twitterviber whatsapp telegramfacebookyoutube instagram
27th April 2024

ތަރައްގީގައި ކުރިއަށްދެވޭނީ އަތޮޅުގެ ހުރިހާ ރަށަކުން އެކުގައި މަސައްކަތް ކޮށްގެން: މޭޔަރު

އަބްދުލް ވާހިދު ޙަސަން
Dec 23, 2023
1

ތަރައްގީގައި ކުރިއަށްދެވޭނީ އަތޮޅުގެ ހުރިހާ ރަށްތަކުން އެކުގައި މަސައްކަތްކޮށްގެން ކަމަށް ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ނޭކުރެންދޫ ކައުންސިލުން ބާއްވާ ބީ14 ސްޕޯޓްސް ފެސްޓިވަލް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، ކުޅުދުއްފުއްޓާއި ނޭކުރެންދޫގެ ގުޅުމަކީ މިހާރުވެސް ވަރަށް ގާތް ގުޅުމެއް ކަމަށާއި އަދިވެސް މިހާރަށްވުރެ ބޮޑަށް ކުޅުދުއްފުއްޓާއި ނޭކުރެންދޫގެ ގުޅުން އިތުރަށް ހަރުދަނާކޮށް ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިވާން ޖެހޭ ކަމަށެވެ.

"ކުޅުދުއްފުށި ކުރިއަރާދާނީ ނޭކުރެންދޫއާވެސް އެކީގަ، ނޭކުރެންދޫވެސް ކުރިއަށްދާނީ ކުޅުދުއްފުއްޓާ އެކީގައި. ހދ ގެ އެހެން ރަށްތަކާވެސް އެކީގައި." މޭޔަރު ވިދާޅުވި އެވެ.

އަތޮޅުގެ ރަށްތަކުގެ ރައްޔިތުންގެ ގުޅުން މިހާރަށްވުރެ ބަދަހިވެއްޖެނަމަ އަތޮޅުގެ ތަރައްގީ ބޭނުންވާ މިސްރާބަށް ދެވޭނެކަމާމެދު ޝައްކުނުކުރައްވާކަމަށް މޭޔަރު ފާހަގަކުރެއްވި އެވެ.

ނޭކުރެންދޫއަކީ ގައުމީ ފެންވަރުގެ މޮޅެތި ކުޅިވަރު ސަހުސިއްޔަތުތަކެއް އުފެދި އަދި އުފައްދަމުންދާ ރަށެއްކަން ފާހަގަކުރައްވާ މޭޔަރު ވިދާޅުވީ، އެއީ ނޭކުރެންދޫގެ އިތުރުން ހދ އަތޮޅަށްވެސް ލިބިގެންދާ ފަހުރަކާއި ޝަރަފެއްކަމަށެވެ.

ކޮންމެ ތަނެއްވެސް ކުރިއަރާ ދިޔުމުގައި އެތަނެއްގެ އެއްބައިވަންތަކަމާއި އެކުވެރިކަން އަދި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމަކީ އެންމެ މުހިންމު ދައުރެއް އަދާކުރާ ކަންތައްކަން މޭޔަރުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުގެ އުންމީދުކުރަނީ މިފަދަ ހަރަކާތްތަކުގެ ތެރެއިން މިހާރަށްވުރެ އިތުރަށް ޒުވާނުންގެ މެދުގައި އޮންނަ ރޫހާއި ޖޯޝު އަދި ރަށުގެ ތަރައްގީއަށްވެސް އޭގެ ސަބަބުން އިތުރު ކުރިއެރުމެއް އަދި ރަށުގެ ތަރައްގީގައި ޒުވާނުން ބައިވެރިވާ މިންވަރު އިތުރުވެގެންދާނެކަމަށް." މޭޔަރު އާތިފް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355