twitterviber whatsapp telegramfacebookyoutube instagram
28th April 2024

ކުޅުދުއްފުށީގެ ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

އަބްދުލް ވާހިދު ޙަސަން
Feb 27, 2024
2

ކުޅުދުއްފުއްޓަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައަށް ހަމަ ހަގީގަތުގައިވެސް ދާއިމީ ހައްލެއް ގެނެސްދެއްވާނެކަމުގައި ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ ރައްޔިތުންނާ ރޭ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ މުޅި ރާއްޖޭގެ 7 ސަރަހައްދަކަށް ބަހާލައިގެން ތަރައްގީކުރުން ކަމަށާއި އެގޮތުން އުތުރުގެ ސަރަހައްދީ މައި ތަނބަކީ ކުޅުދުއްފުށި ކަމަށެވެ.

ރާއްޖޭގެ ތަރައްގީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިޔުމަށްޓަކާ ގެދޮރުވެރިކަމުގެ ވައުދު ފުއްދުމުގައި އެންމެ ބޮޑު ހިއްސާއެއް ލިބޭނެ އެއް މަންޒިލަކީ ކުޅުދުއްފުށިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވައުދުވި ގޮތަށް 2000 ހައުންސިންގ ޔުނިޓްގެ މަސައްކަތް މިއަހަރު ތެރޭގައި ފަށާނެ ކަމަށެވެ.

ކުޅުދުއްފުށީގައި ހަދަމުންދާ 400 ހައުންސިންގ ޔުނިޓްގެ މަސައްކަތާއި ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ 1000 ހައުންސިން ޔުނިޓްގެ މަސައްކަތް އަވަހަށް ކުރިއަށްގެންގޮސް ނިންމަވާލެއްވުމަށް ކުޅުދުއްފުށީ މޭޔަރުވެސް އެދިވަޑައިގެންނެވި އެވެ.

ރައީސް ވިދާޅުވީ، މޭޔަރު ފާހަގަކުރެއްވި ހައުންސިން ޔުނިޓްތަކާއި އިތުރު 2000 ހައުންސިން ޔުނިޓްގެ މަސައްކަތް ނިންމުމުން ކޮންމެވެސް ވަރެއްގެ ހައްލެއް ބޯހިޔާވަހިކަމަށް ލިބިގެންދާނެ ކަމަށެވެ. އެހެންނަމަވެސް އެއީ އެކަށީގެންވާ ހައްލަކަށް ނުވިކަމުގައިވިޔަސް އެއީ ފެށުމެއްކަމަށް ރައީސް ޑރ މުއިއްޒު ވިދާޅުވި އެވެ.

400 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތްތައް ފެށީ މިދިޔަ އަހަރު މެއި މަހު އެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ އެވެ. އެކަމަކު ސަރުކާރު ބަދަލުވި ފަހުން އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ.

1،000 ހައުސިން ޔުނިޓް އިމާރާތްކުރުމަށް އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރު އޮގަސްޓްމަހުގަ އެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހިންގާ އެ މަޝްރޫއުގެ މަސައްކަތް ހަވާކޮށްފައި ވަނީ އެމެރިކާގެ ސްޓްރަކްޗުރަލް އަންލިމިޓެޑް ކޮންސްޓްރަކްޝަން (އީޕީސީ) އާ އެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް އަދި ނުފަށަ އެވެ.

އެންމެފަހުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، 1000 ހައުންސިންގ ޔުނިޓްގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ސިޓީ ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355