ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ކެބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސް އިން ނިންމައިފި އެވެ.
ޑިމޮކްރެޓުން ބުނީ އެ ޕާޓީ ބިނާވެގެންވާ އަސާސްތަކުގެ މައްޗަށް ބަލާއިރު ޕާޓީން ކަންބޮޑުވާ ސިޔާސަތުތަކެއް ރައީސް މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވައި އެގޮތަށް އަމަލުކުރައްވަމުންގެންދަވާކަން ފާހަގަކުރެވޭ ކަމަށެވެ.
އެހެންކަމުން މި ސަރުކާރުގެ ކެބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގެ މަޝްވަރާއަށްފަހު އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.
ޑިމޮކްރެޓުން ބުނީ ރައްޔިތުންގެ ފަރާތުން ސަރުކާރު ޖަވާބުދާރީކޮށް ޑިމޮކްރެޓިކް ހެޔޮވެރިކަމުގެ ނިޒާމެއް ގާއިމުވެފައި ބޭއްވުމަށް ވަރުގަދައަށް ސާބިތުވެ އޮންނަ އިދިކޮޅު ސިޔާސީ ޕާޓީ އާއި އިދިކޮޅު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިބުމަކީ މުހިންމު ކަމެއް ކަމަށެވެ.
ސަރުކާރު އަމަލުކުރަމުންދާ ގޮތްތައް ގާތުން ބަލައި ސަރުކާރާއި ކެބިނެޓްގެ ވަޒީރުން ޖަވާބުދާރީކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭކަމެއްކަން ފާހަގަކޮށް ޑިމޮކްރެޓްސް އިން ބުނީ އިދިކޮޅު ޕާލަމެންޓްރީ ގްރޫޕެއްގެ ގޮތުން މަޖިލީހުގައި އެ ޕާޓީން އަމަލުކުރާނީ ފުރިހަމަ ޒިންމާދާރުކަމާއި ތެދުވެރިކަމާ އެކުގައި ކަމަށެވެ.
ބައެއް ވަޒީރުންނަށް ރުހުން ނުދޭން ޑިމޮކްރެޓުން ނިންމި ނަމަވެސް އެއީ ކޮން ވަޒީރުންނެއް ކަމެއް އެ ޕާޓީން ހާމައެއް ނުކުރެ އެވެ.
ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން ޑިމޮކްރެޓްސް އިން ނިންމި އިރު މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ގިނަ މެންބަރުން ވެސް ވަނީ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭނެ ކަމަށް ބުނެފަ އެވެ.