މިއަހަރުގެ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޒުވާނުން ބާރުވެރިކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުވުން ކަމުގައި ދިރާގުން ބުނެ އެވެ.
ދިރާގުން ބުނީ މި ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށް އެކި ތަމްރީނު ލިބި، ވަޒީފާގެ މާހައުލުގައި ތަޖުރިބާ ހޯދުމުގެ ފުރުސަތު ވެސް ލިބިގެން ދާނެ ކަމަށެވެ. އެގޮތުން ދިރާގައި ވަޒީފާ އަދާކުރަމުން ތަމްރީނުވުމުގެ ފުރުސަތު ލިބޭނެ އެވެ.
އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ ކޮންމެ މީހަކަށް ވެސް މި ޕްރޮގްރާމުގައި ބައިވެރިވެވޭނެ އެވެ. ނަމަވެސް އޭލެވެލް ނުވަތަ ބެޗްލާސް ޑިގްރީ ފުރިހަމަކޮށް އަދި ވަޒީފާގެ ތަޖުރިބާއެއް ލިބިފައި ނެތް ކުދިންނަށް އިސްކަންދޭނެ ކަމަށް ދިރާގުން ބުނެ އެވެ.
މާލޭގެ އިތުރުން އައްޑޫ ސިޓީ، ތިނަދޫ އަދި ލާމުގައި ގާއިމުކޮށްފައިވާ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައި ވެސް މި ޕްރޮގްރާމް ކުރިއަށް ދާނެ އެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ 2009 ވަނަ އަހަރުން ފެށިގެން އެ ކުންފުނިން ހިންގަމުން އަންނަ ކާމިޔާބު ޕްރޮގްރާމެކެވެ. އެގޮތުން ޖުމްލަ 247 އަށް ވުރެ ގިނަ ޒުވާނުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފަ އެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ ޒުވާނުންނަށް ވެސް ސޮފްޓް ސްކިލްސް ތަރައްގީކުރުމަށާއި ވަގުތު މެނޭޖުކުރުން އަދި ޕްރޮޖެކްޓް ހިންގާނެ ގޮތް ފަދަ ވަޒީފާގެ މާހައުލުގައި ބޭނުންވާ މުހިންމު މައުލޫމާތާއި ބެހޭ ގޮތުން ދިރާގުގެ އެކި މުވައްޒަފުންގެ ފަރާތުން ތަމްރީނު ލިބިގެންދާނެ އެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ނޮވެމްބަރު 18، އެވެ. މި ޕްރޮގްރާމާއި ބެހޭ އިތުރު މައުލޫމާތު އަދި އެޕްލިކޭޝަން ފޯމު މި ލިންކު މެދުވެރިކޮށް ލެވޭނެ އެވެ.