އަތޮޅުތެރޭގެ ރައްޔިތުން ނިކަމެތިކޮށް ކައުންސިލްތަކުގެ މާލީ ބާރުވެރިކަން ހަނިކުރާ ބިލް ތަސްދީގުނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ގޮވާލައިފި އެވެ.
ލޯކަލް ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރު ހަނިކުރުމަށް ފާސްކުރީ އެ ބިލް އަނބުރާ ގެންދިޔުމަށް 50 އަށްވުރެގިނަ ކައުންސިލްތަކުން އެދި ބަޔާން ނެރެފައިވަނިކޮށްނެވެ. އެ ބިލް ފާސްކުރީ ސަރުކާރުން ހުށަހެޅި ގޮތަށް މާ ބޮޑު ބަދަލެއް ނުގެނެސް ޕީއެންސީގެ މެންބަރުން ވޯޓްދީގެންނެވެ.
ބިލް ފާސްކުރުމާއެކު ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އަރިހުން ބިލާއި މެދު އިތުރަށް ވިސްނާވަޑައިގަތުމަށްޓަކައި ބިލު އަނބުރާ ގެންގޮސްދެއްވުން އެދި ރައީސް އޮފީހަށް އިއްޔެ ސިޓީއެއް ފޮނުވި ކަމަށެވެ.
އެސިޓީގައި، މަޖިލީހަށް މިހާރު ހުށަހެޅިފައިވާ ބިލަކީ އިދާރީ ގޮތުންނާއި މާލީގޮތުން ކައުންސިލްތައް ބާރުވެރިކުރުވުމަށް ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ގެނެސްފައިހުރި މުހިއްމު އިޞްލާހުތަކުގެ ބާރު ކެނޑޭގޮތަށް، ކައުންސިލްތަކަށް ލިބިދީފައިވާ މާލީ މިނިވަންކަން ގެއްލޭގޮތަށް ފަރުމާ ކުރެވިފައިވާ ބިލެއްކަމާއި، ބިލުގެ ސަބަބުން ރަށްރަށުގައި ހުރި ވަޞީލަތްތައް ބޭނުންކޮށްގެން އާމުދަނީ ހޯދާ، އިގުތިސޯދު ބިނާކުރުމަށް ހުރި ފުރުސަތުތަކާއެކު ރައްޔިތުންގެ ހައްގުތަކެއް ގެއްލި، ޖުމްލަކޮށް ރާއްޖޭގެ ރަށްތަކަށާއި، ދިވެހި އެންމެހާ ރައްޔިތުންނަށް އިޔާދަ ނުކުރެވޭވަރުގެ ގެއްލުން ލިބިގެންދާނެކަން ފާހަގަކޮށްފައިވާނެ ކަމަށެވެ.
ހަމައެއާއިއެކު، ކައުންސިލްގެ ފަރާތުން އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ކުޅުދުއްފުށި ތަމްސީލްކުރާ ރައްޔިތުން ދެ މެންބަރުންކަމުގައިވާ މުހައްމަދު ދާއޫދު އާއި މުހައްމަދު ފަރުހަތުގެ ސަމާލުކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ރަސްމީކޮށް މިމައްސަލައިގައި ސިޓީ ފޮނުވި އެވެ. އެ ސިޓީ ތަކުގައި ކުޅުދުއްފުށީގެ ރައްޔިތުންގެ ހައްގުގައި އެ ބިލަށް ވޯޓު ނުދެއްވުމަށް މެންބަރުންގެ އަރިހުން އެދިލެއްވި އެވެ. މޭޔަރު މުހައްމަދު އާތިފް ސޮއިކުރައްވާ ފޮނުވި މިސިޓީތަކާއެކު ބިލާއި ގުޅިގެން ކައުންސިލުން ކޮށްފައިވާ ދިރާސާގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓްވެސް މެންބަރުންނާއި ހިއްސާކުރިކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފަރާތުން އިއްޔެ މެންދުރު 13:00ގެ ކުރިން ބިލަށް ހިޔާލު ހުށަހެޅުމަށް އާންމުކޮށް ހުޅުވާލި ފުރުސަތުގައިވެސް ކައުންސިލްގެ ފަރާތުންނާއި މޭޔަރގެ އަމިއްލަ ހައިސިއްޔަތުން ބިލާއި މެދު ހުރި ކަންބޮޑުވުންތައް ސިޓީ އަދި އީ-މެއިލްގެ ޒަރިއްޔާއިން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު، މައްޗަންގޮޅި މެދު ދާއިރާގެ އިއްޒަތްތެރި މެންބަރު އަހުމަދު ސަމީރުގެ ސަމާލުކަމަށްވެސް ގެންނެވި އެވެ.
"ނަމަވެސް ރޭވަނީ މި ކަންބޮޑުވުންތަކަށް ރިއާޔަތްކުރުމެއްނެތި، ފޮނުވާފައިވާ ޚިޔާލުތަކަށް ބެލުމެއްނެތި މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން މިބިލް ފާސްކޮށްފައެވެ. އަދި ކައުންސިލްތަކުންނާއި ރައްޔިތުން ފޮނުވާފައިވާ ޚިޔާލުތަކަށް ރިއާޔަތްކުރުމެއްނެތި އަވަސް އަރުވާލައިގެން، ޒިންމާދާރުކަން ކުޑަކޮށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިބިލު ފާސްކޮށްފައިވާކަންވެސް ހިތާމައާއެކު ފާހަގަކޮށް އެކަން ކުށްވެރިކުރަމެވެ. އެހެންނަމަވެސް މަޖިލީހުން ފާސްކުރިގޮތަށް ބިލު ތަސްދީގުނުކުރުމަށް އަދިވެސް ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލަމެވެ." މޭޔަރު އާތިފް ސޮއިކުރައްވައި ނެރުއްވި ބަޔާނުގައިވެ އެވެ.
ރައީސް މުހައްމަދު ޑރ މުއިއްޒު މާލޭ މޭޔަރަކަށް ހުންނަވައި ދިފާއު ކުރެއްވި ލާމަރުކަޒީ ނިޒާމުގެ އުސޫލުތަކާ ހިލާފު ބިލެއް ހަމަ އެމަނިކުފާނުގެ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން އެވެ. ބިލާއެކު އަތޮޅުތެރޭގެ ތަރައްގީ ފަހަތަށް އޮއްސައިލައިގެންދާނެ އެވެ. އަދި ރިޔާސީ އިންތިހާބުގައި މުއިއްޒު ވަނީ ލާމަރުކަޒީ ނިޒާމު އިތުރަށް ފުޅާކުރައްވާނެކަމަށްވެސް ވައުދުވެވަޑައިގަންނަވާފަ އެވެ.