twitterviber whatsapp telegramfacebookyoutube instagram
28th April 2024

މަޖިލީސް އިންތިޚާބު ފަސްކުރާ ބިލު ތަސްދީގުނުކޮށް، އަނބުރާ ފޮނުވާލައިފި

ނަބީލާ އިސްމާޢީލް
Feb 26, 2024

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރަން، ރޯދަ މަސް ތެރޭގައި އެއްވެސް އިންތިހާބެއް ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ގެނައި ބިލް ތަސްދީގު ނުކުރައްވައި، އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާލަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

ރޯދަ މަހު އިންތިހާބުތައް ނުބޭއްވޭ ގޮތަށް އިންތިހާބުތަކައިބެހޭ އާންމު ގާނޫނަށް އިސްލާހު ގެނެސް، އެ ބިލު ތަސްދީގުކުރަން އޮތީ ފޮނުވައިފައެވެ. އިދިކޮޅު އެމްޑީޕީން ހުށަހަޅައިގެން ގެނައި ބަދަލު ތަސްދީގުނުކޮށް، އަނބުރާ މަޖިލީހަށް ފޮނުވައިލަން މިއަދު ވަނީ ނިންމައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މީގެ ކުރިން ބާއްވަން ނިންމާފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހެވެ. ނަމަވެސް އެއީ ރޯދަ މަސް ކަމަށްވުމުން، ރޯދައިގެ ފަހުން އިންތިހާބު ބޭއްވުމަށް އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ވަނީ ގެނެސްފައެވެ. އަދި ރޯދަ ނިމޭތާ 10 ދުވަސްތެރޭ އިންތިހާބު ބޭއްވުމަށް ވަނީ އިސްލާޙު ގެނެސްފައެވެ.

އެ ބިލް އަނބުރާ މަޖިލީހަށް ފޮނުއްވުމަށް ފަހު ރައީސް އޮފީހުން ބުނީ ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިހްތިޔާރުގެ ދަށުން، މި ބިލު، މިއަދު އަނބުރައި ފޮނުއްވައިލެއްވީ، މި ބިލުގައި، ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ތަޢާރުޟުވާ ކަންކަމާއި، ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުގެމަތީން އިންތިހާބުތައް ބޭއްވުމާއި އަދި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ހުރަސްއެޅިދާނެ ފަދަ އިޖްރާއާތުތައް ކަނޑައަޅާފައިވާކަން ދައުލަތުގެ ބަންޑާރަނާއިބު ފާހަގަކުރައްވައި، އެކަންކަން އިސްލާހުކުރެއްވުމަށްޓަކައި ބިލަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ދައުލަތުގެ ބަންޑާރަނައިބު ލަފާދެއްވާފައިވާތީ ކަމަށެވެ.

ގާނޫނު އަސާސީ ބުނާގޮތުން ފުރަތަމަ ފާސްކޮށްފައި ތަސްދީގު ކުރައްވަން ފޮނުވާ ބިލެއް ރައީސް ތަސްދީގު ނުކުރައްވައިގެން އަލުން އެ ބިލެއް ފޮނުވައިފި ނަމަ ރައީސް އަށް ތަސްދީގު ކުރައްވަންޖެހެއެވެ.

އެމްޑީޕީން މީގެ ކުރިން ބުނެފައިވާ ގޮތުގައި މަޖިލީހުގެ އިންތިހާބު ފަސްކުރުމުގެ ބިލު ރައީސް މުއިއްޒު ތަސްދީގު ނުކޮށްފިނަމަ އަލުން އެ ބިލު ފާސްކޮށް ފޮނުއްވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355