ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ކ. ރަސްފަރި ފަރަށް 2021 ވަނަ އަހަރު އާގު ބޯޓެއް އެރުމުގެ ސަބަބުން ލިބުނު ގެއްލުންތައް އިޔާދަކުރުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކުރަމުންދާ މަސައްކަތަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފި އެވެ.
"ރީސްޓޯ ރަސްފަރި" ނަމުގައި ރަސްފަރި ފަރު އިއާދަކުރުމަށް އީޕީއޭ އިން ވަނީ އެ ފަރުން ހަލާކުވި ބައިގައި މުރަކަ އިންދުމުގެ މަސައްކަތް ކުރަމުންނެވެ.
މި މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދިރާގުން ވަނީ އީޕީއޭގެ ރިސްޓޯރޭޝަން ޓީމުތަކަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމާފަ އެވެ. އަދި ފަރު އިޔާދަކުރުމުގެ މަސައްކަތް ކުރާ ޓީމްތަކަށް އެކުންފުނިން ވަނީ ޑައިވިން ކިޓްތައްވެސް ހަދިޔާކޮށްފައެވެ.
މި މަޝްރޫއުގެ ދަށުން ފަރު އިޔާދަކުރުމުގެ ގޮތުން ފަސް އަހަރުގެ މުއްދަތަކަށް އެ ފަރުގައި އަލުން މުރަކަ އިންދައި ނާސަރީތަކުގައި އާލާކުރާ މުރަކަވެސް ފަރަށް ބަދަލުކުރަން ވަނީ ރާވާފަ އެވެ. އެގޮތުން ދިރާގުގެ ދަރުމަވެރިންވެސް ވަނީ ރަސްފަރި ފަރުގައި ދާދި ފަހުން ކުރިއަށްގެންދިޔަ މުރަކަ އިންދުމުގެ ހަރަކާތުގައި ބައިވެރިވެފައެވެ.
ރަސްފަރީ މެރިން ޕްރޮޓެކްޓެޑް އޭރިއާ ސައިޓުގައިވާ މި ފަރަކީ އެތަކެއް ތަފާތު ދިރޭތަކެތި ދިރިއުޅެމުންދާ ސަރަހައްދަކަށްވެފައި، މި ފަރު އިޔާދަކުރުމަކީ ބަޔޯޑައިވާސިޓީ ހިމާޔަތް ކުރުމަށް އެޅިގެންދާނެ ވަރަށް ބޮޑު ފިޔަވަޅެ ކަމަށް އެކުންފުނިން ބުނެއެވެ.
"މި ޕްރޮޖެކްޓްގެ ދެމެހެއްޓެނިވި ކާމިޔާބީއަށްޓަކައި، މި މަޝްރޫޢުގެ ކޮންމެ މަރުޙަލާއެއްގައިވެސް ކަމާގުޅުންހުރި ފަރާތްތަކުގެ ހަރުދަނާ ބައިވެރިވުމާއި އެއްބާރުލުން ވަރަށް މުހިންމު. އެގޮތުން ރަސްފަރީ ހިމާޔަތް ކުރުމަށް ދިރާގުން ކުރަމުންގެންދާ މަސައްކަތް ފާހަގަކޮށް އަގުވަޒަން ކުރަން. އަދި އަޅުގަނޑުމެންގެ އުންމީދަކީ ޕްރޮޖެކްޓް ޕާރޓްނަރުންގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުން،" އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް، އިބްރާހިމް ނައީމް ވިދާޅުވިއެވެ.
"މި މުހިންމު ކޮންޒަވޭޝަން ޕްރޮޖެކްޓް ކުރިއަށްގެންދިޔުމަށް އީޕީއޭއާ ގުޅިގެން މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ތިމާވެށި ހިމާޔަތްކޮށް ކަނޑުތަށް ބެލެހެއްޓުމަކީ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ މައިގަނޑު އެއް އަމާޒު. އެހެންކަމުން އަބަދުވެސް މަސައްކަތްކުރަނީ މިފަދަ ތިމާވެއްޓަށް ފައިދާކުރުވަނިވި ހަރަކާތްތަކުގައި ބައިވެރިވުމަށް،" ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވިއެވެ.
ދިރާގުން އަންނަނީ ދިވެހިރާއްޖޭގެ ގުދުރަތީ ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ ޕްރޮޖެކްޓްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.