ޗީފް އޮފް ޑިފެންސް ފޯސްކަމުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުއްލަތީފަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕްރޮމޯޝަން ދެއްވައިފިއެވެ.
މި ޕްރޮމޯޝަން ހަވާލުކުރެއްވީ މިއަދު އެކަމަށް ޓަކައި ބަންޑާރަ ކޮޮށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އަބްދުއްރަހީމަކީ ރާއްޖޭގެ ޑިފެންސް ސާވިސަސް ކޮމާންޑް އެންޑް ސްޓާފް ކޮލެޖުން ޑިގުރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.
މީގެ އިތުރުން، ޕާކިސްތާނުގެ އެމްއެންޑީއެފް އެންސީއޯ ކެޑޭ ކޯހާއި ސިގްނަލްސް ޔަންގް އޮފިސާ އަދި މީޑް ކެރިއާ ކޯހާއި އިންޑިއާގެ ކޮލެޖް އޮފް ޑިފެންސް މެނޭޖްމަންޓްގެ ޑިފެންސް މެނޭޖްމަންޓް ކޯސް ފަދަ ތަފާތު ތަމްރީނުތައް އޭނާ ވަނީ ފުރިހަމަ ކުރައްވައިފައެވެ.
މޭޖާ އަބްދުއްރަހީމް ހަތަރު އަހަރަށް ވުރެ ގިނަ ދުވަހު އެމްއެންޑީއެފްގެ ރަސްމީ ތަރުޖަމާނުގެ މަގާމު ވެސް އަދާކުރެއްވިއެވެ.
އެއާއެކު އަބްދުއްރަހީމް ވެވަޑައިގެންފައި މިވަނީ ލެފްޓިނަންޓް ޖެނެރަލްގެ މަގާމާ ހަމައަށް ވަޑައިގެންނެވުނު ތިންވަނަ ބޭފުޅާއަށެވެ.
އެގޮތުން މި މަގާމު ކުރިން ލިބިވަޑައިގެންފައިވަނީ މި ސަރުކާރުގައި ރިޓަޔާކުރެއްވި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލަށާއި، ލެފްޓިނެންޓް ޖެނެރަލް ރިޓަޔަޑް އަންބަރީ އަބްދުއްސައްތާރަށެވެ.
އަބްދުއްރަހީމް ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ 18 ފެބްރުއަރީ 1985 ގައެވެ. އޭގެ ކުރިން މަޖީދިއްޔާ ސްކޫލުން ވަނީ ތައުލީމު ހާސިލުކުރައްވައިފައެވެ.