twitterviber whatsapp telegramfacebookyoutube instagram
3rd May 2024

މެޕްސް ކޮލެޖްގެ ޓްރިވިއާ ކުއިޒްގައި ބައިވެރިވެގެން ހިލޭ ކޯހެއް ކާމިޔާބުކޮށްލުމުގެ ފުރުސަތު

Nov 1, 2023

މަތީ ތައުލީމުގެ ހިދުމަތް ފޯރުކޮށް ދިނުމުގެ ދިގު މާޒީއެއް އޮތް މެޕްސް ކޮލެޖުން އަންނަ އަހަރު ފާހަގަކުރާ، އެ ކޮލެޖުގެ ރިހިޔޫބީލްއަށް ހާއްސަ ހަރަކާތްތަކުގެ ތެރެއިން އާއްމު ފަރާތްތަކަށް ހުޅުވާލައިގެން ހާއްސަ ކުއިޒް މުބާރާތެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

'މެޕްސް ޓްރިވިއާ ކުއިޒް 2023'ގެ ނަމުގައި އޮންލައިން ކޮށް ކުރިޔަށްގެންދާ މި ކުއިޒް މުބާރާތުގައި 18 އަހަރުން މަތީގެ ކޮންމެ ފަރާތަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަމަށް އެ ކޮލެޖުން މައުލޫމާތުދެ އެވެ.

މެޕްސް ކޮލެޖުގެ ފޭސްބުކް މެދުވެރިކޮށް އާއްމުންނަށް ބައިވެރިވެވޭ މި ކުއިޒް މުބާރާތް ކުރިއަށް ދާނީ މިއަދުން ފެށިގެން މި ހިނގާ ނޮވެމްބަރުމަހުގެ ނިޔަލަށެވެ. މެޕްސް ކޮލެޖުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ކޮންމެ ދުވަހަކު ވެސް ހާއްސަ ސުވާލެއް އާއްމުންނަށް ދޫކޮށްލުމަށް ފަހު ސުވާލަށް ޖަވާބު ދިނުމުގެ ފުރުސަތު އެ ދުވަހުގެ މެންދަމު 12:00 އާ ހަމައަށް އާއްމުންނަށް އޮންނާނެއެވެ.

'މެޕްސް ޓްރިވިއާ ކުއިޒް 2023'ގެ ސުވާލުތައް ބިނާކުރެވިފައި ވަނީ އެ ކޮލެޖުން ހިންގާ ކޯސްތަކާ ބެހޭ މައުލޫމާތުގެ އިތުރުން ކޮލެޖު ވުޖޫދަށް އައިގޮތާ ބެހޭ މައުލޫމާތުގެ މައްޗަށެވެ. މި ހުރިހާ މައުލޫމާތެއް ވެސް މެޕްސް ކޮލެޖުގެ ވެބް ސައިޓް www.maps.edu.mv އިން ވަރަށް ފަސޭހަކަމާއެކު އާއްމުންނަށް ހޯދާލެވޭނެކަމަށް އެ ކޮލެޖުން މައުލޫމާތު ދެއެވެ.

މި ކުއިޒް މުބާރާތުން އެއްވަނައަށް ދާ ފަރާތަކަށް މެޕްސް ކޮލެޖުން ހިންގާ ކޮންމެ ކޯހެއް ވެސް ކިޔެވުމުގެ ފުރުސަތު ހިލޭ ލިބޭނެ އެވެ. އެއްފަރާތަށް ވުރެ ގިނަ ފަރާތްތަކުން ސުވާލުތަކުގެ ޖަވާބު ރަގަޅު ކޮށްފިނަމަ އެއްވަނަ އަށް ދާ ފަރާތެއް ހޮވާނީ ހާއްސަ ގުރުއަތުލުމުގެ ބުރަކަށްފަހު ކަމަށް މެޕްސް ކޮލެޖުން ބުނެ އެވެ.

އާއްމު ފަރާތްތަކަށް މަތީ ތައުލީމު ފޯރުކޮށްދިނުމުގެ ހިދުމަތް ދެމުން އަންނަ މެޕްސް ކޮލެޖަށް 25 އަހަރު ފުރޭ ރިހިޔޫބީލްއަށް އަމާޒުކޮށްގެން މި ދިޔަ މަހު ވަނީ 'މެޕްސް ކުއެސްޓް"ގެ ނަމުގައި ވެސް ވަރަށް ފޯރިގަދަ ހަރަކާތެއް ބޭއްވި އެވެ. މެޕްސް ކޮލެޖުގެ ދަރިވަރުން ބައިވެރިވި އެ ހަރަކާތަކީ މެޕްސް ކޮލެޖާއި އާބަންކޯ ގުޅިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިޔަށްދިޔަ ހަރަކާތެކެވެ.

ޖުމްލަ 20 ސެގްމެންޓަށް ބަހާލައިގެން ކުރިއަށް ގެންދިޔަ 'މެޕްސް ކުއެސްޓް' ކާމިޔާބު ކޮށްފައިވަނީ ހަތަރު ދަރިވަރުން ހިމެނޭ 'ޓީޓީއެން' ގްރޫޕެވެ. މި ދަރިވަރުންގެ ގްރޫޕަށް ފައިސާގެ އިނާމުގެ ގޮތުގައި 4000 ރުފިޔާ ލިބިފައިވާއިރު މި ހަރަކާތަކީ ކުރިމަގުގައި ބޭއްވޭ މިފަދަ ހަރަކާތްތަކުގައި ދަރިވަރުންގެ ބައިވެރިވުން އިތުރު ކުރުވުމަށް ހިތްވަރުދީ، ޓީމެއްގެ ތެރޭ މަސައްކަތް ކުރުމުގެ ހުނަރު ކުރިއަރުވާ، ތައުލީމީ ހަޔާތުގައި ދިމާވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް އަމަލުކުރާނެ ގޮތްތަކަށް ދަރިވަރުން ހޭލުންތެރިކުރުވުމަށް މަގުފަހިކޮށްދިން ހަރަކާތެކެވެ.

ލުއި ފަސޭހަކަމާއެކު އާއްމުންނަށް މަތީ ތައުލީމުގެ ހިދުމަތް ދެމުން އަންނަ މެޕްސް ކޮލެޖަކީ 1999ވަނަ އަހަރު ވުޖޫދަށް އައި، ރާއްޖޭގެ އެންމެ ދުވަސްވީ އެއް ކޮލެޖެވެ. މެޕްސް ކޮލެޖުން އަންނަނީ 2019 ވަނަ އަހަރުން ފެށިގެން ކާމިޔާބުކަމާއެކު އޮންލައިންކޮށް މަތީ ތައުލީމު ދިނުމުގެ ހިދުމަތް ދަރިވަރުންނަށް ފޯރުކޮށްދެމުންނެވެ.

އެގޮތުން ސެޓްފިކެޓް ލެވެލްއިން ފެށިގެން ބެޗެލާސް ޑިގްރީގެ ކޯސްތަކާ ހަމައަށް މެޕްސް ކޮލެޖުގައި ކިޔެވުމުގެ ފުރުސަތު ދަރިވަރުންނަށްވަނީ ހުޅުވާލެވިފައެވެ. މެޕްސް ކޮލެޖުން ހިންގާ ބެޗެލާސް ޑިގްރީގެ ހުރިހާ ކޯސްތަކަކީވެސް ސަރުކާރުގެ ހިލޭ ޑިގްރީއަށް ކިޔަވައިދޭ "ބެޗެލާސް ޑިގްރީ ސްކީމް"ގެ ދަށުން ހިލޭ ކިޔެވޭނެ ކޯސްތަކެކެވެ. މީގެ އިތުރުން މުޅި ދުނިޔެ ގަބޫލުކުރާ އެސޯސިއޭޝަން އޮފް ޗަރޓަޑް ސަރޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ)ގެ ކޯސްތަކާއެކު އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ބެޑްފޮރޑްޝަޔަރގެ މާސްޓަރސް ކޯސްތައްވެސް މެޕްސް ކޮލެޖުގައި ހިންގައެވެ. މި ކޯސްތަކާބެހޭ މައުލޫމާތު މެޕްސް ކޮލެޖުގެ ވެބްސައިޓް (ވެބް ސައިޓް ނަން) މެދުވެރިކޮށް އާއްމުންނަށް ލިބޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355