twitterviber whatsapp telegramfacebookyoutube instagram
28th April 2024

މުވައްޒަފުން ދެކެނީ ކައުންސިލަރުންނަކީ އެއްޗެއް ނޭނގޭ މުޑުދާރު ބައެއްގެ ގޮތުގައި

އަބްދުލް ވާހިދު ޙަސަން
Dec 29, 2023
6

ކައުންސިލް މެމްބަރުންނާމެދު ލޯކަލް ކައުންސިލްތަކުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުން ދެކެނީ ކައުންސިލަރުންނަކީ ތަނެއް ދޮރެއް ނުދަންނަ މުޑުދާރު ބައެއްގެ ގޮތުގައިކަމަށް ހދ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސިރާޖު ވިދާޅުވެއްޖެ އެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އައްޑޫ ސިޓީގައި މިހާރު ކުރިއަށްގެންދާ ފަނޯއްލަ ދަރުބާރުގައި ވާހަކަދައްކަވަމުން ސިރާޖް ވިދާޅުވީ، ކައުންސިލްތަކުގައި މުވައްޒަފުން ކައުންސިލަރުންނާމެދު ދެކެނީ މުޑުދާރު ތަނެއް ދޮރެއް ނުދަންނަ ބައެއްގެ ގޮތުގައި ކަމަށެވެ.

"ސެކްރެޓަރީ ޖެނެރަލް އެވިދާޅުވާގޮތަކަށް ނޫން [ކައުންސިލްތަކުގެ] ކަންތައް ހުންނަނީ. ކައުންސިލްތަކުގައި އުޅޭ ސިވިލް ސާވިސް މީހުން ދެކޭ ގޮތުގައި އަޅުގަނޑުމެންނަކީ ވަރަށް މުޑުދާރުބައެއް. ސިޔާސީ ބައެއް އަޅުގަނޑުމެންނަކީ. މީހުންނަށް ލާރި ބަހައިގެން ވޯޓް ގަނެގެން އައިސްތިބި ތަނެއް ދޮރެއް ނުދަންނަބަޔެއް." ސިރާޖު ވިދާޅުވި އެވެ.

ކައުންސިލްތަކުގެ މުވައްޒަފުންނަށް އިޝާރާތްކުރައްވާ ވާހަކަ ކުރިއަށްގެންދަވަމުން ސިރާޖް ވިދާޅުވީ، ކައުންސިލަރުން އެދޭ ކަންތައްތައް މުވައްޒަފުން ކުރަން ނުޖެހޭ ކަމަށް މުވައްޒަފުން ދެކޭކަމަށާއި އަދި އެ މޭރުމުން މުވައްޒަފުން ވާހަކަ ދައްކާ އަޑުވެސް އިވިވަޑައިގަންނަވާފައިވާ ކަމަށެވެ. އެއީ ވަރަށް ގިނަ ކައުންސިލްތަކުގައި ދިމާވެފައިވާ މައްސަލައެއްކަމަށް ސިރާޖް ވިދާޅުވި އެވެ.

" [ކައުންސިލްތަކުގެ މުވައްޒަފުން] ބުނަންވެސް ބުނެފައެބަހުރި ތީ އޮޑިދޯނިފަހަރުގައި އުޅެފައި ލާރިކޮޅު ބަހާލައިގެން ވޯޓު ހޯދައިގެން އައިސްތިބި ބައެއް ނޫންހޭ. އެހެންނޫނީ ކޮންމެސް ރިސޯޓެއްގައި ރޫމް ބޯއީއަކަށް އުޅެފަ ނޫންހޭ ތިޔައައީ މިތަނަށް. ކޯއްޗެއްހޭ ކަލޭމެންނަށް އެނގޭނީ. ތިމަންނަމެންމީ ދާއިމީކޮށް މިތާ ތިބޭ މީހުންނޭ، ފަސް އަހަރުކޮށްލާފަ ދާނެ ބަޔެކޭތީ. ކަލޭމެން ބުނާގޮތް ހަދާކަށްނުޖެހެއޭ. މިއީ ހަމަ ހަގީގަތް. ހދ އަތޮޅު ރައީސް ވިދާޅުވި އެވެ.

ސިރާޖް ވިދާޅުވީ ހދ. އަތޮޅު ކައުންސިލްގައި މާސްޓާސް ފެންވަރަށް ކިޔަވައިގެން ތިއްބެވި ވަރަށް ތަޖުރިބާ ހުރި ގާބިލް ކައުންސިލަރުންވެސް ތިއްބެވި ކަމަށެވެ. އެކަމަކު އެކަން މުވައްޒަފުން ގަބޫލުނުކުރާތީ ވަރަށް ގިނަ ކަންކަން ތަންފީޒުނުކުރެވިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

ފަނޯއްލަ ދަރުބާރަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އިދާރީ ގޮތުންނާއި މާލީ ގޮތުން ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް، ތަންފީޛުކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ގޮންޖެހުންތައް ހައްލުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި ބޭއްވޭ ލާމަރުކަޒީ ސިޔާސަތު ވިލަރެސްކުރުމުގެ މަހާސިންތާއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355