twitterviber whatsapp telegramfacebookyoutube instagram
4th May 2024

ދިރާގާއި މަސްވެރިންގެ ޖަމިއްޔާ ގުޅިގެން ބޭއްވި "ޔަންގް ފިޝާސް ކްލަބް" ނިންމާލައިފި

ނަބީލާ އިސްމާޢީލް
Mar 3, 2024

ދިރާގުގެ އެހީތެރިކަމާ އެކު ރާއްޖޭގެ މަސްވެރިންގެ ޖަމިއްޔާއާ ގުޅިގެން ހއ. އިހަވަންދޫގައި ކުރިއަށް ގެންދިޔަ "ޔަންގް ފިޝަރސް ކްލަބް" ނިންމާލައިފިއެވެ.

އިހަވަންދޫ ސްކޫލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ސްކޫލްގެ 25 އަންހެން ދަރިވަރުންނާއި 10 ފިރިހެން ދަރިވަރުން ހިމެނޭ ގޮތަށް ޖުމްލަ 35 ދަރިވަރުން ވަނީ މި ޕްރޮގްރާމްއިން ދަސެވެނިވެފައެވެ.

އެގޮތުން މި ޕްރޮގްރާމް މެދުވެރިކޮށް މަސްވެރިކަމާއި، ކަނޑުގެ މާހައުލާއި، ދެމެހެއްޓެނިވި އާދަކާދަތައް ދަރިވަރުންނަށް ތައާރަފްކޮށް އަސާސީ މައުލޫމާތު ފޯރުކޮށްދީ، އެ އާދަތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ބޭނުންވާ މައުލޫމާތާއި ހުނަރު ވަނީ ދަސްކޮށްދީފައެވެ. މީގެ އިތުރުން ފެތުމާއި ސްނޯކްލިން އަދި އިސްނެގުމާއި އެކުގައި މަސައްކަތް ކުރުން ފަދަ ދިރިއުޅުމުގެ ހުނަރުތަކާ ގުޅޭ މުހިންމު ދާއިރާތަކަށް ވެސް އަލިއަޅުވާލާފައިވެއެވެ. މި ހުނަރުތައް ކުދިންނަށް ދަސްކޮށްދީފައިވަނީ އަމަލީ ތަޖުރިބާއާއެކު މިކަމުގެ މާހިރުންގެ އިރުޝާދުގެ ދަށުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ މަސްވެރިންގެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޝާކިރު މުހައްމަދު ވަނީ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމި ދަރިވަރުންނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި މި ހާސިލުކުރެވުނީ އެ ޖަމިއްޔާއިން ޒުވާނުން މަސްވެރިކަމުގެ ސިނާއަތައް ޝައުގުވެރިކުރުވުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ލަނޑުދަނޑިއެއް ކަމުގައި ފާހަގަކުރެއްވިއެވެ. ޝާކިރުގެ ވާހަކަފުޅުގައި މި ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަކީ މުސްތަގްބަލުގައި އިހަވަންދޫ ސްކޫލްގައި ހިންގާ ކްލަބްގެ ޙަރަކާތްތަކުގައާއި އެހެނިހެން ސްކޫލްތަކުގައި ހިންގާ ޔަންގް ފިޝަރސް ކްލަބްގެ ޙަރަކާތްތަކުގައި ލީޑަރުންގެ ގޮތުގައި ފެނިގެން ދިއުމަށް އުންމީދުކުރާ ކަމުގައި ވިދާޅުވިއެވެ.

"'ޔަންގް ފިޝަރސް ކްލަބް އަކީ މި ސްކޫލަށް ލިބުނު ރަނުގެ ފުރުސަތެއް. ތިމާވެއްޓާއި މަސްވެރިކަމާއި ކަނޑުފަޅާއި އޮޔާއި ވައިގެ އަސަރުތައް ދަރިވަރުންނަށް ޕްރޮގްރާމް މެދުވެރިކޮށް ތަޖުރިބާ ކުރެވުނު. އަދި ތިމާވެއްޓާއި ކަނޑުތައް ހިމާޔަތް ކުރުމަށްޓަކައި މުރަކަ އިންދާ ހައްދާނެ ގޮތާއި ފަރުތައް ހިމާޔަތްކުރުމާއި ގުދުރަތީ ވަސީލަތްތައް ހެޔޮ ގޮތުގައި ބޭނުންކުރާނެ ގޮތްތަކާ މެދު ކުދިންގެ ޝައުގުވެރިކަން އުފެދުނު. އަދި ނަތީޖާއެއްގެ ގޮތުން ސްކޫލް ކަރިކިއުލަމް ތަންފީޒް ކުރުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދިޔަ." އިހަވަންދޫ ސްކޫލްގެ ޕްރިންސިޕަލް އަޙްމަދު ރަޝީދު ވިދާޅުވިއެވެ.

"މި ޕްރޮގްރާމުން ދަސްވެނިވި 35 ދަރިވަރުންގެ ތެރެއިން 25 ދަރިވަރުންނަކީ އަންހެން ކުދިންކަން އަޅުގަނޑު ވަރަށް ފަޚުރުވެރިކަމާ އެކު ފާހަގަކުރަން. މިއީ މި ޕްރޮގްރާމްއިން ދެ މިންތިއަށް އިސްކަންދޭކަން ދައްކުވައިދޭ އަލިގަދަ ހެއްކެއް. އަދި މަސްވެރިކަން ފަދަ ދިވެހިރާއްޖޭގެ އަސާސީ ސިނާއަތެއްގައި ދެ މިންތީގެ ހަމަހަމަ ބައިވެރިވުމާއި ތަމްސީލުކުރުމަށް މަގުފަހިކޮށްދިނުމަށްވެސް އެޅޭ މުހިންމު ފިޔަވަޅެއް." ދިރާގުގެ ކުޅުދުއްފުށީ އޮޕަރޭޝަންސް ސެންޓަރުގެ މެނޭޖަރ، އަބްދުالله ސާދިގު ވިދާޅުވިއެވެ.

ޔަންގް ފިޝާސް ކްލަބުގައި ބައިވެރިވި ދަރިވަރުން ވަނީ މި ޕްރޮގްރާމްގެ ސަބަބުން ބަޔޯޑައިވަރސިޓީއާއި، މަސްވެރިކަމާއި، މޫސުމާ ގުޅުންހުރި އަގުހުރި ހުނަރުތަކާއި، އެއްކޮށް މަސައްކަތް ކުރުމާއި އިސްނެގުން ފަދަ ހުނަރުތައް ދަސްވިކަމަށް ބުނެފައެވެ.

އެގޮތުން މި ސެޝަންތަކުގެ ޒަރިއްޔާއިން ދަރިވަރުންނަށް ރާއްޖޭގެ މަސްވެރިކަމުގެ ތާރީޚާއި، ކަނޑުގެ މާޙައުލާއި، މޫސުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ޑިޒާސްޓާރ މެނޭޖްމެންޓްއާއި ބަޔޯޑައިވަރސިޓީއާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، ފަސްޓް އެއިޑް، މަސްވެރިކަން މެނޭޖްކުރުމާއި، ޕޯސްޓް ހާރބަޓް ޓެކްނޮލޮޖީއާއި، ނެވިގޭޝަން އަދި ކޮމިއުނިކޭޝަން ސްކިލްސް ދަސެވެގެންދިޔައެވެ.

ޒުވާނުން ކުރިއަރުވާ ބާރުވެރިކުރުވާ ތިމާވެށި ހިމާޔާތްކުރުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގައި ވަރަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެވިފައިވާ ދާއިރާތަކެކެވެ. ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަނޑުތައް ހިމާޔަތްކުރުމާއި ޒުވާނުން ބާރުވެރިކުރުވުމަށް ކުރިއަށްގެންދާ މިފަދަ ޕްރޮގްރާމްތަކަށް އެއްބާރުލުން ދިނުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355