އޭނާގެ ވެރިކަމެއްގައި، ގާނޫނާއި ގަވާއިދަށް ބަދަލު ގެނެސްގެން ނަމަވެސް ސަރުކާރުން ދޭ ގޯއްޗާއި ފްލެޓް ލިބިގެން މިހާރު ލިބިފައި އޮތް ގޯތި ދޫކޮށްލަން ނުޖެހޭ ގޮތް ހައްދަވައިދެއްވާނެ ކަމަށް ޕީޕީއެމް / ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނުގައި ރޭ މާލޭގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ، ވަރަށް ކުދި ކުދި ތަންތަނުގައި މީހުން ދިރިއުޅެމުން ދާއިރު، އެތަންތަން ދޫކޮށްލަން ޝަރުތުކުރުމަށް ފަހު ސަރުކާރުން ގޯއްޗާއި ފްލެޓު ދިނުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.
“މައިންބަފައިން އަތުން ލިބުނު ތަންކޮޅު، ނުވަތަ ގޭތެރޭގައި ބަހާލައިގެން ކޮންމެ ކޮޓަރިއެއްގައި އުޅެމުންދަނިކޮށް އެ ކޮޓަރި ވެސް ދޫކޮށްލާފައި ދާން ޖެހުނީމަ، އަސްލު އެހާ ދުވަސް ކޮށްފައި 30، 40 އަހަރު ކޮށްފައި މި ލިބޭ ގެދޮރުގެ ފުރުސަތު އެންމެ އިންސާފުވެރި ގޮތަކަށް ލިބުނު ކަމަކަށް އިހުސާސެއް ނުވާނެ،” މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިޔާ ފްލެޓް ދިން އިރުގައި ވެސް 600 އަކަފޫޓަށް ވުރެ ކުޑަ ބިމެއް އޮންނަ މީހަކަށް އެތަން ދޫކޮށްލަން ނުޖެހޭ ގޮތަށް ޝަރުތު ކަނޑައެޅީ ވެސް އެގޮތަށް ކަންތައް ކުރުމުން މީހުންނަށް އިތުރު ނިކަމެތި ކަމެއް ލިބިގެން ދާނެތީ ކަމަށް، އެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް ހުންނެވި މުއިއްޒު މިރޭ ވިދާޅުވި އެވެ.
ގާނޫނަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވަންޏާ ގެނެސްގެން ވިޔަސް، އަދި އެއާ ގުޅިފައި ހުރި ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލެއް ގެނެސްގެން ވިޔަސް، މިހެން ހުންނަ ކުދި ތަންކޮޅުކޮޅު ދޫކޮށްލަން ނުޖެހޭ ގޮތަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެދޮރު ޔަގީންކޮށްދޭނަން: މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، އޭނާގެ ވެރިކަމެއްގައި ގާނޫނާއި ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން ވިޔަސް، އެ ޝަރުތު ބަދަލުކުރައްވާނެ އެވެ.
މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ދިން ގޯތިތައް ލިބުނު މީހުން ދޫކޮށްލި ބިން އެ މީހުންނަށް އަނބުރާ ލިބޭނެ ގޮތް ހަދަން އެކަމަށް ވެސް ގާނޫނީ ހައްލެއް ހޯދައިދޭން އޭނާގެ ވެރިކަމެއްގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.