް އަދާކުރާނެ ބަޔަކީ އަދި އޭނާގެ ސަރުކާރެއްގައި އެންމެ އިސްކަމެއް ދޭނެ ބަޔަކީ ފުލުހުންނާއި ސިފައިން ކަމަށެވެ.
އޭނާ ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ފުލުހުންނާއި ސިފައިންގެ މުސާރަ މިހާރު ހުރި ވަރަށް ވުރެ ދެގުނަ ބޮޑުކޮށްދޭނެކަމަށެވެ.
މި ސަރުކާރުން ފުރަތަމަ 100 ދުވަހުން އަޅައި ނިންމައިދޭނެ ކަމަށް ބުނި ފުލުހުންނާއި ސިފައިންގެ ފުލެޓުތައް ފަސް އަހަރު ނިމިގެންދާއިރުވެސް ނިމިފައިނުވާކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ، އޭނާގެ ސަރުކާރެއްގައި އެ ފުލެޓުތަކުގެ ކުލި އެއް އަހަރު ދުވަހު ދެއްކުމަކައިނުލާ ފަސްކޮށްދޭނެ ކަމަށެވެ. އަދި، އޭގެ ފަހުން ކުލި ބަހާލައިގެން ދެއްކޭނެ ލުއި ގޮތެއް ހޯދައިދޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
ޑރ މުއިއްޒު ވިދާޅުވީ މި ސަރުކާރުން ވަނީ ފުލުހުންނާއި ސިފައިންނާ ދެމެދު ވަރަށް އިހާނެތިކޮށް ކަންތައް ކޮށްފަ ކަމަށާޢި އަދި، ބޭރުގެ އެހެނިހެން ސިފައިން ރާއްޖޭގައި ބައިތިއްބާ މި ގައުމުގެ މިނިވަންކަން ވަނީ ގެއްލުމުގެ މަގުމަތީގަ ކަމަށް މުއިއްޒު ވަނީ ތުހުމަތުކުރައްވައިފައެވެ.