އޫކްލާގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކް އެވޯޑް ޖެހިޖެހިގެން ތިން ވަަނަ ފަހަރަށް ދިރާގުން ހޯދައިފިއެވެ.
މި އެވޯޑް ދީފައި ވަނީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުން ފެށިގެން ހަތަރުވަނަ ކުއާޓަރުގެ ޕާފޯމެންސަށް ބަލައިފައެވެ. އޫކްލާއިން މި އެވޯޑް ދިރާގާ ހަވާލުކޮށްފައިވަނީ މިހާރު ސްޕެއިންގެ ބާސެލޯނާގައި ހިނގަމުންދާ 'މޯބައިލް ވޯލްޑް ކޮންގްރެސް 2023' ގައެވެ.
އެ އެވޯޑާ ހަވާލުވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު އިސްމާޢިލް ރަޝީދެވެ.
ރަޝީދު ވިދާޅުވީ، ޖެހިޖެހިގެން ތިން ވަނަ އަހަރުވެސް މި އެވޯޑް ލިބުމުން ދައްކުވައިދެނީ އެންމެ ފުރިހަމަ ޚިދުމަތާއި ފެންވަރު ރަނގަޅު ތަޖުރިބާއެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އެ ކުންފުނީގެ ޓީމުން ކުރާ މަސައްކަތާއި ދޭ ޙާއްސަ އަހައްމިއްޔަތުކަން ކަމަށެވެ.
ޒިފް ޑޭވިސްގެ ޑިވިޝަނެއް ކަމަށްވާ އޫކްލާގެ ރައީސް އަދި ސީއީއޯ ސްޓެފަން ބައި ވިދާޅުވިީ ދިރާގަށް އެ އެވޯޑް ދިނީ ސްޕީޑްޓެސްޓްގެ ތަފްސީލީ ދިރާސާއެއް ހެދުމަށްފަހު ކަމަށެވެ. އަދި މި އެވޯޑަކީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުން ފެށިގެން ހަތަރުވަނަ ކުއާޓަރުގައި މާކެޓުގެ އެހެނިހެން ބޮޑެތި މޮބައިލް ނެޓްވޯކްތަކާ އަޅާބަލާއިރު އާދަޔާޚިލާފު ސްޕީޑާއި ޕާފޯމަންސް ދައްކާ މޮބައިލް ނެޓްވޯކް އޮޕަރޭޓަރުންނަށް ދޭ އެވޯޑެއް ކަމަށް ސްޓެފަން ވިދާޅުވިއެވެ.
އެ އެވޯޑް ދިރާގާ ހަވާލުކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށާއި މިއީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަށް ދިރާގުން މިދިޔަ އަހަރު ކުރި މަސައްކަތުގެ އަލިގަދަ ހެއްކެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު ސްޕީޑް ޓެސްޓު ހަދާ ކުންފުނިކަމަށްވާ އޫކްލާގެ ނެޓްވޯކް ޓެސްޓިން ޕްލެޓްފޯމް ކަމަށްވާ ސްޕީޑްޓެސްޓްއިން ދުވާލެއްގެ މައްޗަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނެޓްވޯކްތަކުގެ ފެންވަރު ބަލައި، އެތައް ސަތޭކަ މިލިއަން ޑޭޓާ އެއްކޮށް ދިރާސާކުރެއެވެ.
ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏަކީ ދިރާގެވެ. އެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށާއި ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި 100 އިންސައްތަ މޮބައިލް 4ޖީ ކަވަރޭޖް ދިރާގުން ފޯރުކޮށްދެއެވެ. މީގެ އިތުރުން އެކުންފުނިން ވަނީ މިހާރު 5ޖީގެ ޚިދުމަތް އާބާދީގެ 50 އިންސައްތައަށް ވެސް ފޯރުކޮށްދީފައެވެ.