twitterviber whatsapp telegramfacebookyoutube instagram
19th May 2024

ނަޝީދަށް އިންސާފު ނުލިބި ގިނަދުވަސްވުމަކީ ލަދުވެތިކަމެއް: ޑިމޮކްރެޓްސް

ނަބީލާ އިސްމާޢީލް
May 6, 2024

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް މިއަދަށް ތިން އަހަރު ފުރުނުއިރު، އެ މަނިކުފާނަށް އިންސާފު ހޯދައިދެވިފައިނުވުމަކީ ގައުމުގެ ހާލަތު ބަޔާންކޮށްދޭ ލަދުވެތި ކަމެއް ކަމަށް ދަ ދިމޮކްރެޓްސްއިން ބުނެފިއެވެ.

ރައީސް ނަޝީދަށް ހަމަލާދިނީ މެއި 6، 2021 ވަނަ ދުވަހުގެ ރޭގެ އިރާކޮޅު ވަގުތެއްގައި އެމަނިކުފާނުގެ އާއިލީގެ ގ. ކެނެރީގެއިން ނިކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަތުމަށް ތައްޔާރުވަމުން ދަނިކޮށެވެ.

ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއަށް ތިން އަހަރު ފުރުމާ ގުޅިގެން ޑިމޮކްރެޓްސްއިން ނެރުނު ބަޔާނެއްގައިވަނީ ނަޝީދަށް އެ ބޮމުގެ ޓެރަރިސްޓް ހަމަލާދިން ކަމަށް އިއުތިރާފުވި މީހުން ފިޔަވައި، އެހެން މީހުންގެ ޝަރީޢަތްތައް ހިނގުން ލަސްވާކަން ފާހަގަކޮށްފައެވެ.

އަދި، އެއީ ބޮޑެތި މައްސަލަތައް ކުދި ކަންކަމުގެ ގޮތުގައި ދެކި، އެ މައްސަލަތަކުގެ ސީރިއަސްކަން ކަނޑުވާލައި "ނޯމަލައިޒް"ކުރުމުގެ އަމަލެއްކަމުގައި ދެކޭ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

"ހަމަލާގެ މައްސަލައިގައި އިއުތިރާފުވި ފަރާތްފިޔަވައި، އެހެން މީހުންގެ ޝަރީޢަތްތައް ހިނގުން ލަސްވެ، ހައްޔަރުގައިވާ ބައެއް މީހުން ހައްޔަރުން ދޫވެ، ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވެ، އަދި އެ ހަމަލާގެ އަޑީގައިވަ އެއްވެސް ފަރާތެއް މިއަދާ ހަމައަށް ވެސް ނުހޯދި، އިންސާފު ގާއިމުނުވެ، އަހަރުތައް ފާއިތުވެ ދިއުމަކީ މި ގައުމުގެ ހާލަތު ބަޔާންކޮށްދޭ ލަދުވެތި ކަމެކެވެ،" އެ ބަޔާނުގައިވެއެވެ.

ބަޔާނުގައި އިތުރަށް ވަނީ ދައުލަތުގެ މުހިއްމު މަގާމެއްގައި ހުންނެވި ބޭފުޅަކަށް، ދުރާލާ ރާވައިގެން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ފުރުސަތު ލިބިދީފައި އޮތުމުން ކަންބޮޑުވުން ފާޅުކޮށް، އެ ކަން ކުށްވެރިކޮށްފައެވެ.

ޑިމޮކްރެޓްސްގެ ބަޔާނުގައި ވަނީ ނަޝީދަށް ދިން ބޮމުގެ ޓެރަރިސްޓް ހަމަލާގެ މައްސަލަ އޭގެ އެންމެ ފުންމިނަށް ބަލައި، އެ ކަމުގައި ބައިވެރިވާ ފަރާތްތަކަށް ހައްގު އަދަބު ދޭން ގޮވާލައިފައެވެ. އަދި، ނަޝީދަށް އިންސާފު ހޯދައިދިނުން އަވަސްކުރަން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ވެސް ވަނީ ގޮވާލައިފައެވެ.

ނަޝީދު އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާއެއްދިނީ، އެ މަނިކުފާނުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް މޭ 6، 2021 ގެ އިރާކޮޅުގެ ވަގުތެއްގައެވެ.

އެ ރޭގެ އިރާކޮޅު ވަގުތެއްގައި އެ މަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅާ ދިމާލަށް ވަޑައިގެންނެވި ވަގުތު، ސައިކަލެއްގައި ހަރުކޮށްފައިހުރި ބޮން ގޮއްވާލުމުގެ ސަބަބުން އެ މަނިފާނަށް ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގަތެވެ.

އެ ގޮތުން ބޮމުގެ ރޭޒާފުއްތައް އެ މަނިކުފާނުގެ ހަށިކޮޅުގެ އެ ތަންމިތަނަށް އެރުމުގެ ސަބަބުން، ކްރިޓިކަލް ހާލަތެއްގައި 16 ގަޑިއިރުގެ އޮޕަރޭޝަނެއް އޭޑީކޭ ހޮސްޕިޓަލުގައި ކުރައްވަން ޖެހިވަޑައިގަތެވެ. އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަނުވިލާތުގައި ވެސް ގިނަ ދުވަސްތަކެއް އެ މަނިކުފާނު ހޭދަ ކުރެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355