twitterviber whatsapp telegramfacebookyoutube instagram
9th May 2024

އިޒްރޭލުގެ އަމަލުތައް ރައީސް ކުށްވެރިކުރައްވައިފި

ނަބީލާ އިސްމާޢީލް
Oct 8, 2023

ފަލަސްތީނުގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން އިޒްރޭލާ މެދު ނުރުހުން ފާޅު ކުރައްވައި، ސުލްހަ ކަށަވަރު ކޮށްދޭ ދެ ދައުލަތުގެ ހައްލެއް ހޯދަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގޮވާލައްވައިފިއެވެ.

ފަލަސްތީނަށް މިނިވަންކަން ހޯދައި ދިނުމަށް އެ ދައުލަތުގެ ރައްޔިތުންގެ ހައްގުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިޒްރޭލާއި ދެކޮޅަށް ވަނީ ކުއްލި ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައެވެ. އެއާއެކު ދެ ދައުލަތުގެ ދެމެދުގައި ވަރުގަދަ ހަނގުރާމައެއް ފެށިފައިވާ މި ދަނޑިވަޅުގައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖެ ދެމި އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށާއި އެމީހުންގެ ކަރާމާތާއި މިނިވަންކަމަށް ދިވެހިރާއްޖެއިން ތާއީދުކުރާ ކަމަށެވެ.

އަދި އަމިއްލަ ވަތަން ދިފާއު ކުރެވޭނެ ބާރުނެތް ފަލަސްތީނަށް އިޒްރޭލުން ދެމުން ގެންދާ ބާރުގަދަ ހަމަލާތައް އެމަނިކުފާނު ވަނީ ކުށްވެރި ކުރައްވާފައެވެ. އަދި ހަމައެހެންމެ ދެ ދައުލަތުން މަޝްވަރާކޮށް ހައްލުކޮށް ދާއިމީ ސުލްހަ ގާއިމް ކުރުމަށް ވެސް އެމަނިކުފާނު ގޮވާލައްވާފައި ވެއެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލުގެ ބައެއް ސަރަހައްދުތަކަށް އިއްޔެ ދިން ހަމަލާތަކާ ގުޅިގެން، ހިސާރުކޮށްފައިވާ ޣައްޒާގައި އާއްމުން ދިރިއުޅޭ އިމާރާތްތަކަށް އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން 300 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، ޒަހަމްވީ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އެ މައްސަލައިގައި ރޭ ދިވެހި ސަރުކާރުން ވެސް ވަނީ ފަލަސްތީނާ އެކު ދެމިއޮތްކަން ހާމަކޮށް ބަޔާނެއް ނެރެފައެވެ.

ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ފަލަސްތީނުގެ ސަރުކާރާއި ރައްޔިތުންނާ އެކު ދިވެހި ސަރުކާރާއި ރައްޔިތުން އަބަދު ވެސް ތިބި ކަމަށެވެ. އަދި، އިޒްރޭލުން ފަލަސްތީނުގެ ބިންތައް ހިފައި، ގުދުސަށް ވެރިވެގަތުމާ ދެކޮޅަށް އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުތައް ފުރިހަމައަށް ތަންފީޒު ކުރުމަށް ސަރުކާރުން ވަނީ ގޮވައިލާފައެވެ.

މީގެ އިތުރުން މެދުއިރުމައްޗަށް ދާއިމީކޮށް ސުލްހަ ގެނެވޭނީ، 1967ގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތަށް އިޒްރޭލާއި ފަލަސްތީނުގެ ދެ ދައުލަތް ގާއިމުކޮށް، އިރުމަތީ ގުދުސަކީ ފަލަސްތީނުގެ ވެރި ރަށުގެ ގޮތުގައި ކަނޑައަޅައިގެން ކަމަށް ސަރުކާރުން ބުނާ ބުނުން ތަކުރާރުކުރާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355