twitterviber whatsapp telegramfacebookyoutube instagram
3rd May 2024

މެޕްސް ކޮލެޖުން އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

Jan 11, 2024

ދިގު މުއްދަތަކަށް އާއްމުންނަށް މަތީ ތައުލީމާއި ތަމްރީނުގެ ހިދުމަތް ފޯރުކޮށް ދެމުން އަންނަ މެޕްސް ކޮލެޖުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާއެކު މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިންގް (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރެވުނު މި އެމްއޯޔޫގެ ދަށުން މޯލްޑިވްސް އެއާޕޯޓްސްގެ މުވައްޒަފުންނަށް މެޕްސް ކޮލެޖުން ހިންގާ ކޯސްތަކުގައި ހެޔޮ އަގެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިބޭނެ އެވެ.

އޭގެތެރޭގައި، އެޑްވާންސްޑް ސެޓްފިކެޓް ކޯސްތަކާ އެކު އެ ކޮލެޖުގެ ޔުނިވާސިޓީ ޕްރިޕެރޭޝަން ޕްރޮގްރާމް، ޕްރީމާސްޓަސް ޕްރޮގްރާމް އަދި ޔުނިވާސިޓީ އޮފް ބެޑްފޮޑްޝަޔާގެ މާސްޓާސް ކޯސްތައް ހިމެނެއެވެ. މީގެއިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން އިތުރަށް ތަމްރީނު ބޭނުންވާ މުވައްޒަފުންނަށް އެ މުވައްޒަފުންގެ ޓެކްނޮލޮޖީ ހުނަރުތައް ޒަމާނާ އެއްގޮތަށް އިތުރަށް ތަރައްގީ ކުރުމުގެ ފުރުސަތު ވެސް މި އެމްއޯޔޫގެ ދަށުން މަގުފަހި ވެގެންދާނެ ކަމަށް މެޕްސްއިން ބުނެ އެވެ.

މިއަދު މޯލްޑިވްސް އެއާޕޯޓްސް ކުންފުނީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެމްއޯޔޫގައި މެޕްސް ކޮލެޖުގެ ފަރާތުން ސޮއި ކުރެއްވީ މެޕްސް ކޮލެޖުގެ ވައިސް ރެކްޓަރ އެޑްމިނިސްޓްރޭޓިވް އެފެއާސް އައިމިނަތު އަބްދުލް ވާހިދެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ތޯހާ އެވެ.

މި އެމްއޯޔޫގެ ދަށުން މެޕްސް ކޮލެޖުގެ ކޯސްތަކުގައި ހެޔޮ އަގެއްގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް އެއާޕޯޓްސްގެ ކޮންމެ މުވައްޒަފަކަށް ލިބޭއިރު، މިއީ އެފަދަ މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުވެ ތަމްރީނު ލިބިގަތުމަށް ހުޅުވުނު ވަރަށް މުހިއްމު ދޮރެއްގެ ގޮތުގައާއި މަތީތައުލީމު ހާސިލް ކުރުމަކީ ވަކި އުމުރަކަށް އޮތް ކަމެއް ނޫން ކަމާއި ހުރިހާ މުވައްޒަފުންވެސް މަތީ ތައުލީމް ހާސިލް ކުރުމަށް ވަރަށް ހިތްވަރު ދެއްވާކަން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެޕްސް ކޮލެޖުގެ ވައިސް ރެކްޓަރ އެޑްމިނިސްޓްރޭޓިވް އެފެއާސް އައިމިނަތު އަބްދުލް ވާހިދު ވިދާޅުވީ މިއަދު ސޮއި ކުރެވުނު އެމްއޯޔޫގެ އެހީގައި މޯލްޑިވްސް އެއާޕޯޓްސް ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މަތީ ތައުލީމު ހާސިލު ކުރުމުގައި އިތުރު ލުއިފަސޭހަތަކެއް ހޯދައިދެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. ހަމައެއާއެކު މި އެމްއޯޔޫގެ އެންމެ މުހިއްމު މަޤްސަދަކީ އެކި ދާއިރާތަކުން ފެންވަރު ރަނގަޅު ހުނަރު ހުރި ކުދިން މުޖްތަމައަށް ނެރެ ވަޒީފާގެ މަގާމްތަކުގައި އެ ކުދިންނަށް އިތުރު ކުރިއެރުން ހޯދައިދިނުމަށް އެހީތެރިވެދިނުން ކަމަށް އައިމިނަތު އަބްދުލް ވާހިދު ވަނީ ވިދާޅުވެފައެވެ.

މިއަހަރު ރިހިޔޫބީލް ފާހަގަކުރުމަށް ތައްޔާރުވަމުން އަންނަ މެޕްސް ކޮލެޖަކީ 2019 ވަނަ އަހަރުން ފެށިގެން އެމްކިއުއޭގެ ހުއްދައާއެކު އޮންލައިންކޮށް ވެސް ގިނަ ކޯސްތައް ކާމިޔާބުކަމާއިއެކު ހިންގަމުން އަންނަ ކޮލެޖެކެވެ. ލުއި ފަސޭހަކަމާއެކު އާއްމުންނަށް މަތީ ތައުލީމުގެ ހިދުމަތް ދެމުން އަންނަ މެޕްސް ކޮލެޖަކީ 1999ވަނަ އަހަރު ވުޖޫދަށް އައި، ރާއްޖޭގެ އެންމެ ދުވަސްވީ އެއް ކޮލެޖެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355