twitterviber whatsapp telegramfacebookyoutube instagram
6th May 2024

ރަހުނަކާ ނުލައި ހަތްލައްކަ ރުފިޔާއާ ހަމައަށް ފަރުމަސްވެރިކަމަށް ލުއިލޯނު ތައާރަފްކޮށްފި

Feb 17, 2024

ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް ހާއްސަކޮށް ރަހުނު ނުބަހައްޓާ ހަތް ލައްކަ ރުފިޔާއަށް ހަމައަށް ލުއި ލޯނު ސްކީމު ފިޝަރީޒް މިނިސްޓްރީން ތައާރަފްކޮށްފިއެވެ.

މިއީ އެސްޑީއެފްސީއާއި އިގްތިސޯދީ ވުޒާރާގެ އެހީތެރިކަމާއި އެކީގައި ތައާރަފް ކުރި ލުއި ލޯނެކެވެ.

މަސްވެރިންގެ ދަފްތަރު އިފްތިތާހް ކުރުމަށް ރޭ ށ. ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގައި ފަރުމަސް ކަަމަކީ ވަރަށް ފުޅާދާއިރާއެއްގައި ކުރާ ކަމަށާއި، މިއީ ސަރުކާރުން ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ސިނާއަތެއް ކަަމަށެވެ.

"ސިނާއަތުގެ ތަރަައްގީ އާއި ސިނާއަތުގައި ހަރަކާތެރިވާ ފަރާތްތައް ޑިންގިއެއް ބަންނަން ވިޔަސް ނޫނިއްޔާ މަސް ލޯންޗެއް ގަންނަވިޔަސް، ނޫނިއްޔާ މަސްވެރިކަމުގައި ބޭނުންވާ އެހެނިގެން ވަސީލަތެއް ހޯދަން ވިޔަސް، ނޫނީ މަސް ބާނައިގެން މަސް ގަންނަ އަދި އެ މަސް ޕެކް ކުރާ ފަރާތެއް ކަމުގައިވިޔަސް އެ ކުރުމައި މި ލޯނުތައް އެބަ އެހީތެރިކަން ފޯރުކޮށްދޭ،". މިނިސްޓަރު ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ، މި ހުޅުވާލެވޭ ފުރުސަތާއެކު ކުދި އައިސްޕްލޭންޓްތަކަށް އިންވެސްޓް ކުރުމުގެ ފުރުސަތު މި ލޯނުގެ އެހީގައި އޮންނާނެ ކަމަށެވެ.

"މިއީ ވަރަށް ލުއިކޮށް ދޫކުރޭ ލޯނެއް، މިއީ ފަރު މަސް ވެރިކަމަށް ހާއްސަކޮށް ދޫކުރެވޭ ލޯނެއް. މި ލޯނު ހަތް ލައްކަ ރުފިޔާއަށް ހިސާބަށް ރަހުނެއް ނުބަހައްޓާ ލޯނު ލިބުމުގެ ފުރުސަތު، އެ ލޯނަކީ އަދި ވަރަށް ލުއި ގޮތަކަށް ލިބޭ ލޯނެއްކަން މި އެނގެނީ".

ޝިޔާމް ވިދާޅުވީ، މަސްވެރިންގެ ދަފްތަރު ފުރިހަމަވެގެން ދާއިރު، މައްސަލަތަކަށް ޖުމްލަ ހައްލެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ބޭންކް ތަކުން ދޫކުރާ ލޯންތަކާއި، ކުންފުނިތަކުން އެހެން އޮފީސްތަކަށް ދޭ ލުއި ލޯނުތަކާއި، ލުއި ސްކީމްތައް ފަދަ ހުރިހާ ލުއިތަކެއް މަސްވެރިންގެ ދަފްތަރު ފުރިހަމަވެގެން ދާއިރު ލިބިގެން ދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަދި އޭގެ އިތުރުން، އަޅުގަނޑަށް ހަމަ ޔަގީން މި ދަފްތަރާއި ގުޅުވައިގެން ބައެއް އެހެން ކަަހަލަ ކަންތައްތައް ގެނެވޭނެ. ބައެއް ކަހަލަ ކުންފުނިތަކުގައި އެކި ކަހަލަ އިންޝުރެންސް ސްކީމްތައް އެބަ ހުރޭ، އެ އިންޝުރެންސް ސްކީމްތަކަށް މަސްވެރިންނަށް ބައިވެރިވުމުގެ ފުރުސަތެއް ނޯވޭ.".

އޭނާ ވިދާޅުވީ، މަސްވެރިންނަށް ހުންނަ އުނދަގޫތަކުގެ ތެރޭގައި ހިމެނޭ ބިލްތައް ފަދަ އެއްޗެހި ނުދެއްކިގެން ދިމާވާ މައްސަލަތަކަށް ހައްލެއް ލިބިގެން ދާނެ ކަަމަށް އުއްމީދު ކުރައްވާ ކަަމަށެވެ.

"އަޅުގަނޑުމެން އުއްމީދު ކުރަން މި ދަފްތަރުގެ އެހީގައި، މުވައްސަސާތަކާއި ގުޅުވޭ ހިސާބުން ފެށިގެން، އެއިރުން އެނގޭނެ މިފްކޯއިން އެބަ އޮތްކަން މި ދޯނީގެ މިވެނި މަސްވެރިއަކަށް، މިވެނި އަދަދަކަށް، މިވެނި މަހެއްގައި ފައިސާ އަންނަން، އެހެން ވެއްޖެ ކަމުގައިވަނީނަމަ އެއްކަލަ ޔުޓިލިޓީ ކުންފުނިން، އެގޭގެ ކަރަންޓް ކަނޑާނުލާ، ފެން ކަނޑާނުލާ ބެހެއްޓޭނެ އިންތިޒާމްތައް، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މި ދަފްތަރާއި އެކީގައި ކޮށްފިކަަމަށްވަންޏާ އެކަންތައް އަޅުގަނޑުމެންނަށް ހައްލު ކޮށްލެވޭނެ،". ވަޒީރު ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355