twitterviber whatsapp telegramfacebookyoutube instagram
28th April 2024

ރީ-ރަޖިސްޓަރީއާ މެދު ސުވާލު އުފެދޭތީ ލިސްޓު އާއްމުކުރަން ޑިމޮކްރެޓްސް އިން ގޮވާލައިފި

ނަބީލާ އިސްމާޢީލް
Sep 18, 2023

ރިޔާސީ އިންތިހާބުގައި ރީ-ރެޖިސްޓާރ ކުރަން ހުށަހަޅާފައިވާ އަދަދުތަކާމެދު ސުވާލު އުފެދޭ ކަމަށާއި، ރީ-ރެޖިސްޓާރ ކުރަން ހުށަހަޅާފައިވާ މީހުންގެ ލިސްޓު ލަސްނުކޮށް އާންމުކުރުމަށް ދަ ޑިމޮކްރެޓްސް އިން އިލެކްޝަންސް ކޮމިޝަނަށް ގޮވައިލައިފިއެވެ.

30 ސެޕްޓެންބަރު 2023 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަ 25،000 މީހުން ރީ-ރެޖިސްޓަރކުރަން ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

ޑިމޮކްރެޓްސްގެ ބަޔާނުގައިވަނީ ފޯމް ހުށަހަޅާފައިވާ އަދަދަކީ، ސުވާލު އުފެދޭ ފަދަ އަދަދެއްކަމަށާއި، އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްޤު ބޭނުންކޮށްފައިވާ މީހުންގެ އަދަދު ސިއްސައިގެންދާހާ މަދު ކަމަށެވެ.

ވޯޓު ދިނުމުގެ ހައްގު ނަގާލުމަށް ބަޔަކު ރާވައިގެން ހިންގާފައިވާ ކަމެއް ނޫންކަން ޔަގީން ކުރުމަށާއި އިންތިހާބާ މެދު ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ދެމެހެއްޓުމަށްޓަކައި ރީރަޖިސްޓްރޭޝަނަށް ހުށަހަޅާފައިވާ މީހުންގެ ލިސްޓު އާންމު ކުރުމަށް ޑިމޮކްރެޓްސް އިން ގޮވާލި އެވެ.

އެ ޕާޓީން ބުނީ، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ދައުލަތުގެ މުދާ ކެމްޕެއިނަށް ބޭނުން ކުރަމުންދާ ކަމަށާއި މީޑިއާގެ މިނިވަންކަން ގެއްލިފައިވާ ކަމަށެވެ. އެކަން ޓްރާންސްޕޭރެންސީން ވެސް ފާހަގަކޮށްފައިވާ ކަމަށާއި އިދިކޮޅު ޕީޕީއެމުން އޭސީސީ އަށް ވެސް މައްސަލަ ހުށަހަޅާފައިވާކަން ޑިމޮކްރެޓްސް އިން ފާހަގަ ކުރި އެވެ.

"ދަ ޑިމޮކްރެޓްސް އިން އިލެކްޝަން ކޮމިޝަނަށް ގޮވާލަނީ އިންތިހާބުގެ މިނިވަން ކަމާއި ސައްހަކަން ކަށަވަރު ކުރުމަށާއި އިންތިހާބުގެ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ވޯޓުގެ ހައްގު ކަށަވަރު ކުރުމަށެވެ. އަދި ސަލާމަތްތެރިކަމާ އެކު ރައްކާ ކޮށްދިނުމަށެވެ،" އެ ޕާޓީގެ ބަޔާނުގައި ބުންޏެވެ.

ދެ ވަނަ ބުރުގައި ވާދަކުރަނީ ފުރަތަމަ ބުރުގައި އެންމެ ގިނައިން ވޯޓު ހޯއްދެއްވި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355