މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ދަސްވެނިވުމުގެ ރަސްމިއްޔާތުގައި، މި ޕްރޮގްރާމް ނިންމި 13 އެޕްރެންޓިސްއަކަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާނެވެ. ރަސްމިއްޔާތުގެ ހާއްސަ މެހެމާނުންގެ ގޮތުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތާއި، ދިރާގުގެ ބޯޑް އަދި މަނޭޖްމަންޓްގެ ބޭފުޅުންގެ އިތުރުން ތައުލީމީ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވަނީ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަސްވެނިންނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ކުންފުނިތަކުގެ ތެރެއިން ގައުމީ، އިޖްތިމާއީ، ޒިންމާގެ މައިދާނުގައި އެންމެ ކުރިއަރައިފައިވާ ކުންފުންޏަކީ ދިރާގު ކަމުގައި ފާހަގަކުރައްވައިފައެވެ. މިނިސްޓަރު ވަނީ މި ޕްރޮގްރާމްގެ ސަބަބުން ދިވެހި ޒުވާނުނަށް ކުރިއެރުން ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.
ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވެސް ވަނީ ހަފްލާގެ ދަސްވެނިންނަށާއި އަލަށް ބައިވެރިވި އެޕްރެންޓިސުންނަށް މަރުހަބާ ދަންނަވައިފައެވެ. އަދި، މި ޕްރޮގްރާމްގެ ސަބަބުން، ދިރާގުގެ އިންކްލޫސިވް އަދި ދެމެހެއްޓެނިވި 'ޑިޖިޓަލް ރާއްޖެ' އެއް އުފެއްދުމުގެ ވިސްނުމަށް އެހީތެރިކަން ލިބިގެންދާކަމަށް ވެސް ވިދާޅުވިއެވެ.
އެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ، ޒުވާނުންނަށް ހުނަރު ދަސްކޮށްދިނުމަށާއި، ޒުވާނުންނަށް ހިތްވަރު ދިނުމަށް ދިރާގުގެ ސީއެސްއާރުން ހިންގާ ޕްރޮގްރާމެކެވެ. މިއީ ރާއްޖޭގައި ތައާރަފްކުރި ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ.
އެ ޕްރޮގްރާމުގެ ތެރެއިން، ސްޓްރަކްޗާޑް ޓްރެއިނިން ޕްރޮގްރާމަކާއި ސޮފްޓް ސްކިލްސް ޑިވެލޮޕްމަންޓް ޓްރެއިނިންގެ އިތުރުން ދިރާގުގެ މައިގަނޑު ގިނަ ވިޔަފާރީގެ ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ޕްރޮގްރާމްގެ ބައިވެރިންނަށް ލިބެއެވެ. އެ މީހުންނަށް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ދިރާގު ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުތަކުގައި މަސައްކަތް ކުރެވޭނެއެވެ.
2009 ވަނަ އަހަރުން ފެށިގެން ދިރާގު އެޕްރެންޓިސްޝިޕް ޕްރޮ ގްރާމް ވިދިވިދިގެން ކޮންމެ އަހަރަކު ހިންގަމުން އަންނައިރު، މިއަދުގެ ނިޔަލަށް ޖުމްލަ 268 ޒުވާނުން މި ޕްރޮގްރާމްގައި ބައިވެރިވެފައިވާ ކަމަށް ދިރާގުން ބުންޏެވެ.