twitterviber whatsapp telegramfacebookyoutube instagram
1st May 2024

އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ކޭޕީއާރުސީއަށް، މޮޅު ކުޅުންތެރިޔަކަށް އިއްބެ

މުޙައްމަދު އަހުމަދު
Nov 9, 2023

ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ އެސްޓީއޯ ޒިގްޒެގް އިންޓަރ އޮފީސް ނުވަވަނަ ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ސީކޭއާރުއެޗް) ބަލިކޮށް ކުޅުދުއްފުށީ ޕޯޓް ރެކްރިއޭޝަން ކުލަބް (ކޭޕީއާރުސީ) އިން ހޯދައިފި އެވެ.

ފޯރިގަދަ އަދި އެހާމެ ވާދަވެރި ރީތި ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗުގައި ކޭއާރުއެޗުގެ މައްޗަށް ކޭޕީއާރުސީން ކުރިހޯދީ 2 - 1 ގެ ނަތީޖާއަކުންނެވެ. ކޭއާރުއެޗުގައި ވެސް ވަރުގަދަ ޓީމެއް އޮތްއިރު ކޭޕީއާރުސީ މިމުބާރާތުގައި ފާހަގަކޮށްލެވުނީ ރާއްޖޭގެ ފުޓްސަލްގެ ނަން ހިނގާ ގިނަ ކުޅުންތެރިންތަކެއް ހިމެނުނު އަދި މުބާރާތުގައި ވެސް ފެނިގެންދިޔަ އެންމެ ވަރުގަދަ ޓީމަށެވެ.

ކޭޕީއާރުސީއާ ދެކޮޅަށް ކޭއާރުއެޗުން ކުޅުނީ ޑިފެންސިވް ގޭމެކެވެ. ޑިފެންސިވް ކޮށް ކުޅެ ކައުންޓަރ އެޓޭކް އުފައްދަން ކޭއާރުއެޗުން މަސައްކަތްކުރިއިރު އެޓީމަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. ނަމަވެސް އެޓީމުގެ ހަމަލާތަކުގެ ހުރަކަށްވީ ކޭޕީއާރުސީގެ ކުޅަދާނަ ގޯލް ކީޕަރު އިސްމާއިލް ފާތިހް (ތާޑޭ) އެވެ.

މެޗުގެ ފުރަތަމަ ހާފު ކޭޕީއާރުސީން ވަނީ ލަނޑުޖަހާ ލީޑު ނަގާފަ އެވެ. ޗަންނަގެ ގޯލަކުން ކޭޕީއާރުސީން ފުރަތަމަ ހާފު ނިންމާލީ 1 - 0 ން ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފު ވެސް އެޓީމު ވަރުގަދަކޮށް ފެނިގެންދިޔައިރު ކޭޕީއާރުސީގެ ދެވަނަ ގޯލު މެޗު ނިމެން ކައިރިވެފައިވަނިކޮށް ޖަހައިދިނީ އެޓީމުގެ އައިހަމް އެވެ. އަދި މެޗުގެ އެންމެ ފަހު މިނެޓުގައި ކޭއާރުއެޗުގެ އަބްދުﷲ ޖުނައިދު (ޖޭންނެ) އެޓީމަށް ފަރަގު ކުޑަކޮށްދިން ނަމަވެސް 2 - 1 ން ކޭޕީއާރުސީން ވަނީ މެޗު ކާމިޔާބުކޮށްފަ އެވެ.

މިމުބާރާތުގެ ކިންގް އޮފް ދަ ޓޯނަމެންޓުގެ މަގާމު ހޯދީ މުބާރާތުގެ މޮޅު ކުޅުމެއް ދެއްކި އަދި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅެމުން އަންނަ ކޭޕީއާރުސީގެ އިބްރާހިމް އަތީގް (އިއްބެ) އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ކޭޕީއާރުސީގެ ކީޕަރު ތާޑޭއާއި އިއްބެ އަދި އައިހުގެ އިތުރުން ކޭއާރުއެޗުގެ އަހްމަދު ދާއޫދު (ޑޭވިޑް) އަދި ޖެންނެ އެވެ.

މުބާރާތުގެ ރަން ބޫޓު ހާސިލް ކުރީ މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދެއްކި ކޭޕީއާރުސީގެ އަހްމަދު އައިހަމް (އައިހު) އެވެ. އައިހު ވަނީ މިމުބާރާތުގައި ޖުމްލަ 11 ގޯލު ޖަހާފަ އެވެ. މިމުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ކޭއާރުއެޗެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355