މިވަގުތުވެސް ސިޓީ ކައުންސިލުން ރަށުގެ ތަރައްގީއަށް ޖުމްލަ 24 މިލިއަން ރުފިޔާގެ 14 މަޝްރޫއެއް ރަށުގެ ކުންފުނިތައް މެދުވެރިކޮށް ކުރަމުންދާ ކަމަށާއި އެކަމުގެ ސަބަބުން ރަށުގެ ތެރޭގައި އެ ފައިސާ ދައުރުވާނެ ކަން މޭޔަރު ފާހަގަކުރެއްވި
މައި ސަރުކާރަށް ރަށެއްގެ ތަރައްގީއަށް، ރައްޔިތުންގެ ހެވާލާބައަށް މަސައްކަތެއް ނުކޮށްދެވޭއިރު ކައުންސިލްތަކުން ރަށުގެ ތަރައްގީއަށް ކުރާ މަސައްކަތް ހުއްޓުވާލައިފިނަމަ ރައްޔިތުން އިތުރަށް ބިކަވެގެންދާނެކަމުގައި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް ގެނައި ގޯސް ބަދަލުތަކާ ބެހޭ ގޮތުން 'ރާއްޖެ ޓީވީ' ފަލަ ސުރުހީ ޕްރޮގުރާމުގައި މިރޭ ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، ގާނޫނަށް ހުށަހެޅި ގޯސް ބަދަލުތަކުގެ ސަބަބުން އަތޮޅުތެރޭގައި ރައްޔިތުން އިތުރަށް ބިކަވެ ހާލުގައި ޖެހޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ކުޅުދުއްފުށީގެ ވިޔަފާރިތަކުގެ ވިކުރާ ބޮޑުތަނުން ދަށަށް ގޮސްފައިވާކަމަށް ވިޔަފާރިވެރިން ބުނަމުންދާ ކަމަށާއި ދެކޮޅު ނުޖެހިގެން ރަށުގައި ހިންގަމުންދިޔަ މަޝްރޫއު ރެސްޓޯރެންޓެއްވެސް މިހާރު ބަންދުކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ރަށުގައި ހިންގަމުން އައި އެންމެ ބޮޑު އެއް ރެސްޓޯރެންޓްވެސް ބަންދުކޮށްފި. ދެ ކޮޅު ނުޖެހިގެން އެ ބޭފުޅުންވެސް ބަންދުކުރީ. މައިގަނޑު ސަބަބަކީ ރައްޔިތުންގެ އަތުގައި ފައިސާ ނެތިފަ ކުރީގައި 300 ރުފިޔާއަށް ގަންނަ ލިބުނު އެތި މިއަދު 400-500 އަށް އަރައިން ދިޔައީ." އާތިފް ވިދާޅުވި އެވެ.
ދައުލަތުން ބޮޑެތި ބަޖެޓް ފާސްކުރިއިރުވެސް މިދިޔަ ދެ އަހަރު ރަށުގައި ސަރުކާރުން އެއްވެސް ބޮޑު މަޝްރޫއެއް ނުފަށާއިރު ކުރިން ހިނގަމުންދިޔަ މަޝްރޫއުތައްވެސް ހުއްޓިފައިވާ ކަމަށެވެ.
"ރަށެއްގައި އަތޮޅެއްގައި މަޝްރުއޫއެއް ހަރަކާތެއް ނުހިނގާކަމަށްވަންޏާ ރަށުގެ އިގްތިސޯދުގެ ތެރެއަށް ވަންނާނެ އެއްވެސް ފައިސާއެއް ނުހުންނާނެތާ." އާތިފް ވިދާޅުވި އެވެ.
އާތިފް ވިދާޅުވީ، ރައްޔިތުން އަތުގައި ފައިސާ ނެތްއިރު ސަރުކާރުން މިކަމާ މާބޮޑަށް ވިސްނައިގެން ރައްޔިތުން ފުއްދުތެރިކުރެވޭނެ ސިޔާސަތުތަކެއް ބަންޓަން ކޮށްގެން އެމަގުން ކުރިއަށްގެންދާ ތަނެއްވެސް ނުފެންނައިރު ކައުންސިލްތަކުން އެކަމާ ވިސްނައި ރައްޔިތުންގެ ހެވާލާބައަށް ރާވާފައިވާ ރޭވުންތައް ހުއްޓުވާލުމުން އަނެއްކާވެސް ރައްޔިތުން އިތުރަށް ހާލުގައި ޖެހޭނެކަން އާތިފް ފާހަގަކުރެއްވި އެވެ.
މަޖިލީހުންގެ ގެނެސްފައިވާ ގޯސް ބަދަލާއެކު ކައުންސިލްތަކުން މިއަހަރު ހިންގުމަށް ރާވާފައިވާ މަޝްރޫއުތައް ހުއްޓިގެންދާނެ ކަމަށެވެ. އަދި މިވަގުތުވެސް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ރަށުގެ ތަރައްގީއަށް ޖުމްލަ 24 މިލިއަން ރުފިޔާގެ 14 މަޝްރޫއެއް ރަށުގެ ކުންފުނިތައް މެދުވެރިކޮށް ކުރަމުންދާ ކަމަށާއި އެކަމުގެ ސަބަބުން ރަށުގެ ތެރޭގައި އެ ފައިސާ ދައުރުވާނެ ކަން މޭޔަރު ފާހަގަކުރެއްވި އެވެ.
ނަމަވެސް ބަދަލާއެކު މަޝްރޫއުތައް ހުއްޓި، ކުރިއަށް ރާވާފައިވާ ކަންތައް ކުރިއަށްނުގެންދެވޭނެކަމަށް އާތިފް ވިދާޅުވި އެވެ.