twitterviber whatsapp telegramfacebookyoutube instagram
27th April 2024

ޣައްޒާއަށް އަލުން މުވާސަލާތީ ހިދުމަތް ލިބެން ފަށައިފި

ނަބީލާ އިސްމާޢީލް
Oct 29, 2023

ފަލަސްތީނުގެ ޣައްޒާ އިން ކަރަންޓު ކެނޑުނުތާ ދެ ދުވަސް ފަހުން ޣައްޒާ އިން އަލުން އިންޓަނެޓާއި ފޯނުގެ ހިދުމަތް ލިބެން ފަށައިފިއެވެ.

އެގޮތުން މިއަދު ހެނދުނުން ފެށިގެން އިންޓަނެޓާއި ފޯނުގެ ހިދުމަތް ޣައްޒާގެ އެކި ސަރަހައްދުތަކަށް މިހާރު ލިބެމުން އަންނަ ކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

އިންޓަނެޓް އޮބްޒާވެޓަރީން ބުނީ ޣައްޒާގައި އިންޓަނެޓުގެ ހިދުމަތް އަލުން ލިބެން ފަށާފައިވާ ކަމަށެވެ. އިންޓަނެޓު ހިދުމަތުގެ އިތުރުން އެކަކު އަނެކަކަށް ފޯނުން ވެސް މިހާރު ގުޅެމުން އަންނަ ކަމަށް ފަލަސްތީނުގެ ބައެއް މީޑިއާތަކުން މިހާރު އަންނަނީ ރިޕޯޓު ކުރަމުންނެެވެ.

އަލުން މުވާސަލާތީ ހިދުމަތްތައް ލިބެން ފަށާފައިވާއިރު ސޯޝަލް މީޑިއާގައި ޣައްޒާއަށް ނިސްބަތްވާ އަދި ޣައްޒާގައި އާއިލާތައް ތިބި ފަރާތްތަކުން އަންނަނީ އެކަކު އަނެކެއްގެ ހާލު މިހާރު އެނގި، ލިބެމުންދާތީ އެކަމާ ގުޅޭ ޕޯސްޓްތައް ކުރަމުންނެވެ.

ޣައްޒާގައި މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެއް ކަމުގައިވާ ޕަލްޓޭލް ގްރޫޕުން ބުނީ، ފޯނާއި އިންޓަނެޓުގެ ހިދުމަތް ގުޅައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، މިހާރު ބައެއް ސަރަހައްދުތަކަށް ހިދުމަތްތައް ގުޅައިދެވިފައިވާ ކަމުގައެވެ. ސްޓާލިންކް ކުންފުނީގެ އިސްވެރިޔާ އީލޯން މަސްކް ވެސް ވަނީ، އޭނާގެ ސްޓާލިންކް ކުންފުނި މެދުވެރިކޮށް ޣައްޒާގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ ޖަމުއިއްޔާތަކަށް އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާ ކަމުގައެވެ.

ޣައްޒާއިން މުވާސަލާތީ ހިދުމަތްތައް މެދުކަނޑައިލުމަށް ފަހު ޔަހޫދީ ފައުޖުތަކުން ވަނީ އެ ސަހަރުގައި ދިރިއުޅޭ މުސްލިމުންނަށް އަމާޒުކޮށް ދެމުންދާ ހަމަލަތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. ބޮންއެޅުން އިތުރު ކޮށްފައެވެ. ޣައްޒާގައި ތިބި ނޫސްވެރިން ބުނީ، ފުލުފުލުން ބާރުގަދަ ގޮވުންތަކާއި އެމްބިޔުލާންސްތަކުގެ އަޑު ކެނޑިގެން ނުދާ ކަމުގައެވެ. އަދި، ކަރަންޓުގެ ހިދުމަތް ކެނޑި، ކަނު އަނދިރީގައިވާ ޣައްޒާއިން ފެންނަނީ އަނދަމުންދާ އިމާރާތްތައް ކަމުގައެވެ.

އެމެރިކާގެ އެހީތެރިކަމާ އެކު ޣައްޒާއަށް ދެމުންދާ ރަހުމު ކުޑަ ހަމަލަތަކުގައި ޔަހޫދީ ފައުޖުތަކުން ދަނީ ހަނގުރާމައިގެ މައިދާނުގައި ބޭނުން ކުރުން މަނާ ހަތިޔާރުތައް ވެސް ބޭނުން ކުރަމުންނެވެ. އެޗްއާރްޑަބްލިޔުން ބުނީ، ޣައްޒާގެ ކުށެއް ނެތް މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުތަކުން އިންސެންޑިޔަރީ ބޮން އަދި 'ވައިޓް ފޮސްފޮރަސް' ބޮން ބޭނުން ކުރަމުންދާ ކަމުގެ ހެކި ލިބިފައިވާ ކަމުގައެވެ. އެއީ، އާންމު ރައްޔިތުންނާ ދެކޮޅަށް ބޭނުން ކުރުން މަނާ ކޮށްފައިވާ ފަނާކުރަނިވި އަދި ނުރައްކާތެރި ހަތިޔާރެކެވެ.

ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް'ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. ހަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355