ޔޫއޭއީގެ އީގަލްސް ހިލްސްގެ ބޮޑު މަޝްރޫއެއް ހިންގަން ރަސްމާލެ އިން ބޮޑު ބިމެއް ދޭން ސަރުކާރުން ހެދި އެއްބަސްވުން ހާމަކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
އެ މައްސަލަ ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
މި ކުއްލި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ފާސްވީ ވޯޓުދިން 53 މެންބަރުންގެ އިއްތިފާގުންނެވެ.
އޭނަ ހުށަހެޅި ކުއްލި މައްސަލައިގައި ވަނީ މިދިޔަ މަހުގެ 21 ގައި ހެދި އެގްރިމެންޓާމެދު ވަރަށް ގިނަ ކަންބޮޑުވުންތައް ހުރި ކަމަށެވެ.
އެގޮތުން މީކާއީލް ފާހަގަ ކުރައްވާފައިވާ ކަންކަމުގެ ތެރޭގައި އެއްބަސްވުން ހާމަނުކުރުން ދައުލަތުގެ މާލިއްޔަތަށް ގެއްލުން ލިބި، ކޮރަޕްޝަނަށް މަގުފަހިވުމާއި އެއްބަސްވުން ހާމަނުކުރުމުގެ ސަބަބުން ރައްޔިތުންގެ ފައިސާއިން ބިން ހިއްކުމަށް ފަހު، ދިޔަ ހަރަދު ވެސް ނުލިބޭ ގޮތަށް އެތަން އީގަލް ހިލްސްއަށް ދޫކޮށްލެވޭ ގޮތަށް އޮތުމާއި ރަސްމާލެއިން 500 ހެކްޓަރު 99 އަހަރަށް ދިނުމާއި އެކުއިޒިޝަން ކޮސްޓެއް ނުވަތަ ބިމު ކުއްޔަށް ނުނަގާ ގޮތަށް ރަސްމާލެ ދޫކޮށްލުމާއި ތިން ވަނަ ފަރާތަކަށް ކުއްޔަށް ދީގެން (ރޯލިން އިންޓްރެސްޓް އުފެއްދުމުގެ ހައްގު) އީގަލް ހިލްސްއަށް އޮތުން ހިމެނެ އެވެ.
މީގެ އިތުރުން ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭރުގެ ބަޔަކަށް ދޫނުކޮށްލެވޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށްވެސް މީކާއީލް ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ.




