ގައިދީންނަށް ތަމްރީނު ޕްރޮގްރާމް ހިންގަން މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ)އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން، ރެޑް ކްރެސެންޓުގެ ގާބިލިއްޔަތުކަން ހުރި މިންވަރަކުން އެ ފަރާތުން ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން ކަރެކްޝަންސްއިން އެދޭ ތަމްރީން ޕްރޮގްރާމްތައް، ކަރެކްޝަންސްގެ އޮފިސަރުންނާއި މުވައްޒަފުންނާއި ގައިދީންނަށް ކުރިއަށްގެންދިޔުމަށް ވަނީ އެއްބަސްވެފަ އެވެ.
ކަރެކްޝަންސްއިން ބުނީ، މި އެއްބަސްވުމުގެ ދަށުން ތަމްރީން ޕްރޮގްރާމްތައް ހިންގަން ފެށުމުން އެ އިދާރާގެ އޮފިސަރުންނާއި މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުވެ، މަސައްކަތުގެ ފެންވަރު ތަރައްގީވާނެ ކަމަށެވެ.
ގައިދީން އިސްލާހުކޮށް، މުޖުތަމައަށް ބޭނުންތެރި ބައެއްގެ ގޮތުގައި އަނބުރާ ރުޖޫއަކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ވެސް އެ ހިދުމަތުން ފާހަގަކުރެއެވެ.
ގައިދީން ރީހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމައަށް ނެރުމަށްޓަކައި ދީނީ ތައުލީމާއި، އަސާސީ އަދި އައިސީޓީ ކޯސްތަކުގެ އިތުރުން ކާޕެންޓްރީ، އިލެކްޓްރިޝަން، ފެހުން، އަދި ދަނޑުވެރިކަން ފަދަ މަސައްކަތްތެރިކަމުގެ ހުނަރުތައް ދަސްކޮށްދީ ސެޓްފިކެޓް ހާސިލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ތަފާތު ވޯކްޝޮޕްތަކާއި ތަމްރީނުތައް ބާއްވައެވެ.
މީގެ އިތުރުން މަސްތުވާތަކެތިން ސަލާމަތްވުމުގެ ޕްރޮގްރާމްތަކާއި ނަފުސާނީ އަދި އިޖުތިމާޢީ ކައުންސިލިން ވެސް ގައިދީންނަށް ފޯރުކޮށްދެއެވެ.




